ކައުންސިލުގެ ޒިންމާއަށް ހުރަސް އެޅޭނެތީ، ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ލާމަރުކަޒީ ބިލާ ދެކޮޅު

ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުންތަކެއް: ކައުންސިލުގެ ޒިންމާތައް އަދާކުރަން ހުރަސް އެޅޭތީ، ފުވައްމުލައް ސިޓީ ކައުންސިލުން ލާމަރުކަޒީ ބިލާ ދެކޮޅު ---- ފޮޓޯ/ ފުވައްމުލައް ސިޓީ ކައުންސިލް

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅައިފައިވާ އިސްލާހުތައް ފާސްކޮށްފިނަމަ، ގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަން ހުރަސް އެޅޭނެ ކަމަށް ބުނެ، އެ ބިލް އަނބުރާ ގެންދިޔުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ގޮވާލައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ.

އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.

އެ އިސްލާހުތަކާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެއީ ކައުންސިލްތަކުގެ ހިންގުން ލާމަރުކަޒީ ނިޒާމަކުން ބާރުވެރި ކުރުވުމަށް ގާނޫނުގައި ބަޔާންކުރާ މާއްދާތާކުގެ ބާރު ކަނޑުވާލައި، ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަމާއި ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެ ގޮތަށް ގެންނަން ހުށަހަޅައިފައިވާ އިސްލާހުތަކެއް ކަމަށެވެ.

އެ އިސްލާހުތަކުގެ ސަބަބުން ފަސް އަހަރު ތެރޭ ކައުންސިލުން ކުރަން ރާވާފައި ހުރި ކަންތައްތަކާއި ގާނޫނުން ކައުންސިލަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި ރައްޔިތުންނަށް ލިބިފައިވާ އެންމެ ފުރިހަމަ ވަސީލަތްތައް ބޭނުންކޮށްގެން އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށް ބަޔާނުގައިވެއެވެ.

އެހެންވެ، އެ ކައުންސިލުން ވަނީ އެ އިސްލާހު އަނބުރާ ގެންދިޔުމަށް ގޮވާލާފައެވެ. އަދި، ބިލު އަނބުރާ ނުގެންދިޔަ ނަމަވެސް، މަޖިލީހުގެ މެންބަރުން ވިސްނަވައި ވޯޓު ނުދިނުމަށް ފުވައްމުލަކު ކައުންސިލުން ވަނީ ގޮވާލާފައެވެ.

އިސްލާހުގައިވާ ގޮތުންނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.

އެ ބިލު އަނބުރާ ގެންދިޔުމަށް ކުޅުދުއްފުށި ސިޓީއާއި ލ. ގަމު ކައުންސިލުން ވެސް ވަނީ ގޮވާލާފައެވެ.

https://sun.mv/209491

އެ އިސްލާހުތަކާއެކު، މާލީ މިނިވަންކަން ކައުންސިލްތަކަށް ގެއްލި، ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ފާއިތުވެދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު 'ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ' ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހުން އާންމުގޮތެއްގައި ބިލުތަކަށް ޚިޔާލަށް ހުޅުވައިލާ މުއްދަތުތަކާ ޚިލާފަށް، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް އިއްޔެ ދިނީ އެންމެ 19 ގަޑިއިރެވެ.

comment ކޮމެންޓް