ކުއްޔާއި ރެސްޓޯރެންޓުތަކުން ވިއްކާ ކާބޯތަކެތީގެ އަގު 29 ޕަސެންޓަށް އުފުލިފައި

ކެފޭއެއް: ރެސްޓޯރެންޓް ކެފޭތަކުގެ އަގުތައް ވަނީ އުފުލިފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރު ދެބައިވީއިރު، ރެސްޓޯރަންޓުތަކުން ވިއްކާ ކާބޯތަކެއްޗާއި އެކޮމޮޑޭޝަން ޚިދުމަތްތައް ނުވަތަ ކުލީގެ އަގުތައް ހުރީ 29 ޕަސެންޓަށް އުފުލިފައިކަން ހާމަވެއްޖެއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަހު ކުލީގެ އަގުތަކާއި ރެސްޓޯރަންޓުތަކުން ވިއްކާ ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 29.6 ޕަސެންޓުގައެވެ.

އޭގެ ފަހުން، ނިމުނު ޖޫން މަހު އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 29.4 ޕަސެންޓުގައި ކަމަށްވާއިރު، އެއީ މި އަހަރު އެންމެ ބޮޑަށް އިންފްލޭޝަން އުފުލުނު ދާއިރާތައް ކަމަށް ހިސާބުތަކުން ދައްކައެވެ.

ހޮޓަލެއް ތެރެ ބަޔަކު މަސައްކަތް ކުރަނީ: އަހަރު ދެބައިވީއިރު، ކުއްޔާއި ރެސްޓޯރަންޓުތަކުން ވިއްކާ ކާބޯތަކެތީގެ އަގުތައް 29 ޕަސެންޓަށް ވަނީ އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 0.4 ޕަސެންޓާއި 2.3 ޕަސެންޓާ ދެމެދުގެ އަދަދުތަކެއްގައެވެ. އޭގެ ފަހުން، އެ ދާއިރާތަކުގެ އަގުތައް އުފުލެން ފެށީ މިދިޔަ ނޮވެންބަރު މަހުން ފެށިގެންނެވެ. މިދިޔަ ޖޫން މަސް ނިމުނުއިރު، ކާބޯތަކެތީގެ އިންފްލޭޝަން ފަސް ޕަސެންޓުގައި ހުރިއިރު، ރާއްޖޭގެ އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގައެވެ.

ރެސްޓޯރަންޓުތަކުން ވިއްކާއި ކާބޯތަކެތީގެ އަގުތައް އުފުލިފައި ހުރިކަން ހާމަވިއިރު، ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އުފުލިފައެވެ.

https://sun.mv/209263

އެހެންވެ، އާންމުކޮށް ކާން ބޭނުންކުރާ ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އެގޮތުން، ވިޔަފާރިވެރިން ބުނި ގޮތުގައި އާންމުކޮށް ދިވެހީން ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ މިރުސް ނުވަތަ ލުނބޮލުގެ އަގު މިވަނީ އުފުލިފައެވެ.

މިހާރު މިރުސް ކިލޯއެއްގެ އަގު 170އަށް އަރައިފައިވާއިރު، އަދިވެސް އަގު އުފުލިދާނެ ކަމަށް ވިޔަފާރިވެރިން ބުންޏެވެ. އާންމު ގޮތެއްގައި 100 ރުފިޔާއަށް މިރުސް ކިލޯއެއް ލިބެއެވެ. ޚާއްސަކޮށް ކުރިން އެންމެ ފަސް ރުފިޔާއަށް ލިބެން ހުރި އާފަލު މިހާރު ބާޒާރުމަތީގައި އުޅެނީ 10 ރުފިޔާއަށެވެ. އާފަލު ފޮށިގަނޑެއް ލިބެން މިހުރީ 1،000 ރުފިޔާއަށް ވުރެ މަތީގައެވެ.

comment ކޮމެންޓް