ދެ ފޫޓާ ގާތްކުރާ ބޮޑު މީދަލެއް

އިންގްލޭންޑްގައި އާއްމުން ދިރިއުޅޭ ސަރަހައްދުތަކުން ފެންނަ މީދާތައް އާދައިގެ ބުޅަލެއްހާ ބޮޑު ކަމަށް ރިޕޯޓުތައް ބުނޭ--ފޮޓޯ/ޑެއިލީރެކޯޑު

އިންގްލޭންޑްގައި އާއްމުން ދިރިއުޅޭ ހިސާބަކުން އާއްމުކޮށް ފެންނަ ވަރަށް ވުރެ ސައިޒުން ބޮޑު މީދަލެއް ފެނި އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މީދަލުގެ ބޮޑުމިން ފޫޓަކަށްވުރެ ބޮޑު ކަމަށާއި އެއީ އާއްމުކޮށް މި ފެންނަ ސައިޒުގެ ބުޅަލެއް ވަރުގެ މީދަލެއް ކަމަށް އިންގްލޭންޑުގެ ނޫސްތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މީ މީދާ ފެނިފައިވަނީ އިންގްލޭންޑްގެ ޕެސްޓް ކޮންޓްރޯލްގައި މަސައްކަތްކުރާ މުވައްޒަފަކަށެވެ.

އިންގްލޭންޑްގެ އެސްޓަން ވޯޑްގެ ކައުންސިލަ ޑޭވިޑް ޓޭލަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް އެ ސަރަހައްދުން މީދާ ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އިންގްލޭންޑްގެ ގެއަކުން ފެނުނު މީދާ ޕެސްޓް ކޮންޓްރޯލް މީހުންގެ އެހީގައި ގެއިން ނެރެނީ--ފޮޓޯ/ޑެއިލީރެކޯޑު

މީގެ ކުރިން އާއްމުކޮށް މީދާ ފެންނަނީ ކުނި އަޅާ ޑަސްޓްބިން ބަހައްޓާފައި ހުންނަ ސަރަހައްދުންނާއި އާއްމުކޮށް މީހުން ދަތުރުކޮށް ނޫޅޭ މަގުތައް މަތިންނާއި ހުސް ބިންތަކުން ކަމަށްވިޔަސް މިހާރު މީހުން ދިރިއުޅޭ ގެތަކުން ވެސް މީދާ ފެންނަ މިންވަރު އިތުރުވެއްޖެ ކަމަށް ކައުންސިލަ ޑޭވިޑް ޓޭލަގެ ފޭސްބުކް ޕޯސްޓުގައި ވަނީ ބުނެފައެވެ.

އެސްޓަން ވޯޑްގައި މީދާތައް ގިނަވާން ފަށާފައި މިވަނީ އެއްވެސް ކަހަލަ ބެލެހެއްޓުމެއް ނެތި ދޫކޮށްލެވިފައިވާ ހުސް ބިންތައް ގިނަވުމާ އެކު ކުނި އަޅަން ބަހައްޓާފައި ހުންނަ ޑަސްޓްބިންތައް ފުރުމުން ވެސް އުކާލާ ތަކެތި އެއަށް އެޅުމުގެ ނަތީޖާ ކަމަށް ޑޭވިޑް ޓެލަ ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ކައުންސިލުން ޒިންމާ ނަގަންޖެހޭ ކަންކަން ވެސް އެބަހުރި ކަމަށާއި މީދާތައް މަދުކުރުމަށް ހައްލެއް ހޯދޭނީ އެކަންކަން ރަނގަޅު ކުރުމަށް ދޭ ލަފައާ އެއްވަރަށް އެ ލަފަ އާއި މަޝްވަރާތަކަށް އަމަލުކުރެވިގެން ކަމަށް ކައުންސިލަ ވަނީ ބުނެފައެވެ.

މި ޚަބަރާ އެކު އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނެފައިވަނީ ދާދި ފަހުން ވެސް ބޮޑު ދެ މީދާ މަގުމަތީގައި މަރުވެ ކުނިވާ މަންޒަރު އޭނާއަށް ފެނިފައިވާ ކަމަށެވެ. އެ މީދާތައް އޭނާ ގެންގުޅޭ ބުޅަލަށްވުރެ ވެސް ބޮޑު ކަމަށާއި އެ ސައިޒުގެ މީދާތައް އަދިވެސް އެ ހިސާބުގައި ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ކަމުގައި އެ މީހާ ވަނީ ބުނެފައެވެ.

އިންގްލޭންޑްގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ގޭތެރޭގައި މީދާތައް އާލާވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ ކްލެވްލޭންޑް ކައުންސިލުގެ ޒިންމާއެއް ނޫން ކަމަށެވެ. އެހެންކަމުން އެ ކަމަށް ހައްލެއް ހޯދުން އާއްމު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމާ އެކު އެ ހިސާބުގައި މީދާތައް އާލާވަން ފަށައި އެކަން މިހާރު އަތްނުފޯރާ ހިސާބަށް ގޮސްފައިވާ ކަމަށް އާއްމުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު