ދިރާގުން ހިއްސާކުރި ފޮޓޯތަކުގެ ޖަވާބު: 1.1 މިލިއަން ރުފިޔާގެ ދެ ލޯންޗު ހޯދުމުގެ ފުރުސަތު

ދިރާގު ކަސްޓަމަރުންނަށް ދެ ސްޕީޑްބޯޓު ދޭ ޕްރޮމޯޝަން މިއަދު ފަށައިފި: އެ ކުންފުނިން ޕޯސްޓުކުރި ފޮޓޯތަކުގެ ޖަވާބަކީ އެއީ -- ސަން ފޮޓޯ/ އަފްވާން ސަލާހް

ވޭތުވެދިޔަ ތިން ދުވަހު ސޯޝަލް މީޑިއާއަށް ދިރާގުން ދޫކުރި ފޮޓޯތަކުގެ ޖަވާބު ހޯދަން މާ ބޮޑެތި އިންތިޒާރުތަކެއް ކުރާކަށް ނުޖެހުނެވެ. ފޮޓޯތަކުގެ ޖަވާބު މިއަދު ލިބިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދިރާގުން ދެ އައިސްކްރީމެއް ހިފަހައްޓައިގެން ހުންނަ މަންޒަރު ދައްކުވައިދޭ ފޮޓޮއަކާއި އޮރެންޖު ކުލައިގެ ދެ ކޭކެއްގެ ފޮޓޮއަކާއި ދެ ބުޅަލެއްގެ ފޮޓޮއެއް އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައިވެއެވެ.

އެއާއެކު އާންމުންގެ ސަމާލުކަމެއް އެ ފޮޓޯތަކަށް ލިބުނެވެ. މިއަދު ދިރާގުން ވަނީ އެ ސުވާލުތަކަށް ޖަވާބުދީފައެވެ.

އެގޮތުން، އާންމުކޮށް ޕްރޮމޯޝަންތަކާއި އިވެންޓްތަކުގެ ފޮޓޯތައް ހިއްސާކުރާ ދިރާގުން މިއަދު މި ވަނީ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓު"ގެ ނަމުގައި ގުރުއަތުން ހޮވޭ ދެ ފަރާތަކަށް، ކޮންމެ މީހަކަށް ލޯންޗެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފައެވެ.

ދިރާގުން ޕްރޮމޯޝަންގެ ދަށުން ދޫކުރާ ކެނެރީ 28 މޮޑެލްގެ ސްޕީޑްބޯޓު --- ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ދޭން ނިންމާފައިވަނީ 250 ހޯސްޕަވަރުގެ އަލްޝާލީ މެރިން ކެނެރީ 28 ސްޕޯޓްސް މޮޑެލްގެ ދެ ސްޕީޑްބޯޓު ކަމަށެވެ. މީގެން ކޮންމެ ސްޕީޑްބޯޓެއްގެ އަގު ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އާ ސްޕީޑްބޯޓެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ. އެއީ، އަންނަ އަހަރުގެ ޖަނަވަރީ މަހާއި ޖުލައި މަހުގައެވެ.

އަންނަ މާރިޗު މަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ގުރުއަތުން ހޮވޭ ދިރާގުގެ ދެ ކަސްޓަމަރަކަށް ދެ ލޯންޗު ލިބޭ މި ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ދިރާގުގެ ކަސްޓަމާ ވެލިއު މެނޭޖާ ބްރޯޑްބޭންޑް އެންޑް ޑިވައިސަސް އަހްމަދު އިޝާން ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ:

  • ޕްރީޕެއިޑްގެ ޚިދުމަތް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން 450 ރުފިޔާ ނުވަތަ އެއަށް ވުރެ ގިނައިން ރީލޯޑުކުރާ ކަސްޓަމަރުންނަށް
  • ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް ބިލު ދައްކާ ކަސްޓަމަރުންނަށް
  • ދިރާގު ލިމިޓެއް ނެތް ފައިބާ ބްރޯޑްބޭންޑްގެ 40 އެމް ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް ބިލު ދައްކާ ކަސްޓަމަރުންނަށް
  • މޯބައިލް ބްރޯޑްބޭންޑާއި 5ޖީ ޓާބޯ ޕްލޭން ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާ ނުވަތަ އެއަށް ވުރެ މަތީ ޕެކޭޖު ބޭނުންކުރާ ކަސްޓަމަރުންނަށް
  • އަލަށް ގުޅޭ ކަސްޓަމަރުންނަށް

އޭނާ ވިދާޅުވީ، އަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށް އަލަށް ދިރާގުގެ ޚިދުމަތާ ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން ލޯންޗު ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މިދިޔަ އަހަރުގެ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ތަރުހީބާއި އެއްބާރުލުން ލިބުމަކީ ލިބުނު އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވީ، މި ޕްރޮމޯޝަންގައި ކުރީކޮޅު ބައިވެރިވާ ކަސްޓަމަރުންނަށާއި ދިރާގު ޕޭއަށް ރަޖިސްޓާކުރާ ކަސްޓަމަރުންނަށް އިނާމު ހާސިލުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ މި ފަހަރު ވެސް މި އިނާމު އަޅުގަނޑުމެންގެ ކަސްޓަމަރަކަށް ލިބިގެންދާއިރު އެއީ ވަރަށް ފުރިހަމަ އިނާމެއްގެ ގޮތުގައި ވާނެ ކަމަށް، އަދި އެ ބޭފުޅަކަށް އަމިއްލަ ބޭނުމަކަށް ވިޔަސް ނުވަތަ އެހެން ކަމަކަށް ވިޔަސް ވެސް ހަމަ މި އިނާމުން ދިރިއުޅުމަށް [ހެޔޮ] ބަދަލެއް އަންނާނެ ކަމަށް،" މިރުޝާން ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި މިއީ ދިރާގުން މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ދިރާގުން ވަނީ މަޖެލަން 32 މޮޑެލްގެ ސްޕީޑްބޯޓަކާއި ޓެސްލާ ކާރެއް ވެސް ޕްރޮމޯޝަނެއްގެ ދަށުން ގުރުއަތުން ހޮވުނު ކަސްޓަމަރުންނަށް ދީފައެވެ.

comment ކޮމެންޓް