20 އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލަން ނެކްސިއާއަށް

20 އަހަރުގެ ތަރައްގީގެ ޕްލޭނާ ގުޅޭގޮތުން ނެކްސިއާ މޯލްޑިވްސް އާ ޕްލޭނިން މިނިސްޓްރީން ބައްދަލުކުރަނީ -- ފޮޓޯ: ނެކްސިއާ މޯލްޑިވްސް / ފޭސްބުކް

ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ޕްލޭނިން މިނިސްޓްރީން އަމިއްލަ ކޮންސަލްޓަންސީ ފާމަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ ދިވެހި ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނެކްސިއާ މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދާއިރު، މި ޕްލޭނަކީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ޚިޔާލާއި މަޝްވަރާގެ މަތިން އެކުލަވާލެވޭ ޕްލޭނެއްކަން ކަށަވަރުކުރާނެ ކަމަށާއި ގިނަ މީހުންގެ ޚިޔާލު ހޯދުމަށްޓަކައި ރަށްރަށް ހިމެނޭހެން މަޝްވަރާގެ މަރުހަލާއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ނެކްސިއާ މޯލްޑިވްސްގެ ފަރާތުން ބުނީ، ޕްލޭން އެކުލަވާލުމަށް ސްޓޭކްހޯލްޑަރުންނާ އެކު ބާއްވާ ބައްދަލުވުން ހަތަރު މަސްދުވަހުގެ ތެރޭ ނިންމާނެ ކަމަށާއި ޕްލޭން އެކުލަވާލުމުުގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ މެދުތެރެއަށް ނިންމުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ.

އެ ޕްލޭން އިގްތިތާހުކޮށްދެއްވައި ރައީސް ވިދާޅުވީ، އެ ޕްލޭން އެކުލަވައިލުމަކީ ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، މި ކަމުގައި ހުރިހާ ސިޔާސީ ފިކުރެއްގެ، ހުރިހާ ރަށެއްގެ، ކުދި ބޮޑު އެންމެން ބައިވެރިވާން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ގައުމު ތަރައްގީކުރަން. ރައްޔިތުން މުއްސަނދިވާން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުން ކަމަށެވެ. އެއީ، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފެށީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެ ޕްލޭނަށް ބާރުދޭން ގާނޫނުއަސާސީއަށް ވެސް މާއްދާއެއް އިތުރުކުރާނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ.

comment ކޮމެންޓް