ތަފާތު ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތްކުރަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމެންޓުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ވެބް ޝޯ "މޫސުން"ގެ ރަސްމީ ޕޯސްޓަރު އާންމުކޮށްފިއެވެ.
ޑާކްރެއިންއިން މި އަހަރުގެ މެއި މަހުގައި ޝޫޓިން ފެށި މި ޝޯގެ ބައެއް ބިހައިންޑް ދަ ސީންސް މަންޒަރުތައް މީގެ ކުރީން އާންމުކޮށްފައިވި ނަމަވެސް ރަސްމީ ޕޯސްޓަރު އާންމުކޮށްފައިވަނީ ދާދި ފަހުންނެވެ. އޮފިޝަލް ޕޯސްޓަރުން ޝޯގެ ކާސްޓު އެއްކޮށް ފެނިގެންދެއެވެ.
ރާއްޖޭގެ އެކި ޒަމާންތަކުގެ މަންޒަރުތައް ދައްކުވައިދޭ މި ވެބް ޝޯއަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ އުފެއްދުމެކެވެ. ޗިއްޕެއަކީ މި ފަހަކަށް އައިސް ގިނަ ޝޯތަކެއް އުފައްދަމުން އަންނަ ޑައިރެކްޓަރެކެވެ. ޗިއްޕެ ވަނީ މިއަހަރުގެ ތެރޭގައި ވެސް ވަރުގަދަ ޝޯތަކެއް މީގެ ކުރީން އުފައްދާފައެވެ. އޭގެ ތެރޭގައި "ފެށުމާއި ނިމުން"ގެ އިތުރުން "ރޯލީމޭ" ހިމެނެއެވެ. މި ދެ ޝޯއަކީ ވެސް ލޯބީގެ ވާހަކަތަކެއް ކިޔައިދޭ ދެ ޝޯއެވެ. އެހެންވީމާ އަލަށް ނެރެން އުޅޭ ޝޯއަކީ ވެސް ލޯބީގެ ވާހަކަތަކެއް ކިޔައިދޭނެ ޝޯއެއް ކަމަށް ބެލެވެއެވެ.
އަލަށް ނެރޭ ޝޯއަކީ 10 އެޕިސޯޑުގެ ޝޯއެކެވެ. އަދި، މިޝޯ އާންމުންނަށް ފެންނާނީ މީޑިއާނެޓްގެ އެމްއެސްކްލަބުންނެވެ.
މޫސުންގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ މުހައްމަދު މަނިކާއި ރަޒާން ރާމިޒާއި މުހައްމަދު މަޒީންގެ އިތުރުން ހުސައިން ސާމީއެވެ. އޭގެ އިތުރުން ވެސް އައިމިނަތު ޝުހާއާއި އަލީ ޝަޒްލީމާއި އައިޝަތު ގުލްފާ އަދި މުހައްމަދު ވިޝާލް ވެސް މި ޝޯއިން ފެންނާނެއެވެ.
ޑާކްރެއިންގެ އާ ދައްކަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.