ރާއްޖޭގެ 11 ރަށެއްގެ މަގުތައް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި 11 މަޝްރޫއު ހައުސިން މިނިސްޓްރީން، އާރުޑީސީއަށް ދީފައިވަނީ 730 ދުވަސްތެރޭގައި ނިންމުމަށް ޝަރުތުކޮށްފައެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް، އާރުޑީސީ އާއި ހަވާލުކުރި ރަށްތަކާއި މަޝްރޫއުގެ އަގު:
- ހއ. ތުރާކުނު: 65.5 މިލިޔަން ރުފިޔާ
- ހދ. ނޮޅިވަރަންފަރު: 101.2 މިލިޔަން ރުފިޔާ
- ހދ. ފިނޭ: 65.5 މިލިޔަން ރުފިޔާ
- ށ. މަރޮށި: 60.2 މިލިޔަން ރުފިޔާ
- ނ. މާފަރު: 116 މިލިޔަން ރުފިޔާ
- ބ. ތުޅާދޫ: 70.9 މިލިޔަން ރުފިޔާ
- ބ. ކުޑަރިކިލު: 53.5 މިލިޔަން ރުފިޔާ
- މ. މުލި: 85 މިލިޔަން ރުފިޔާ
- ތ. ގުރައިދޫ: 74.4 މިލިޔަން ރުފިޔާ
- ތ. ހިރިލަންދޫ: 70.5 މިލިޔަން ރުފިޔާ
- ތ. ކިނބިދޫ: 79.5 މިލިޔަން ރުފިޔާ
މި 11 ރަށުގެ މަގުތައް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިންސްފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ހަސަން ރަޝީދުއެވެ. އަދި، އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހީމް ނަޒީމްއެވެ.

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް، އާރުޑީސީ އާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި: ފޮޓޯ/ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
އާރުޑީސީ އުފެދުނުފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ މަޝްރޫއުތައް ހަވާލުކުރަނީ އެ ކުންފުންޏާއެވެ. އެހެންނަމަވެސް، ރާއްޖޭގެއެކި ރަށްތަކުގައި ފަށާފައިވާ ގިނަ މަޝްރޫތައް ހުއްޓި، ކުރިޔަށް ނުދާތީ، އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.