ޔޫއޭއީ އާއި އޮމާން ހައިސްޕީޑް ރޭލުން ގުޅައިލަނީ

ފަސިންޖަރުން އުފުލާ ރޭލުތައް ގަޑިއަކު 200 ކިލޯމީޓަރުގެ ބާރުމިނުގައި ދުވާނެ -- ފޮޓޯ: އަރަބިނިއުސް

ޔޫއޭއީ އާއި އޮމާން ގުޅުވާލާ، ސަރަޙައްދީ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނާނެ ކަމަށް ބެލެވޭ "ހަފީތު ރެއިލް" މަޝްރޫޢު ރަސްމީކޮށް އިއުލާންކޮށްފިއެވެ.

މިއީ ޔޫއޭއީގެ އިއްތިހާދު ރެއިލް، އޮމާން ރެއިލް، އަދި މުބާދަލާ އިންވެސްޓްމަންޓް ކޮމްޕެނީ ގުޅިގެން ހިންގާ ބިޔަ މަޝްރޫޢެކެވެ. މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ މެދުގައި ދަތުރުފަތުރުގެ ފަސޭހަ ގުޅުމެއް ގާއިމުކޮށް، އިޤްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ.

މި ރޭލު މަގުގެ ޚިދުމަތް ފެށުމުން، ދެ ޤައުމުގެ މެދުގައި ދަތުރުކުރާ ވަގުތު ވަރަށް ބޮޑަށް ކުރުވެގެންދާނެއެވެ. މިސާލަކަށް، އަބޫދާބީން އޮމާންގެ ސޯހާރަށް މިހާރު ކާރުގައި ތިން ގަޑިއިރާއި 25 މިނެޓުން ދެވޭ ދަތުރު، ރޭލުގައި އެންމެ އެއް ގަޑިއިރާއި 40 މިނެޓަށް ކުރެވޭނެއެވެ. އަދި އަލް އައިނުން ސޯހާރަށް 47 މިނެޓުން ދެވޭނެއެވެ.

ފަސިންޖަރުން އުފުލާ ރޭލުތައް ގަޑިއަކު 200 ކިލޯމީޓަރުގެ ބާރުމިނުގައި ދުވާނެއެވެ. މިކަމުގެ ސަބަބުން ބޯޑަރު ހުރަސްކުރުމުގެ އުނދަގޫތައް ނެތި، ދަތުރުވެރިންނަށާއި ފަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ.

ޖުމްލަ 303 ކިލޯމީޓަރުގެ ދިގު މި ރޭލު މަގު ފެށިގެން އަންނާނީ އޮމާންގެ ސޯހާރު ބަނދަރުންނެވެ. އެއަށްފަހު ޔޫއޭއީގެ އަލް ޢައިން ސިޓީ ހުރަސްކޮށް، އިއްތިހާދު ރެއިލްގެ މައި ނެޓްވޯކާ ގުޅި، އަބޫދާބީއާ ހަމައަށް ދެމިގެންދާނެއެވެ.

މި މަގުގައި 12 އަށްވުރެ ގިނަ ޕެސެންޖަރު ސްޓޭޝަން ހިމެނޭއިރު، މައިގަނޑު ފަސް ބަނދަރެއް ވެސް މި ނެޓްވޯކާ ގުޅުވައިލެވޭނެއެވެ.

މި މަޝްރޫޢަކީ ހަމައެކަނި ފަސިންޖަރުންނަށް ހާއްސަ މަޝްރޫއެއް ނޫނެވެ. މިއީ ދެ ޤައުމުގެ މެދުގައި މުދާ އުފުލުމަށް ވެސް ބޮޑު އިންޤިލާބެއް ގެންނާނެ މަޝްރޫޢެކެވެ. މުދާ އުފުލާ ރޭލުތައް ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގައި ދުވާނެއެވެ.

2.5 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ސަބަބުން، ސަރަޙައްދީ ފެންވަރުގައި ވަރުގަދަ ލޮޖިސްޓިކްސް ހަބެއް ޤާއިމުވެ، ވިޔަފާރިއަށާއި އިޤްތިސާދަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

ހަފީތު ރެއިލްގެ ނަމުގައި އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކޮމްޕެނީން ވަނީ ރޭލު މަގުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައެވެ. ނަމަވެސް، ރޭލުގެ ޚިދުމަތް ރަސްމީކޮށް ފެށޭނެ ވަކި ތާރީކެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު