ޕާސީ ޖެކްސަންގެ ތިންވަނަ ސީޒަންގެ ޝޫޓިން ފަށައިފި

ރިކް ރިއޯޑަންގެ މަޝްހޫރު ވާހަކަ ސީރީޒް "ޕާސީ ޖެކްސަން"އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޝޯގެ ތިންވަނަ ސީޒަންގެ ޝޫޓިން ފަށައިފިއެވެ.

ކޮންމެ އަހަރަކު އާ ސީޒަންއެއް ގެނެސްދޭނެ ކަމަށް ޕްރޮޑަކްޝަނުން އަންގާފައިވާ މި ޝޯގެ ދެވަނަ ސީޒަން ޑިޒްނީން އިއުލާނުކޮށް ޓްރެއިލަރެއް ދާދިފަހުން އާންމުންނަށް ދޫކޮށްލާފައިވެއެވެ.

ޝޯގެ ދެވަނަ ސީޒަން ދައްކަން ފެށުމުގެ ކުރީން ތިންވަނަ ސީޒަންގެ ޝޫޓިން މަސައްކަތް ވަނީ ފަށައިފައެވެ. އެއީ ވާހަކަ ސީރީޒްއާ އެއްގޮތަށް ކެރެކްޓަރުންގެ އުމުރު ފޮތާ ދިމާކޮށް ޝޯއިން ދެއްކުމަށް ބޭނުންވާތީ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ.

ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ ޕްލަސްއިން ދައްކާ މި ޝޯގެ ދެވަނަ ސީޒަން ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުގެ 19 ވަނަ ދުވަހެވެ. މިއީ ޝޯގެ ފުރަތަމަ ސީޒަންގެ ފުރަތަމަ އެޕިސޯޑް ވެސް ޕްރިމިއާ ކުރި ދުވަހެވެ.

"ޕާސީ ޖެކްސަން އެންޑް ދި އޮލިމްޕިއަންސް"ގެ ފުރަތަމަ ސީޒަންގައި އުމުރުން 12 އަހަރުގެ ޕާސީ ޖެކްސަންއަށް އޭނާގެ "ލައިޓްނިން ބޯލްޓް" ވަގަށް ނެގިކަމަށް ތުހުމަތު ކުރުމުން، އާދަޔާ ޚިލާފު ކަންކަން ފެނި، ބާރުތަކެއް ލިބެއެވެ. އަދި ޕާސީގެ އެންމެ ގާތް ދެ ރަހްމެތްތެރިންގެ އެހީގައި އޭނާގެ ބާރުތައް ބޭނުންކުރަން ދަސްކޮށް، ސުލްހަވެރިކަން ގާއިމުކުރަން މަސައްކަތް ކުރެއެވެ.

މި ސީރީޒްގައި ޕާސީގެ ރޯލް އަދާކުރަނީ ވޯކާ ސްކޯބެލް އެވެ. އަދި ގްރޯވާގެ ރޯލް އާރްޔަން ސިމްހަޑްރީ އަދާކުރާއިރު، އެނަބެތްގެ ރޯލް އަދާކުރަނީ ލިއާ ޖެފްރީޒް އެވެ. މިއީ ޒޫސްގެ ރޯލް އަދާކުރާ އެކްޓާ ލާންސް ރިޑިކް އެންމެ ފަހުން ފެންނާނެ ރޯލެވެ. ލާންސް ރިޑިކް ވަނީ 2023 ވަނަ އަހަރު މަރުވެފައެވެ.

comment ކޮމެންޓް