ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރުފުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އުފެއްދި ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަނަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އެފްއޭއެމުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުމާއި ކުލަބުތަކުގެ ބައިވެރިވުމާއެކު ގިނަ ނިންމުންތަކެއް ނިންމުން ހިމެނެއެވެ.
އޭގެތެރެއިން، ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބިލް ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރުގެ ޖޫން މަހަށް ތާވަލުކޮށްފައިވާ މުބާރާތުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް އެކުލަވާލި "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގައި ސުޒެއިންގެ އިތުރުން ދެން ހިމެނެނީ؛ ޑެޕިއުޓީ ޗެއާޕަސަންގެ ގޮތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން އަހުމަދު މުބީން، މެންބަރުންގެ ގޮތުގައި ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު، އަބްދުލް ލަތީފް މުހައްމަދެވެ.
އެފްއޭއެމްގެ އެކްސްކޯއިން ފާސްކުރި ކޮމިޓީތަކަށް ބަލާއިރު، ވިމެންސް ފުޓްބޯލް ކޮމިޓީގައި ހިމެނެނީ؛ ޗެއާޕާސަންގެ ގޮތުގައި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އިބްރާހިމް (ކައްޕި)، ޑެޕިއުޓީ ޗެއާޕާސަނަކަށް އެފްއޭއެމްގެ އެކްސްކޯ މެންބަރު، ހައްވާ ނަސްރާ ސައީދު އާއި މެންބަރެއްގެ ގޮތުގައި އެކްސްކޯގައި އިންނަވާ ހައްވާ ރަޝީދާއެވެ.
އެމޭޗާ އެންޑް ގްރާސްރޫޓްސް ކޮމިޓީގެ ޗެއާޕާސަންގެ ގޮތުގައި، އެފްއޭއެމްގެ އެކްސްކޯ މެންބަރު މުހައްމަދު އުމެއިރު ހިމެނޭއިރު، ޑެޕިއުޓީ ޗެއާޕާސަނަކަށް އޮޑި ސްޕޯޓްސް ކްލަބުގެ ފަރީދު މުހައްމަދު އާއި މެންބަރުންގެ ގޮތުގައި ގްރީން ސްޓްރީޓްސްގެ ލޫތު މުހައްމަދު، ނިއު ރޭޑިއަންޓްގެ ޒަހީނުއްދީން އާއި މާޒިޔާގެ މުހައްމަދު އަރީފު ހިމެނެއެވެ.
މީގެއިތުރުން، އެޑްހޮކް ކޮމިޓީތަކުގެ ތެރެއިން، ފުޓްސަލް އެންޑް ބީޗްސޮކާ ކޮމިޓީގެ ޗެއާޕާސަންގެ ގޮތުގައި، އެފްއޭއެމްގެ ނައިބު ރައީސް، މުޖުތަބާ ޖަލީލް (މުޖޭ) ހަމަޖައްސާފައިވާއިރު، ވައިސް ޗެއާޕާސަނަކަށް، ހަމަޖެއްސީ އެފްއޭއެމްގެ އެކްސްކޯ މެމްބަރު، އިމްރާން މުހައްމަދެވެ. މި ކޮމިޓީގައި ހިމެނޭ އިތުރު މެންބަރުންނަކީ، ޓީސީ ސްޕޯޓްސް ކްލަބުން ހުސެއިން ނިހާދު އާއި އޮޑި ސްޕޯޓްސް ކްލަބުން އަބްދުﷲ ޝައްފާނެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950ވަނަ އަހަރެވެ. އެހެންކަމުން، ފުޓްބޯޅައަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 2000ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ"ގެ ނަމުގައި އެ އަހަރު ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވާފައެވެ.