ބައްސާމުގެ ދައުރުގައި އެފްއޭއެމްއަށް ލިބުނު ގެއްލުމުން އަރައިގަންނަން ފިޔަވަޅުތަކެއް އަޅަނީ

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ ފައިސާގެ އެހީތެރިކަމާއެކު ހަދަމުންދިޔަ އިމާރާތުގައި ފީފާގެ އުސޫލާ ހިލާފަށް ޕާކުކޮށްފައި-- ފޮޓޯ: ސަން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ކޮށްފައިވާ އުސޫލާ ހިލާފު ގިނަ ކަންކަމަށް ހައްލެއް ހޯދުމަށް މިހާރުގެ މެނޭޖްމަންޓުން މަސައްކަތްތަކެއް ފަށާ، ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

އެފްއޭއެމްގެ އެކްސްކޯއިން އިއްޔެ ބޭއްވި ދެވަނަ ބައްދަލުވުމުގައި ހުޅުމާލޭގައި ފުޓްބޯޅަ ސްކޫލެއް ޤާއިމުކުރުމަށް އެ އެސޯސިއޭޝަނަށް ކުރިން ދިން ބިމާ ގުޅޭ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލްގެ އެހީތެރިކަން ހޯދުމަށާއި، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ ހުއްދަނެތި އިމާރާތުގެ ކުރެހުމަށް ބަދަލުގެނެސް އެތަނުގައި ގުދަންތަކެއް ހެދި މައްސަލައިގައި ވެސް ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ.

އެފްއޭއެމުން ބުނީ ހުޅުމާލޭގައި ފުޓްބޯޅަ ސްކޫލެއް އިމާރާތްކޮށް، ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީއެއް ޤާއިމުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ އެސޯސިއޭޝަނާ ހަވާލުކުރި ބިމުގެ މަގުސަދާ ހިލާފަށް ވަރަށް ގިނަ ކަންކަން ގޮސްފައިވާކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން ފުޓްބޯޅަ ޓްރެއިނިން ސްކޫލް އެޅުމަށް ދޫކުރި ބިމާބެހޭ ހާއްސަ އޮޑިޓެއް ކުރުމަށް ނިންމައި، އެ އޮޑިޓްކުރުމުގައި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މާފަންނުގައި ކުރީގެ މެނޭޖްމަންޓުން ދޫކޮށްފައިވާ ގުދަންތައް-- ފޮޓޯ: ސަން

މީގެއިތުރުން ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުމަށް ދޫކުރި ބިން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާކަމަށް ފެންނާތީއާއި، އެފްއޭއެމްގައި އެ ބިންތައް ކުއްޔަށްދޫކުރިކަމުގެ ހުރިހާ އެއްބަސްވުންތަކެއް ފެންނަންނެތުމާއެކު އެފަދަ އެއްބަސްވުމެއް އޮތް ފަރާތެއްނަމަ އެ ފަރާތެއް (މީގެތެރޭގައި ސަބްލީސްކޮށްފައިވާ ފަރާތެއްވާނަމަ އެފަރާތް ވެސް ހިމެނޭގޮތަށް) އެ އެއްބަސްވުމެއްގެ ކޮޕީ އެ އެސޯސިއޭޝަނާ ހިއްސާކޮށްދިނުމަށް އެދި އާއްމު އިއުލާނެއް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ ފައިސާގެ އެހީތެރިކަމާއެކު ހަދަމުންދިޔަ އިމާރާތް، ފީފާގެ ހުއްދަނެތި އިމާރާތުގެ ކުރެހުމަށް ބަދަލުގެނެސް، ގުދަންތަކެއް ހަދައި، އެ ގުދަންތައް ކުއްޔަށްދީފައިވާ ކަމަށް ފެންނާތީއާއި، އެފްއޭއެމްގައި އެ ގުދަންތައް ކުއްޔަށް ދޫކުރިކަމުގެ ހުރިހާ އެއްބަސްވުންތަކެއް ފެންނަން ވެސް ނެތުމާއެކު އެފަދަ ސައްހަ އެއްބަސްވުމެއް އޮތް ފަރާތެއްވާނަމަ އެ ފަރާތެއް (މީގެތެރޭގައި ސަބްލީސްކޮށްފައިވާ ފަރާތެއްވާނަމަ އެ ފަރާތެއް ވެސް ހިމެނޭގޮތަށް) އެ އެއްބަސްވުމެއްގެ ކޮޕީ އެ އެސޯސިއޭޝަނާ ހިއްސާކޮށްދިނުމަށް އެދި އާއްމު އިއުލާނެއް ކުރުމަށް ނިންމާފައިވެއެވެ.

އަދި، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ ފައިސާގެ އެހީތެރިކަމާއެކު ހަދަމުންދިޔަ އިމާރާތަށް އެފްއޭއެމުން ވަކިގޮތެއް އަންގަންދެން އެއްވެސް ބަދަލެއް ނުގެނައުމަށާއި، އެ އިމާރާތް ހިމެނޭ ބިމުގެ ސަރަހައްދުގައި އިތުރު އިމާރާތެއް ވަގުތީގޮތުން ވެސް ނުހެދުމަށް އާއްމުކޮށް އިއުލާނުކޮށް އެންގުމުގެ އިތުރުން އެ ސަރަހައްދުގައި އެކަން އަންގާ ނޯޓިސް ހަރުކުރުމަށް ވެސް އެ އެސޯސިއޭޝަނުގެ އެކްސްކޯއިން ވަނީ ނިންމާފައެވެ.

މި ބިންތައް ކުއްޔަށް ދޫކުރި ދުވަސްވަރު އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވީ ބައްސާމެވެ. މިދިޔަ އަހަރުގެ ޖޫން މަހު ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ނުވަ މަސް ދުވަހަށް ބައްސާމް ސަސްޕެންޑްކޮށްފައެވެ. މީގެއިތުރުން، ބައްސާމްގެ މައްޗަށް ރާއްޖޭގެ ކޯޓުތަކުގައި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއްގެ ތުހުމަތުކޮށް، ވަނީ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް