ރަންވީރުގެ ޝޯ ބޮއިކޮޓްކުރަނީ އެ ޝޯއަށް ދައުވަތު ނުދޭ ތަރިންކަމަށް ބުނެފި

މަޝްހޫރު ޔޫޓިއުބަ އަދި ޕޮޑްކާސްޓަ ރަންވީރު--ފޮޓޯ/މިޑް-ޑޭ

އިންޑިއާގެ މަޝްހޫރު ޕޮޑްކާސްޓަ ރަންވީރު އައްލަހްބާދިއާގެ ޝޯ ބޮއިކޮޓްކޮށްފައިވާ ކަމަށް ބުނާ ތަރިންނަކީ އެ ޝޯއަށް އެއްވެސް އިރަކު ދައުވަތުދީފައި ނުވާ ތަރިންތަކެއް ކަމަށް ރަންވީރު ބުނެފިއެވެ.

އަމިއްލަ ޔޫޓިއުބް ޗެނަލްއެއް ހިންގަމުން އަންނަ ރަންވީރުގެ ޝޯއަށް ނުދާނެ ކަމަށް ފިލްމީ ދާއިރާގެ ބައެއް ތަރިންތައް ބުނެފައި ވަނީ ޔޫޓިއުބް މެދުވެރިކޮށް ގެނެސްދެމުން އަންނަ "އިންޑިއާސް ގޮޓް ލެޓެންޓު" ޓެލެންޓު ޝޯގައި ރަންވީރު ދެއްކި ބޭއަދަބީ ވާހަކަތަކާ ގުޅިގެންނެވެ.

ބިއަބައިސެޕްސްގެ ނަމުން މަޝްހޫރު ޕޮޑްކާސްޓަ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، "އިންޑިއާސް ގޮޓް ލެޓެންޓް"ގައި ދިމާވި ކަންކަމާ ގުޅިގެން އޭނާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.

ރަންވީރު ހޮލީވުޑް އެކްޓަރު އާނޯލްޑް ޝްވޯޓްޒަނޭގާއާ އެކު--ފޮޓޯ/މިޑް-ޑޭ

ރަންވީރުގެ ޝޯއަށް ނާންނާނެ ކަމަށް ބުނެ މީޑިއާތަކުގައި ސްޓޭޓްމަންޓްތައް ނެރުނު ތަރިންނަކީ ހަގީގަތުގައި އެ ޝޯއަށް ދައުވަތު ނުދޭ މީހުން ކަމަށާއި އެފަދަ ސްޓޭޓްމަންޓްތައް ނެރުމުން އެކަމާ ވަރަށް ބޮޑަށް ރުޅި އައި ކަމަށް ރަންވީރު ވަނީ ބުނެފައެވެ.

ރަންވީރު އަމިއްލައަށް ވިސްނާނުލާ ބުނެވުނު އެއްޗެއްގެ ސަބަބުން އަމިއްލަ ކެރިއަރަށް އޭގެ ނޭދެވޭ އަސަރުކުރިއިރު ބަޔަކު މީހުން އެކަމުގެ ފައިދާ އެ ދަނޑިވަޅުގައި ނެގިކަމަށް ރަންވީރު ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

އެފަދަ މީހުންނަށް ރަންވީރު މާފުކޮށްފި ކަމަށާއި އޭނާއަށް ހެދުނު ގޯހުން އަރައިގަނެ މުސްތަގްބަލުގައި އެފަދަ ގޯސްތައް ނެހެދުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޕޮޑްކާސްޓާ ވަނީ ބުނެފައެވެ.

ރަންވީރު ޕޮޑްކާސްޓް ޝޯ ގެނެސްދެމުން އަންނަތާ ހަ އަހަރުވެފައިވާއިރު އޭނާގެ ޝޯއަށް އިންޑިއާގެ ފިލްމީ ދާއިރާގެ އިތުރުން ނުފޫޒުގަދަ އެހެން ފަންނާނުން ވެސް ވަނީ ގެނެސްފައެވެ. އޭގެތެރޭގައި ސެލެބްރިޓީ ފަންނާނުންގެ އިތުރުން ކުޅިވަރުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ އަދި ބޭރުގެ ބައެއް ފަންނާނުން ވެސް ހިމެނެއެވެ.

comment ކޮމެންޓް