އިންޑިއާގެ ހައިދަރުއާބާދުގައި ހިންގި ޔުނިވާސަލް ސްރުޝްތީ ފާޓިލިޓީ ސެންޓަރުގައި އަލަށް ވިހާ ކުދިން ވިއްކުމުގެ ބޮޑު ޖަރީމާއެއް ހިންގަމުން ދަނިކޮށް އެ ކުލިނިކު ބަންދުކޮށް، އެ ތަން ހިންގި މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ކުލިނިކުގައި އަލަށް ވިހާ ތުއްތު ކުދިން ގަތުމަށް ފަހު، އެ ތަނަށް އައިވީއެފް ހަދަންދާ އަންހެނުންނަށް ބޮޑު އަގުގައި ވިއްކާކަން ފަޅާއެރީ އައިވީއެފް މެދުވެރިކޮށް އެތަނުން ޚިދުމަތް ހޯދި އަންހެނެއްގެ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުގެ ނަތީޖާ ދިމާނުވުމުންނެވެ.
އެ ކުލިނިކުން އެ މީހުންނަށް ލިބުނު ކުއްޖާގެ ޑީއެންއޭ ޓެސްޓުތަކުން އެއީ އެ މީހުންގެ ބައޮލޮޖިކަލް ކުއްޖެއް ނޫންކަން އެނގި ހާމަވި ހިސާބުން އެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ތުއްތު ކުދިން ގަނެ ވިއްކުމުގެ ވިޔަފާރީގައި އެންމެ އިސްކޮށް އުޅުނު އެ ކްލިނިކްގެ ޑޮކްޓަރު ޑރ. އަތަލޫރީ ނަމްރަތު-ފޮޓޯ/ދައިކޮނޮމިކްޓައިމްސް
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކްލިނިކުގެ ވެރިފަރާތް ކަމަށްވާ ޑރ. އަތަލޫރީ ނަމްރަތުއާއި އޭނާގެ ދަރިފުޅުގެ އިތުރުން މި ޖަރީމާ ހިންގުމުގައި އެއްބާރުލުންދިން އިތުރު ހަ މީހެކެވެ.
އިންޑިއާގެ ހައިދަރުއާބާދުގެ ގިނަ ބަޔަކަށް ސިހުން ގެނެސްދިން މި މައްސަލައާ ގުޅިގެން އައިވީއެފް މެދުވެރިކޮށް ކުދިން ހޯދަން ބޭނުންވެފައިވާ ގިނަ ބަޔަކަށް މިހާރު އެއީ ބިރުވެރި ކަމެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަސް ތެރޭ ޔުނިވާސަލް ސްރުޝްތީ ފާޓިލިޓީ ސެންޓަރަށް އައިވީއެފް ފަރުވާ ހޯދި ދެމަފިރިންނަށް ރަނގަޅު މެޑިކަލް ޕްރޮސެސްއެއް އޮޅުންފިލުވައިދީ އެކަމާ ގުޅޭ މަޝްވަރާތައް ކުރުމުގެ ބަދަލުގައި އެ ކުލިނިކުން އެ ދެމަފިރިންނަށް ޔަގީންކަންދިނީ ވަރަށް ކުރު މުއްދަތެއްގައި ފަސޭހަކަމާ އެކު ސަރޮގެސީ މެދުވެރިކޮށް، އެ މީހުންނަށް އަމިއްލަ ކުއްޖަކު ލިބޭނެ ކަމަށް ކަމުގައި ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
މަސްތަކެއް ފަހުން، ޖޫން 2025 ގައި އެ މީހުންނަށް އެނގުނީ ސަރޮގޭޓް މަންމައަކު އަންދްރަޕްރަދޭޝްގެ ވިޝާކަޕަޓްނަމްގައި ސީޒޭރިއަން ހެދުމަށް ފަހު ފިރިހެން ކުއްޖަކު ވިހާފައިވާ ކަމަށެވެ.
ވިހެއުމަށް އިތުރު ދެ ލައްކަ ރުޕީސް ދައްކަން ޖެހޭނެކަމަށް ކްލިނިކުން އެ ދެމަފިރިންނަށް އެންގިކަން ތަހުގީގަށް ހާމަވެފައިވާއިރު ކުއްޖާ އެ މީހުންނާ ހަވާލުކުރީ އެ ކުއްޖާއަކީ އެ މީހުންގެ ބަޔޮލޮޖިކަލް ދަރިއެއްކަމަށް ބުނެ ހަދާފައިވާ ދޮގު ލިޔެކިޔުންތަކާ އެކުގައެވެ.
އެ ކުއްޖާގެ ޑީއެންއޭ ޓެސްޓު ހެދުމަށް އެދުމުން އެކި ފަހަރު މަތިން އެކަން ކްލިނިކުން ދިޔައީ ލަސްކުރަމުން ކަމަށް ވެސް ފުލުހުންގެ ތަހުގީގަށް މައުލޫމާތު ދެމުން އެ ދެމަފިރިން ވަނީ ބުނެފައެވެ. އެންމެ ފަހުން އެ ދެމަފިރިން މިނިވަން ޑީއެންއޭ ޓެސްޓެއް ހެދުމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ ނިއު ދިއްލީން ކަމަށާއި އޭގެ ނަތީޖާއިން އެނގުނީ ސަރޮގެސީ މެދުވެރިކޮށް ލިބުނު ކުއްޖާއާ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތްކަމެވެ.
ހައިދަރުއާބާދުގެ ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާއަކީ ހައިދަރުއާބާދުގައި ދިރިއުޅޭ އާސާމުގެ ފަޤީރު އާއިލާއަކުން 90،000 ރުޕީސްއަށް ގަނެފައިވާ ކުއްޖެކެވެ. އެއަށް ފަހު އައިވީއެފް ފަރުވާ ހޯދަންދިޔަ ދެމަފިރިންނަށް އެ ކުއްޖާ ވިއްކާލާފައިވަނީ 35 ލައްކަ ރުޕީސް (ގާތްގަނޑަކަށް 41،800 އެމެރިކާ ޑޮލަރަ)ށް ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ކުލިނިކަކީ 2021ވަނަ އަހަރުން ފެށިގެން އެ ތަނުގެ ލައިސަންސް ބާޠިލުކުރެވިފައިވާ ތަނެކެވެ. ނަމަވެސް، ޤާނޫނާ ޚިލާފަށް އެތަން ހިންގަމުން ގެންދިޔައީ ހައިދަރުއާބާދުގައި ހުރި އެތަނުގެ ގޮފިތައް ކަމަށްވާ ވިޖަޔަވާޑާ އަދި ވިޝާކަޕަޓްނަމްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.