އުރީދޫއަށް މި އަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި 'ބްރޮންޒް ސްޓީވީ އެވޯޑް ފޯ އެމްޕްލޯޔާ އޮފް ދަ އިޔާ - ޓެލެކޮމިއުނިކޭޝަންސް' އެވޯޑް ލިބިއްޖެއެވެ.
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއަކީ މި ސަރަހައްދުގައި ތަފާތު ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ އަގުވަޒަންކުރާ، ވިޔަފާރިއާ ގުޅުންހުރި އެންމެ ޝަރަފުވެރި އެއް އެވޯޑް ޕްރޮގްރާމެވެ.
އުރީދޫން ބުނީ އެ ކުންފުންޏަށް މި އަހަރު ލިބުނު އެވޯޑަކީ، އެ ކުންފުނިން މުވައްޒަފުންގެ އަގު ވަޒަން ކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އެގޮތުން އެ ކުންފުނިން މަސައްކަތް ކުރަނީ އުރީދޫގެ މުވައްޒަފުންނަކީ އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ލިބި، ބާރުވެރިވެފައިވާ އަދި އަމިއްލަ ކުރިއެރުމަށް ވެސް މަސައްކަތް ކުރާ ބަޔަކަށް ހަދަން ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫއަށް ވަނީ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި ޝަރަފުވެރި އެވޯޑެއް ލިބިފައި -- ފޮޓޯ/ އުރީދޫ
އުރީދޫން ވަނީ އެ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެ މުވައްޒަފުންކަން ފާހަގަކޮށްފައެވެ. އަދި 'އެމްޕްލޯޔާ އޮފް ދަ އެވޯޑް' ލިބުމަކީ، ކުންފުނީގެ މުވައްޒަފުން ވަޒީފާގެ މާހައުލުގައްޔާއި އަމިއްލަ ގޮތުން ވެސް ކުރިއަރުވަން އުރީދޫން ކުރާ މަސައްކަތްތައް ސާބިތުކޮށްދޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއަކީ މުވައްޒަފުންގެ ބައިވެރިވުމާއި އުފެއްދުންތެރިކަން އިތުރުކުރަން މަސައްކަތްކުރާ ކުންފުންޏެއްކަން ފާހަގަކޮށް، އެ ކުންފުނިން ވަނީ މުވައްޒަފުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމުތައް އަބަދުވެސް ކުރިއަށްގެންދާ ކަމަށް ބުނެފައެވެ. އަދި މި އެވޯޑާއެކު، އުރީދޫއަކީ މުވާސަލާތީ ދާއިރާގެ އިތުރުން މުވައްޒަފުންނާ މެދު ރަނގަޅަށް އަމަލުކުރުމުގައި ވެސް ލީޑަރެއްކަން ހާމަވާ ކަމަށް އެ ކުންފުނިން ބުންޏެވެ.