ކުރިން ހުންނެވި އުއްތަމަފަނޑިޔާރު ރިޓަޔާކުރެއްވުމާ ގުޅިގެން މިއަދު ވަނީ އާ އުއްތަމަފަނޑިޔާރެއް އައްޔަންކުރައްވައިފައެވެ. އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ފަސްވަނަ އުއްތަމަފަނޑިޔާރެވެ.
އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފަށައި މިވީ 17 ވަރަކަށް އަހަރު ތެރޭ މީގެ ކުރިން ހަތަރު ބޭފުޅަކު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާއިރު، ޢަބްދުލްޣަނީ މުޙައްމަދަކީ އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން އައްޔަން ކުރެވުނު ފަސްވަނަ އުއްތަމަ ފަނޑިޔާރެވެ.
މިއީ އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ރާއްޖޭގެ ޝަރުއީ ދާއިރާގެ ހަރުގަނޑުގެ އެންމެ ތިރިން ފަށައިގެން އެންމެ މައްޗަށް ކުރި ދަތުރުގެ ވާހަކައެވެ.
މީގެ ކުރިން އުއްތަމަފަނޑިޔާރުކަން ކުރެއްވި ބޭބޭފުޅުންނާ ހިލާފަށް، ޢަބްދުލްޣަނީ މުޙައްމަދަކީ ޖުޑިޝަރީގެ އެންމެ ތިރީ ހަރުފަތުން ފަށައިގެން އެންމެ މައްޗަށް ދަތުރުކުރެއްވި ފަނޑިޔާރެކެވެ. ހުރިހާ މަރުހަލާއެއްގެ ކޯޓުތަކެއްގައި އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވެސް އިސްކޮށް މަސައްކަތްކުރެއްވުމަށް ފަހު އުއްތަމަފަނޑިޔާރުކަން ކުރައްވާ ފުރަތަމަ ފަނޑިޔާރުގެ ގޮތުގައި ޢަބްދުލްޣަނީ މުޙައްމަދުވަނީ ދިވެހި ތާރީޚުން ޖާގައެއް ހޯއްދަވާފައެވެ.
ޖުޑިޝަރީގައި ޢަބްދުލްޣަނީ މުޙައްމަދު މަސައްކަތް ފެއްޓެވީ، މީގެ 25 އަހަރު ކުރިންނެވެ. އެ ގޮތުން، 2000 ވަނަ އަހަރުގެ ޖުލައި މަހު އޭރުގެ މަދަނީ ކޯޓުގެ ގާޒީކަމުން ޖުޑިޝަރީގެ ދަތުރު ޢަބްދުލްޣަނީ މުޙައްމަދު ފެއްޓެވުމުގެ ކުރިން މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމުޙާޞިލު ކުރެއްވިއެވެ. އޭގެ ކުރިން މަސައްކަތް ކުރެއްވީ އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒްގައެވެ.
އެއަށް ފަހު، 2000 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 2004 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް މަދަނީ ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު ޢަބްދުލްޣަނީ މުޙައްމަދު ދެން މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގައެވެ. އޭރު އޮންނަ ގޮތުން ހައިކޯޓަކީ އެންމެ މަތީ މަރުހަލާގެ ކޯޓެވެ. އޭރު ސުޕްރީމް ކޯޓެއް ނޯވެއެވެ. މާރިޗު 14، 2004 ގައި ހައިކޯޓަށް އައްޔަންކުރެއްވި ޢަބްދުލްޣަނީ މުޙައްމަދުވަނީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރައްވާފައެވެ. އެއީ، އާ ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓެއް އުފަންވުމާ އެކުއެވެ.
ޢަބްދުލްޣަނީ ވަނީ އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ފުރަތަމަ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފައެވެ. އެގޮތުން، 2008 ވަނަ އަހަރު އެކުލަވައިލި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވުމަށް ފަހު، ޖެހިގެން އައި އަހަރު، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ވެސް އެ މަނިކުފާނު ފުރުއްވިއެވެ.
އޭގެ ފަހުން 2015 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުތަކަކާ އެކު ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ގާއިމުކުރިއެވެ. ދެ ގޮފީގެ ތެރެއިން ފުރަތަމަ މަސައްކަތް ފެށީ ހައިކޯޓުގެ ދެކުނު ގޮފީގައެވެ. ޢަބްދުލްޣަނީއަކީ ހައިކޯޓުގެ ދެކުނު ގޮތްޕަށް ފުރަތަމަ އައްޔަންކުރެއްވި އިސް ފަނޑިޔާރު ވެސް މެއެވެ. ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކުރެވި، އެ ކޯޓުގެ ޝަރީއަތްތަށް އައްޑުއަތޮޅުގައި ފެށުނީ ސީދާ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އޭރު އެ ކޯޓުގައި ތިއްބެވީ ޢަބްދުލްޣަނީ ހިމެނިވަޑައިގަންނަވާހެން ތިން ފަނޑިޔާރުންނެވެ.

އަބްދުލްޣަނީ މުހައްމަދު: އެ މަނިކުފާނު ވަނީ އުއްތަމަފަނޑިޔާރުކަމަށް އައްޔަންކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އައްޑޫގައި ގާއިމުކުރި ހައިކޯޓުގެ ގޮފީގައި މަސައްކަތް ކުރެއްވުމަށް ފަހު، ޢަބްދުލްޣަނީ އަނެއްކާ ވެސް މަސައްކަތް ކުރެއްވީ މާލޭގައި ހުންނަ ހައިކޯޓުގެ ފަނޑިޔާރުކަމުގައެވެ. އެއަށް ފަހު ދެން ބަދަލުވެވަޑައިގަތީ ސުޕްރީމް ކޯޓަށެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމާއި ހައިކޯޓުގެ އަދި ހައިކޯޓުގެ ދެކުނު ގޮފީގެ އިސްފަނޑިޔާރުކަން ކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓަށް ޢަބްދުލްޣަނީ އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ޖޫން 28، 2018 އިން ފެށިގެން ޑިސެންބަރު ހަތަރެއް، 2019 އާ ހަމައަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަން އެ މަނިކުފާނު ކުރެއްވިއެވެ.
އޭރު އޮތް ސުޕްރީމް ކޯޓުގެ މުޅި ބެންޗަށް ފަހުން ބަދަލު ގެނައީއެވެ. ޣަނީ ވެސް އޭރު ސުޕްރީމް ކޯޓުން ވަކިކުރިއެވެ.
އެހެންވެ، 2019 ވަނަ އަހަރުން ފެށިގެން އަބްދުލްޣަނީ މަސައްކަތްކުރެއްވީ ޤާނޫނާއި ޝަރީއަތުގެ ރޮނގުން މީހުން ތަމުރީން ކުރުމުގައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި ވިލާ ކޮލެޖް އަދި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގައި އެ މަނިކުފާނު ކިޔަވައިދެއްވިއެވެ.
އެ މަނިކުފާނު އަލުން އެނބުރި ގާނޫނީ ދާއިރާއަށް ގުޅިވަޑައިގެންނެވީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހެވެ. އޮކްޓުބަރު 24، 2024 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އެ މަނިކުފާނު ވަނީ އައްޔަންކުރައްވާފައެވެ. ޢަބްދުލްޣަނީ ވަނީ ތިން މަރުހަލާގެ ކޯޓުތަކުގައި ފަނޑިޔާރުކަން އަދި ޓްރައިބިއުނަލްގެ މެންބަރުކުރަން ކުރެއްވި ފުރަތަމަ ބޭފުޅާގެ ޝަރަފާ އެކު ތާރީޚުން ޖާގަ ހޯއްދަވައިފައެވެ.
މިއަދު ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމުގެ މަގާމުގެ ހުވައިކުރެއްވި ޢަބްދުލްޣަނީއަކީ ޖުޑިޝަރީގައި މި ވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ފަނޑިޔާރެވެ. އެ މަނިކުފާނު ޖުޑިޝަރީގައި ކުރެއްވީ ދިގު ދަތުރެކެވެ. އެންމެ ތިރިން ފަށައިގެން އެންމެ މައްޗަށެވެ.
ޢަބްދުލްޣަނީ މުޙައްމަދަކީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން އައްޔަންކުރެއްވި ފަސްވަނަ އުއްތަމަފަނޑިޔާރެވެ. އަދި، ތާރީޚީ ފަތްފުށްތަކުން އެނގޭ ގޮތުން ޢަބްދުލްޣަނީ މުޙައްމަދަކީ ރާއްޖޭގެ 59 ވަނަ އުއްތަމަފަނޑިޔާރެވެ.