މިހާރު ފެންނަނީ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުހައްގު މުއްސަނދިކަން ހޯދައި އާއިލާއަށް ވެސް އެ މުއްސަނދިކަން ފޯރުކޮށްދޭ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުކޮށް ޖަލަށް ލެވޭ ގޮތަށް ހެދުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ, ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުން ބޮޑެތި ބަދަލުތައް ދިން މަންޒަރު ފެނުނު ކަމަށާއި ޓެކުހަށް ނުދައްކާ ހުރި ޖޫރިމަނާއާއި ރަށްރަށުގެ ކުއްޔަށް ނުދައްކާ ހުރި ޖޫރިމަނާގެ ގޮތުގައި ގާތްގަނޑަކަށް ނުވަ ބިލިއަނެއްހާ ރުފިޔާ ފަސްކޮށްދިން މަންޒަރު ވެސް ފެނުނު ކަމަށެވެ.
އަދި، މިދިޔަ ސަރުކާރުގައި ވެސް ރިސޯޓުތަކަށް ދައްކަން ޖެހޭ ކުލި ނުދައްކައިގެން ރިސޯޓުތައް ހިންގާ ކުންފުނިތަކުން ދައްކަން ޖެހިފައިވާ ޖޫރިމަނާ ފަސްކޮށްދީފައިވާ ކަމަށާއި އެކަން ކުރީ އިގުތިސާދު ކުރިއެރުވުމަށާއި ރަށްރަށް ހެދުމަށް މަގުފަހިކުރުމަށް ކަމަށް ވިޔަސް އެކަން ކުރީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ބަދަލުދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭ މަދު ބޭފުޅުންކޮޅެއް، އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން ވެސް ހިމެނޭ ގޮތަށް މިކަހަލަ ކަންތައްތަކުގައި މައާފު ދިނުމާއި ލަސްކޮށްދިނުމާއި މި ކަހަލަ ކަންތައްތައް ކޮށްދީފައިވޭ،" އޭނާ ވިދާޅުވިއެވެ.
މި އިސްލާހުގެ ސަބަބުން ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިހާރު ފެންނަނީ، ފެންނަމުންދަނީ މުއައްސަސާތަކުގެ އިސްވެރިންނާއި އަދި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ނުހައްގު މުއްސަނދިކަން ހޯދައި، ފަށަލަކޮށް ފޮރުވައި، އާއިލާގެ މެންބަރުންގެ އާއިލާގެ މީހުންގެ މައްޗަށް ވެސް އެ މުއްސަނދިކަން ފަތުރާ ތަން،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތާއި ޓެކްސް ދައްކަން ޖެހޭ ގޮތާއި ހިމަނަން ޖެހޭ މައުލޫމާތު ސާފުވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން، ޓެކުހުގެ ބަޔާނުގައި ސައްހަނޫން މައުލޫމާތެއް ހިމަނާފައިވާ ނަމަ، ނުވަތަ އެ ބަޔާނުގައި ބައެއް މައުލޫމާތު އުނިކޮށްފައިވާ ނަމަ، ނުވަތަ މާލީ ހިސާބުތަކުގައި ވެސް ސައްހަ މައުލޫމާތު ހިމަނާފައިނުވާކަން ސާބިތުވެއްޖެ ނަމަ، އެކަން ކޮށްފައިވަނީ ޓެކްސް ދެއްކުމުން ރެކުމަށް ކަމުގައި ބެލެވޭނެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބަކީ އެ ފަރާތެއް އެއް މަސްދުވަހާއި ހަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ. ގާނޫނު އިސްލާހުވެއްޖެ ނަމަ ޓެކްސް ބަޔާން ހުށަނާޅައިފިނަމަ އަދަބެއްގެ ގޮތުން އެ ފަރާތެއް 250،000ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވި، ގޭ ބަންދުގެ ބަދަލުގައި އެ ފަރާތެއް އެއް މަހާއި ހަ މަހުގެ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.
ހަމަ އެއާއެކު ދައްކަންވާ ދުވަހަށް ޓެކްސް ނުދައްކައިފިނަމަ، މިހާރު ގާނޫނުގައިވާ ގޮތުން، ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދުގެ 0.05 ޕަސެންޓުން ޖޫރިމަނާކުރެވެއެވެ. ގާނޫނު އިސްލާހުވެއްޖެ ނަމަ އެ އަދަދު 0.1 ޕަސެންޓަށް އިތުރުވެގެން ދާނެއެވެ.