އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެޕަލްއިން ތައާރަފުކުރާނެ ކަމަށް ބެލެވޭ އައިފޯން 17ގެ ސީރީޒްއިން، "ޕްލަސް" މޮޑެލް އުނިކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެކަށީގެންވާ ވަރަށް ވިކެމުން ނުދާތީ އުނިކުރާ މި މޮޑެލްގެ ބަދަލުގައި، އެ ކުންފުނިން ތައާރަފުކުރަނީ މުޅިން އާ "އައިފޯން 17 އެއާ" އެވެ.
އައިފޯން 17 އެއާ އަކީ، ޒަމާނީ އަދި އުފެއްދުންތެރި ޒުވާން ޖީލަށް އަމާޒުކޮށް، ވާދަވެރިންނަށް ގޮންޖެހުމުގެ ގޮތުން އެޕަލުން ނެރޭ އުފެއްދުމެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އާދަޔާޚިލާފަށް ތުނިކޮށް ޑިޒައިންކޮށްފައިވާ، ގެންގުޅެން ފަސޭހަ ފޯނަކަށް ވާނެއެވެ. އަދި މިހާރުގެ އައިފޯންތަކާ ޚިލާފަށް، މީގެ ޑިޒައިނާއި ސޮފްޓްވެއާ އިންޓަފޭސް ވެސް ތަފާތުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ފޯނުގެ ސްކްރީނަކީ 6.6 އިންޗީގެ 120 ހާޓްޒް ޕްރޯމޯޝަން ޑިސްޕްލޭއެކެވެ. ހަލުވިކަމާއި ފަސޭހަކަމަށްޓަކައި، މި ފޯނަށް ޚާއްސަކޮށްގެން އޭ19 ޗިޕަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ޗާޖު ކުރުމަށް ޔޫއެސްބީ-ސީ ޕޯޓެއް ހިމަނާފައިވެއެވެ.
ނަމަވެސް، ފޯނު ތުނިކުރުމުގެ ގޮތުން ބެޓެރީގެ ސައިޒު ކުޑަކޮށްފައިވާނެ ކަމަށްވެއެވެ. މީގެ ސަބަބުން، އާންމުކޮށް ބޭނުންކުރާ ނަމަ އަވަސް އަވަހަށް ޗާޖުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އައިފޯން 17 އެއާގެ އިތުރުން، އަންނަ އަހަރުގެ ލައިންއަޕްގައި ހިމެނޭނެ ކަމަށް ބެލެވެނީ އައިފޯން 17، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޮ މެކްސް އެވެ.
މި ތިން މޮޑެލްގެ ޑިޒައިން، ކުރީގެ އައިފޯންތަކާ މާ ބޮޑު ތަފާތެއް ނުހުންނާނެ ކަމަށް ބެލެވޭއިރު، މި އަހަރުގެ އެންމެ ބޮޑު އީޖާދީ އުފެއްދުމަކަށް ވާނީ އައިފޯން 17 އެއާއެވެ.
އަނެއްކޮޅުން، 'އެއާ' އަކީ ހަމައެކަނި ނަމެއް ނޫނެވެ. އެއީ އެޕަލްގެ އުފެއްދުންތެރިކަމުގެ ފަލްސަފާއެއް ރަމްޒުކޮށްދޭ، ވަރަށް ކާމިޔާބު ނިޝާނެކެވެ. މެކްބުކް އެއާ އާއި އައިޕެޑް އެއާ އިން މިކަން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. މި ނަން އަބަދުވެސް ބޭނުންކޮށްފައިވަނީ ތުނި، ލުއި އަދި ފަސޭހައިން ގެންގުޅެވޭ، ފަރުމާއަށް އިސްކަންދޭ އާލާތްތަކަށެވެ. އެހެންކަމުން، 'ޕްލަސް' މޮޑެލްގެ ބަދަލުގައި އައިފޯނަށް 'އެއާ' މޮޑެލެއް ތައާރަފުކުރުމަކީ، އައިފޯން ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.