ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު، މާލީ މިނިވަންކަން ކައުންސިލްތަކަށް ގެއްލި، ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ.
އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.
އެ އިސްލާހުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި، އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހޭނީ މައި ސަރުކާރުން ނޫން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމުގެ މާލީ މިނިވަންކަން ކައުންސިލްތަކަށް އޮންނަން ޖެހޭނެ ކަމަށާއި، މިހާރު އޮތް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް، މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވަނީ ރައްޔިތުންގެ ބާރުވެރިކަން މައި ސަރުކާރަށް ނެގުމަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެދުވެ ވަކާލާތު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބެވި އެންމެހާ ކައުންސިލަރުންނަށް ގޮވައިލައްވައިފައެވެ.
ލާމަރުކަޒީ ނިޒާމުގެ މުޅި ބޭނުމަކީ ޑިމޮކްރެޓިކް އުސޫލުން ރަށްރަށާއި އަތޮޅުތަކާއި ސިޓީތައް ހިންގުންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އަލުން އަނބުރާ 'ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން' ދެން އިއާދައެއް ނުކުރެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އެމްޑީޕީން ވުޖޫދުކުރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި މައި ސަރުކާރުތަކުން ޒަމާނުއްސުރެ ރައްޔިތުން އަޅުވެތިކުރަމުން އައި އައުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި, ޚިދުމަތްތަކާއި، ވަސީލަތްތައް މަރުކަޒުކޮށް, ރައްޔިތުންގެ މައްޗަށް ނުޙައްގު ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ގައުމުގެ ވެރިންނަށް ލިބުނަ ނުދިނުމުގެ ގޮތުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންނަމަވެސް, ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަމާއި ވަސީލަތްތައް އަލުން މަރުކަޒުކޮށް, ރައްޔިތުން އަޅުވެތިކުރުމަށް ފަރުމާކޮށްފައި އޮތް އިސްލާހެއްގެ ގޮތުގައި ޝާހިދު ވިދާޅުވިއެވެ. އަދި އެ އިސްލާހުގެ ސަބަބުން ފާއިތުވެދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު 'ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ' ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެ އިސްލާހާއި ދެކޮޅުކަން ސަރުކާރަށް އެންގުމަށާއި، ކައުންސިލްތަކުން އަޑު އުފުލުމަށް ގޮވާލައްވައިފައެވެ.
އެ ބިލާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރައްވައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ މަޝްވަރާ ލިބިވަޑައިގެން ހުށަހެޅުއްވި އެ އިސްލާހުތަކަކީ އަތޮޅުތެރޭގެ ރައްޔިތުން އަޅުވެތިކޮށް، ސަރުކާރަށް އާދޭސް ދެެންނެވޭ ގޮތަށް ގާނޫނު އިސްލާހުކުރުން ކަމަށެވެ.
އަދި އެ ނިޔަތް ވަރަށް ސާފު ކަމަށާއި، ރައީސް މުއިއްޒަކީ އަތޮޅުތަކުގެ ތަރައްގީއާ ދެކޮޅު، މާލެ ތޮއްޖެއްސުމުގެ ސިޔާސަތަށް ތާއިދު ކުރައްވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމަށް ދެ އަހަރުވީއިރު މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ޑޮލަރެއްގެ މިންވަރު ހޭދަނުކުރާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅިގެން އެމްޑީޕީން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށް، ބަޔާނެއް ވެސް މިއަދު ނެރެފައެވެ. އެ ބަޔާނުގައި ވަނީ އެ ބަދަލުތަކާ ދެކޮޅަށް ތެދުވުމަށް ކައުންސިލަރުންނާއި ރައްޔިތުންނަށް ގޮވާލައިފައެވެ.
ވަކިން ޚާއްސަކޮށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން ރާއްޖޭގެ ކައުންސިލްތައް 'ނެތިކޮށްލުމަށް' ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ޕީއެންސީގެ ސަރުކާރުން އުޅެނީ ކަމަށް ތުހުމަތުކުރިއެވެ. އެކަން ކުށްވެރިކޮށް އެމްޑީޕީން ބުނީ އެއީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ އެމްޑީޕީން އަބަދުވެސް ދިޔައީ ދެކޮޅު ހަދަމުންނެވެ. އަދި އެ ޕާޓީން ވެރިކަމުގައި އޮވެ، ފައްކާކުރި ލާމަރުކަޒީ ދާއިރާ މި ސަރުކާރުން ފުނޑާލަން އުޅުމުގެ ގޮތުގައި ސިފަކުރެއެވެ.