ގުރު ނުނަގަނީ ވަކި ފުލެޓުތައް ލިބުނު ދެމަފިރިންނަށް، ކޮންމެ ދެމަފިރިއަކަށް 1 ފުލެޓު ރިޒާވްކުރި: އަކްރަމް

ޞާލިޙް، އަކްރަމް، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް: ގުރު ނުނަގަނީ ވަކި ފުލެޓުތައް ލިބުނު ދެމަފިރިންނަށް ކަމަށާއި ކޮންމެ ދެމަފިރިއަކަށް 1 ފުލެޓު ރިޒާވްކޮށްފައި ހުންނާނެ ކަމަށް އަކްރަމް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ދެނީ 76 މާކްސް ލިބޭ މީހުންނަށް ކަމަށްވާއިރު، އެ މާކްސް ލިބުނު ބައެއް މީހުންނަށް ފުލެޓް ދޭން ގުރުއަތު ނުނަގައި ހުރިކަން ފާހަގަވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނުމަކީ އޮޅުވާލުމެއް ކަމަށް އެ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް މިދިޔަ ސަރުކާރުން ނޮވެންބަރު 16، 2023ގައި ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76އަށް ވުރެ މަތިން މާކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ބަޔަކު ހުރިކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ގުރު ނުނަގާ މީހުންގެ އަދަދު ހާމަނުކޮށް މިނިސްޓްރީން ބުނީ، 76 މާކްސް ލިބުނު ބައެއް މީހުންނަށް ފުލެޓް ކަނޑަނޭޅެނީސް، 75 ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ފުލެޓް ދޭން ގުރު ނަގާފައި އޮތް ކަމަށެވެ. އެހެންވެ، 76 ޕޮއިންޓް ލިބުނު ނަމަވެސް މީގެ ކުރިން ގުރުއަތުން ބާކީވި މީހުންނަށް ގުރު ނަގާނެ ކަމަށް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

އެ އިއުލާނާ ގުޅުވައި އަކްރަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެދޮރިވެރިޔާ ސްކީމަށް ދެމަފިރިން ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ، ދެމަފިރިންނަށް ވެސް ފުލެޓް ލިބޭ ވަރަށް މާކްސް ލިބިފައިވާނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ފުލެޓް ކަމަށް ކުރީ ސަރުކާރުގައި ހާމަކޮށްފައިވާނެ ކަމަށެވެ.

އެހެންކަމުން، ދެ ފުލެޓަށް ޝަރުތު ހަމަވި ދެމަފިރިންގެ އަދަދާއި މައުލޫމާތު އެނގޭނެހެން ވަކިން ލިސްޓުކޮށް، އޭގެ ތެރެއިން ކޮންމެ ދެމަފިރިއަކަށް އެއް ފުލެޓް ރިޒާވްކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތު ނެގުން ކުރިއަށްގެންގޮސްފައިވާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އެކަށައަޅާފައިވާ 100 ފުލެޓާއި ދެންނެވި ފަދައިން ދެމަފިރިން ވަކިން ހުށަހަޅައިގެން ޝަރުތު ހަމަވެ، ފުލެޓް ލިބޭ މިންވަރަށް މާކްސް ލިބިފައިވާ ދެމަފިރިންނަށް އެއް ފުލެޓް ހިމެނޭހެން އެ އެފަރާތްތަކަށް ފުލެޓް ހޯލްޑްކުރުމަށް ފަހުގައި ކަމުގައި ދަންނަވަމެވެ.

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އޭނާ ވިދާޅުވީ ކުރީ ސަރުކާރުން އެ މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މަސައްކަތެއްގެ ގޮތުގައި ބަލައިގެން މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނަށް ހުރިހާ މައުލޫމާތަކާއި ކަންކަން އެނގޭނެހެން ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުން ބަދަލުވީ ނަމަވެސް މިނިސްޓްރީން ކޮށްފައިވާ އެއްވެސް މަސައްކަތެއް ނުގެއްލޭނެހެން ފިޔަވަޅު އެޅި ކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުން ވަނީ މިނިސްޓްރީގައި އެ މަސައްކަތުގައި އުޅުނު މުވައްޒަފުން އެކަހެރިކޮށްފައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ރަނގަޅަށް ކަންހިނގާފައިވާ ގޮތް ނުބަލައި މި މަސައްކަތް ކުރަމުން ގެންދިޔުމުގެ ސަބަބުން ގެދޮރުވެރިޔާ ސްކީމުގެ ކަންކަން އޮޅުންބޮޅުން ކޮށްލައި ރައްޔިތުންނަށް އޮޅުންއަރާހެން ދޮގު މައުލޫމާތު ދެއްވަމުން ދާތަން މިވަނީ ފެނިގެންގޮސްފަ،" އޭނާ ތުހުމަތުކުރެއްވިއެވެ.

ގެދޮރުވެރިޔާ ސްކީމު ފަދަ ރައްޔިތުންނާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ކަން ހިނގައިފައިވާ ގޮތް ނުބަލައި، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ގަސްތުގައި ވިޔަސް އަދި ގަސްތުގައި ނޫންކަމުގައިވީ ނަމަވެސް މައުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއްގެ ގޮތުގައި އަކްރަމް ސިފަކުރެއްވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް "ސަން"އާ ވާހަކަދައްކަވަމުން އަކްރަމް ތުހުމަތު ކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މަސައްކަތް ކުރައްވަނީ ފުލެޓު ދިނުމުގައި ވެސް އޮޅުވާލައްވަން ކަމަށެވެ.

"އެ ބޭފުޅުން އެ އުޅެނީ ވައްކަން ކުރައްވަން. ރައީސް މުއިއްޒާއި މުއްތަލިބު އެ އުޅުއްވަނީ ފުލެޓު އޮޅުވާލައިގެން އެ ބޭފުޅުން ބޭނުންވާ މީހުންނަށް ދީފައި އަސްލު ހައްގުވެރިންނަށް ނުދޭން،" އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ނެރުނީ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.

އެ ސަރުކާރުގައި ފުލެޓާއި ގޯތި ދޫކުރި ކޮމިޓީގައި އެންމެ ހުންނެވި އެކަކީ އަކްރަމެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.

އެއަށް ފަހު، މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ. އަދި މި ސަރުކާރުން ވެސް ލިސްޓެއް ނެރުނު ނަމަވެސް، ފަހުން ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ފުލެޓް ލިސްޓަށް ކަމަށް ބުނެފައެވެ.

އެ ފުލެޓުތައް އަޅާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް މިހާރު 4،000 ފުލެޓުގެ އެއްބަސްވުންތައް ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް