ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
އަބްދުލްޣަނީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރައީސަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ހޮނިހިރު ދުވަހެވެ. އޭނާގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. މި ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެގެ މެންދުރު ފަހު އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވަން ނިންމީ އަބްދުލްޣަނީގެ ނަމެވެ.
އެހެންވެ އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުލްޣަނީގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އިއްޔެގެ ޖަލްސާގައި އޭނާގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ކޮމިޓީގެ ބައްދަލުވުން ފެށިތާ މާ އިރުތަކެއް ނުވެ، އަބްދުލްޣަނީއަށް ރުހުން ދޭން ފެންނަ ކަމަށް ވަނީ ނިންމައިފައެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި ވަނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސްކޮށް، އަބްދުލްޣަނީގެ ނަމަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އަހައިފައެވެ. ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން ހުރިހާ މެންބަރުން އަބްދުލްޣަނީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރަން ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވިއެވެ.
އަބްދުލްޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، މަދަނީ ކޯޓުގެ ގާޒީ ކަމަށް ފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި، އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވިއެވެ.
ކުރިން ޖޭއެސްސީގެ ރައީސްކަން ވެސް ކުރެއްވި އަބްދުލްޣަނީ މި ވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ.
އަބްދުލްޣަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު މުހައްމަދު ސުޕްރީމް ކޯޓުން ވަކިކުރުމަށް ފަހުގައެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި އަބްދުލްޣަނީ ހުންނަވަނިކޮށް، ވެރިކަން ބަދަލުވެ އެމްޑީޕީއަށް 2019 ވަނަ އަހަރު މަޖިލީހުގެ މެޖޯރިޓީ ލިބުމުން ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރިއިރު އޭނާ ވެސް ވަކިކުރީއެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް، މި ތިން ބޭފުޅުން މި ކުރިމަތިލެއްވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި ދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުންނެވެ.