ކާޖޮލްގެ ވެބް ސީރީސް 'ދަ ޓްރަޔަލް'ގެ ދެވަނަ ސީޒަން އަންނަ މަހު

ބަތަލާ ކާޖޮލް ވެބް ސީރީސް "ދަ ޓްރަޔަލް"ގެ ފުރަތަމަ ސީޒަންގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލިވުޑް ބަތަލާ ކާޖޮލް ދޭވްގަން ވަކީލެއްގެ ރޯލްއިން ފެނުނު ފުރަތަމަ ވެބް ސީރީސް "ދަ ޓްރަޔަލް"ގެ ދެވަނަ ސީޒަން އަންނަ މަހު ގެނެސްދޭނެކަން އިއުލާނުކޮށްފިއެވެ.

"ދަ ޓްރަޔަލް: ޕިޔާރު ޤާނޫނޫ ދޯކާ"އަކީ މީގެ ދެ އަހަރު ކުރިން އޭރުގެ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދިން ކޯޓް ޑްރާމާއެކެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި ވެބް ސީރީސް ސްޓްރީމިންގްއަށް ދޫކޮށްލަނީ ޖިއޯހޮޓްސްޓާއަށެވެ. ޖިއޯހޮޓްސްޓާއިން މިދިޔަ ބުދަ ދުވަހު މި ސީރީސްގެ ދެވަނަ ސީޒަން ގެނެސްދޭ ތާރީޚު އިއުލާނުކުރަމުން ބުނެފައި ވަނީ "ދަ ޓްރަޔަލް" ދޫކޮށް ކާޖޮލް ނުދާ ކަމަށާއި އެނބުރި އަންނަނީ ވެސް އެ ޖޯޝުގައި ކަމަށެވެ.

ކާޖޮލް އެކްޓަރު އަދި ފިރިމީހާ އަޖޭ ދޭވްގަންއާ އެކު--ފޮޓޯ/ފިލްމުފެއަ

ސުޕާން ވަރުމާ ޑައިރެކްޓްކޮށްފައިވާ "ދަ ޓްރަޔަލް" އަކީ "ދަ ގުޑް ވައިފް"ގެ ނަމުގައި ގެނެސްދިން އެމެރިކާގެ ލީގަލް ސީރީސްގެ އިންޑިއާ ވާޝަންއެވެ. ކާޖޮލްއާ އެކު މި ސީރީސްއިން ފެންނާނެ މުހިއްމު ތަރިންގެތެރޭ ޖިޝޫ ސެންގުޕްތާ، ޝީބާ ޗައްދާ، ކުބްރަތު ސައިތު އަދި އާމިރު އަލީ ހިމެނެއެވެ.

މި ސީރީސްގެ ދެވަނަ ސީޒަންއިން ކާޖޮލް ފެންނަނީ ގާނޫނީ ދާއިރާއިން ލިބުނު ތަޖުރިބާގެ އަލީގައި ކުރިއަށްވުރެ މާ ވަރުގަދަކޮށް މަސައްކަތްކޮށް، އަމިއްލަ އާއިލާއަށް ރައްކާތެރިކަން ހޯދުމަށް މަސައްކަތްތައް ކުރާ މަންޒަރެވެ.

ކާޖޮލް އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "މާ" އަދި ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން މިދިޔަ މަހު ޖިއޯހޮޓްސްޓާގައި ޕްރީމިއާ ކުރި ފިލްމު "ސަރުޒަމީން"އިންނެވެ.

ކާޖޮލްގެ ފިރިމީހާ، އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވި ފިލްމު "މާ"އަކީ ކާޖޮލް ބިރުވެރި ޖޯންރާގެ ފިލްމެއްގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް