އޮޅުހިޔާގެ ކަރަންޓީނު ޖާގަ 100އަށް އިތުރުކޮށް، އިތުރު ބުޅާތައް ނަގަން ފަށައިފި

އޮޅުހިޔާގެ ޖާގަ އިތުރުކޮށް، އިތުރު ބުޅާތައް ނެގުމުގެ މަސައްކަތް ފަށައިފި: ފޮޓޯ/ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ

އޮޅުހިޔާގައި އެއް ފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭ ގޮތަށް ޖާގަ އިތުރުކޮށް، އެ ފެސިލިޓީއަށް އިތުރު ބުޅާ ނެގުމުގެ މަސައްކަތް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މި އަހަރުގެ ފެބްރުވަރީ މަހުގެ 26ގައި އޮޅުހިޔާ ފެސިލިޓީއާ ހަވާލުވެ، ފުރަތަމަ 15 ބުޅާ ނެގިއެވެ. އޭގެ ފަހުން 30 ބުޅާ ނެގުމަށްފަހު، އިތުރަށް ބުޅާ ނެގުމުގެ މަސައްކަތް ކުރިޔަށް ނުގެންދާތީއާއި، ބުޅަލުގެ ސަބަބުން އާންމުންނަށް އުނދަގޫތަކާ ކުރިމަތިވާތީ ޝަކުވާވަނީ އިތުރުވެފައެވެ.

އެ ވުޒާރާއިން ބުނީ ބުޅާތައް ނެގުމުގައި ލަސްވުންތައް ކުރިމަތިވަނީ، ކަރަންޓީން އޭރިއާގައި ޖާގަ މަދުވުމުން ކަމަށެވެ. އަދި މިދިޔަ މަހުގެ 24ގައި އެ ވުޒާރާއިން ވަނީ ކަރަންޓީނު ޖާގަތައް ފުލްވެފައިވާ ކަމަށް ވެސް ބުނެފައެވެ.

https://sun.mv/209009

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ބުނީ، އެކި ފަހަރުމަތިން އޮޅުހިޔާގެ ޖާގަ އިތުރުކުރަމުން ގޮސް، މިހާރު 100 ބުޅާ އެއްފަހަރާ ކަރަންޓީން ކުރެވޭނެ ޖާގަ ތައްޔާރުކޮށްފައިވާ ކަމަށެވެ.

ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހޭ. އެހެންކަމުން އެތަނުގެ ޖާގަ އެކި ފަހަރުމަތިން އިތުރު ކުރަމުން ގޮސް މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފަ. މާލޭގެ އެކި ސަރަހައްދުތަކުން ބުޅާތައް ނެގުމުގެ މަސައްކަތް ވަނީ ފަށާފައި
ދިރޭތަކެއްޗާ ބެހޭ ވުޒާރާ

އެ ވުޒާރާއިން ބުނީ މިދިޔަ މަހު ބުޅާ ނެގުމުގެ މަސައްކަތް ފަށައި، ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ހުއްޓާލިއިރު ފެސިލިޓީއަށް 28 ބުޅާ ނަގައިފައިވާ ކަމަށެވެ. އެއާއެކު ފެސިލިޓީއަށް ނަގައިފައިވާ ބުޅަލުގެ އަދަދު ޖުމްލަ 75އަށް އެރި ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، ބުޅާ ނެގުމުގެ މަސައްކަތް މިއަދު އަލުން ފެށިއިރު ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ވަނީ ކޮށިތަކަށް ބަދަލުކޮށްފައި ކަމަށެވެ. އަދި މިއަދު ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުން 37 ބުޅާ ފެސިލިޓީއަށް ނަގާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެހެންކަމުން މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ވުޒާރާއިން އިތުރަށް ބުނީ މޫސުމްތަންދޭ މިންވަރަކުން އިތުރު ބުޅާތައް ނެގުމުގެ މަސައްކަތް ކުރަމުންދާނެކަމަށާއި، އެއާއެކު ކަރަންޓީން މަރުހަލާ ނިންމައި، ކޮށިތަކުގައި ބުޅަލަށް އަޅާލަމުން އަންނަ ކަމަށެވެ.

މާލެ ސަރައްހައްދުގައި ބުޅާ އިތުރުވެ، އާންމު އުނދަގުލަކަށް ވެފައި ވުމުން އޮޅުހިޔާ ފެސިލިޓީން ގާއިމް ކުރީ އެ މަައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެހެންނަމަވެސް މި އަދާ ހަމައަށް ވެސް ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް އެކަން ކުރެވިފައި ނުވާތީ، އާންމުންގެ ފާޑުކިއުން މި ސަރުކާރަށާއި ވުޒާރާއަށް އަންނަނީ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު