"ކޮންމެ ދުވަހެއްވެސް ފަށަންވާނީ ހެޔޮ އަމަލުތައް ކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ﷲ ތައާލާއަށްޓަކާ އަޅާ ކޮންމެ ފިޔަވަޅެއް އެޅޭނީ އަމާންކަމާއި އެކުގައެވެ. ކޮންމެ މަގުސަދެއް ފުރިހަމަކުރުމަށް ބޭނުންވިޔަސް ﷲ އަށް ވަކީލުކޮށްފައި ފަށާށެވެ. "
***
ޒުބޭރު އެ ކޭހުގައި ވަރުގަދައަށް ވަކާލާތުކުރިއެވެ. ހުރިހާ ހެކިތަކާއި ތަކުރާރުކޮށް ކުރި ކުށްތަކާއި ސްކޫލްގައި ހިންގާފައިވާ އަމަލުތައް އަދި ވަގަށްނެގި ބައިސްކަލްގެ މައްސަލައާއެކު ކަރުދާސް ތައްޔާރުކުރިއެވެ.
***
މިރިއަމް ކުޑަދޮރުކައިރީގައި ބޭރަށް ބަލަންހުރިއިރު އޭނަގެ އިނގިލިތައް ވަށައިލެވިފައިވަނީ ދެބައިކުޅަ އެއްބަޔަށް ކަޅުސައި ހުރި މަގެއްގައެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރިވަރުން ސައިތަށި ހިހޫވީއިރުވެސް ރޭކާނުލިއެވެ. ޚިޔާލުގެ ވާފަށް އެއްލާލާފައިވީ މާދުރަށެވެ. ސިކުނޑިން ފޮހެލަން ބޭނުންނުވާ ހަނދާންތަކެއްގެ ތެރޭގައި އޮޅިފައެވެ. އޭނަ މިހިރީ ހަދާނެގޮތް ނޭގި މަންޒިލް މަގުސޫދު އޮޅޭވަރުވެފައެވެ. މަރުވެގެން ވަޅުލިކަމަށް ބުނާ މީހުން އެނބުރި ދުނިޔެއަށް އަންނާން ވެއްޖެއްޔާ ސިކުނޑި ސުމަކަށް ނުދާނެހެއްޔެވެ؟ މިއަދު އޭނައަށް އެފެނުނީ ނިޔާވެފައިވި އޭނަގެ ބައްޕައެވެ. ބައްޕަގެ މޫނު ގާތުން ފެނުމުން ކަށަވަރުވެއްޖެއެވެ. އުމުރުން ދުވަސްވެ ތަންކޮޅެއް ހިކިފައި ހުއްޓަސް އެ މޫނު ނޯޅޭނެއެވެ. އެލޮލުން ފެނުނީވެސް ހާސްކަމާއި ކުށްވެރި އަދި ދެނެގަނެވުނުކަމުގެ ނިޝާންތަކެވެ. އެކަމަކު ބައްޕަ އަތުން ހަނާ އަޅާނުލިއެވެ. ގޮވައެއްނުލިއެވެ. އެތަން ދޫކޮށް އަވަސްއަވަހަށް ދިޔައީއެވެ. ޖިންނިއެއްހެން އެސްފިޔަޖަހައިލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
އެތައް އަހަރެއްވާންދެން އޭނަގެ ސިކުނޑީގައި ބައްޕަ ގެ ރީތި ހަނދާންތައް ރައްކާކުރިއެވެ. އެއީ އޭނަގެ ގާތުގައި ނިކަން އަގުހުރި މުހިއްމު ހަނދާނެވެ. އެކަނިމާއެކަނިހުރެ އޭނަ ހާދަ ވަރަކަށް ހިތާމަކުރިއެވެ. އޭނަ ބައްޕަދެކެ ރުޅިވެސް އައެވެ. ބައްޕަ މާ އަވަހަށް އޭނަ ދޫކޮށްލާފައި ދިޔައީއެވެ. މިހާރު މިވީ ކިހިނެއް ހެއްޔެވެ؟މިހާރު އޭނައަށް އިހުސާސްކުރެވުނީ ހުޅެވެމުން ދިޔަ އާގައެއްގެ ކައިރިފަށުގައި ހުރެވުނުހެންނެވެ. އޭގެތެރޭގައިވަނީ ކޯނޗެއްކަން ނޭގޭ ހާލުގައެވެ. އޭނަގެ ފަހަތުން އިވެމުން ދިޔަ އަޑުތައް ސަމާލުކަމަށް އަންނަން ވަގުތުކޮޅެއް ނެގިއެވެ. ކްލިނިކްގެ ކޮމްޕިއުޓަރގެ ކީބޯޑާއި، ނަރުހުންގެ ބޫޓު އަދި ކޮޓަރިތަކުގައި ތިބެ ޑޮކްޓަރުން ދައްކަމުން ދިޔަ ވާހަކަތަކުގެ އަޑުވެސް އިވެންފެށިއެވެ.
އޭނަ ސައިތަށީގެ ކޯވަރެއް ބޯލުމާއެކު އެނބުރި ބަލައިލީ ދޮރު މާ ބާރަށް ހުޅުވައިލުމުންނެވެ. ލައި ނުގަނެގެން އުޅެނީ ރަށުގައި މަޝްހޫރުކުއްޖެކެވެ. ޝިފްނާއެވެ. އޭނައާއި ދާދި އެއް އުމުރެއް ވިޔަސް ބަލާބެލުމަށް ހަރުފާޑުހުރެއެވެ. އަޑުހަރުވެފައި ރަށުތެރޭގައި ވާހަކަ ފެތުރުމުގައި ދެވަނައެއް ނެތެވެ.
"މިރިއަމް." ޝިފްނާގެ އަޑު މުޅިތަނުގައި ގުގުމައިލިއެވެ. އައިގޮތަށް އޭނަ އުރާލަފާނެހެން ހީވިއެވެ." އަހަރެން ނުދެނެހުރިން މިރިއަމް މަސައްކަތްކުރަނީ މިތާގައިކަން މާޝާﷲ...އަދިވެސް ހަމަ މާލޭގައި؟ ރާއްޖެއިން ބޭރުގައިކަމަށް ހީކުރީ...."
" އާނ މާލޭގައި ދުވަސްކޮޅެއްވެއްޖެ..."
"ވާހް......އަދިވެސް ހަމަ ކުރީގެ މިރިއަމް. މޫނު އޮމާންކަން. އެންމެ ރުލެއްވެސް ނެތް.........ތިހާ ޒުވާންކޮށް ދައްކަނީ ކީއްވެތަ؟ ކޮބާ ސިއްރަކީ؟" އޭނަ ހިނިގަނޑެއް ޖަހައިލިއެވެ.
"ޝިފްނާވެސް ބަދަލެއްނުވެއެއްނު......"
"ތެންކިއު...."ޝިފްނާ ތުއިވެލިއެވެ. ފައުންޑޭޝަންއާއެކު މޭކަޕްކޮށްފައި ހުރިވަރުން އަސްލު ސިފަ ކިރިޔާ އެނގެނީއެވެ.
"ފެރީއިން އައިއިރު ފެނުނުމީހަކު އެނގޭތަ؟"
"ކާކު؟"
"ޒުބޭރު.....އަހަރެން އޭނަ ނުދެކޭތާ ވަރަށް ޒަމާންވެއްޖެ..ދިގު ޓަވަރެއްކަހަލަ މީހެއްވީމަ ލޮލުގައި އަޅައިގަންނާނެ ދޯ ހަމަ.."
މިރިއަމްއަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނަ ދެނެހުރިގޮތުން ޒުބޭރު އުޅޭނީ އޮފީހުގައެވެ.
"އޭނަ އެކަނި އިނީ...."ޝިފްނާގެ އަޑު ތަންކޮޅެއް މަޑުވިއެވެ." އެކަމަކު އެނގެއެއްނު...އޭނަގެ އަޑު އެރިކަން...އެއްކަލަ މަޑުމަޑުން ހުންނަ ސަޔާރާއާއި ޒުބޭރުގެ ކޮންމެވެސް ކަހަލަ ގުޅުމެއް އޮތްކަމަށް ރަށުތެރޭގައި ކިއެއްނު..."
މިރިއަމް ގެ އަތުން ސައިތަށި ދޫނުވީ ހަމަކިރިޔާއެވެ.
"ކީކޭ؟"
"އަޑުނާހަންތަ؟" ޝިފްނާ އަނދުނުން ބަރާވެފައިހުރި އެސްފިޔަ ތަޅުވައިގަތެވެ. މިރިއަމްއަށް އެންމެ ކުރިން އެ ޚަބަރު ގެނެސްދެވުނު މީހަކަށްވީކަމަށްޓަކާ އުފާކުރިއެވެ." މިރިއަމް ރާއްޖެއިން ބޭރުގައި ހުރިއިރު ޒުބޭރު މިރިއަމްގެ މަންމަ ގެ ހާލު ބަލައިލަން އެގެއަަށް ގޮސްއުޅެއެއްނު....އެހެން ނިޔަތެއްގައި ކަމަށް ވެދާނެ...ގޯޑް އޮންލީ ނޯސް..އަހަރެން ދެނެހުރިގޮތުން ސަޔާރާ ނިގާބު ނާޅާ އޭނަގެ ކައިރީގައި އުޅުނީ.."
"ތިއީ ރަގަޅު ވާހަކައެއްނޫން..."
"އެއެއް ނޭގޭ..ސަޔާރާ އަމިއްލައަށް އެވާހަކަ ދައްކައިގެން އުޅެނީ...އެދެމީހުންގެ ހިތުގައި އިހުސާސްތަކެއް އޮތީމައެއްނު ސަޔާރާ އެހެން ކިޔާނީ. މިބުނީ ޒުބޭރުވެސް އަންހެންކުދިންގެ ލައިފަށް ގެންނަން ބޭނުންވާކަހަލަ މީހެއް.ރަގަޅު އާއިލާއެއް. ކިޔަވައިގެން ހުރީ. އަނެއްކާ ބަލައިލަން ހުތުރެއްނޫން. އަހަރެން އެ އަންހެންކުއްޖާއަށް ބްލޭމް ނުކުރާނަން.." ޝިފްނާއަށް ޒުބޭރުއާއި މިރިއަމްގެ ގުޅުން އެއްވެސް ވަރަކަށް ނޭގި ވާހަކަދައްކަމުން ދިޔައީ ފޯރިއާއެކުގައެވެ.
"މި ކްލިނިކްގައި މީހުންގެ ޒާތީ ވާހަކަދެއްކުން މަނާ.." އޭނަ ހީލިއެވެ.
"އޯ އަސްލު؟ އެހެންވިއްޔާ ސޮރީ..އަނެއްހެން ގޯސް އެއްޗެއް ނުބުނަމެއްނު...މިރިއަމްއަށް އެކަނި އަދި މިކަން ނޭގެނީ..ކުކުޅު ހާލަށްދާންދެން އެނގޭކަމެއް " ޝިފްނާގެ ވަރުގަދަ ހިނިގަނޑުން އުދަގޫވެ ކައުންޓަރުގައި ހުރި ކުއްޖާވެސް ފާޑަކަށް ބަލާލައިފިއެވެ. "އެނީވޭސް ދެން އެވާހަކަ ބާއްވަމާ...މިރިއަމް މަންމަ ކިހިނެއް؟"
***
ރޭގަނޑު ނުވައެއް ޖަހާބޮޑުވީިއިރު ގޭތެރެއަށް ވެރިވެފައިވީ ހިމޭންކަމެވެ. ޖަމީލާވެސް އިޝާނަމާދަށްފަހު ކައިގެން ނިދުމުން މިރިއަމް ފޯނު ހުޅުވާލައިގެން ބަގަރާ ސޫރަތް ކިޔަވަން މަސައްކަތްކުރިއެވެ. ދެތިން އާޔަތް ކިޔެވިތަނާ ޚިޔާލުތައް އެކި ދިމާލަށް ދިޔައެވެ. ޒުބޭރު ގެ ޚަބަރެއްވެސް ވީއެއް ނޫނެވެ. ލަސްވާނަމަ ގުޅާފައި ބުނަން ޖެހޭނެ ނޫންހެއްޔެވެ؟ ހެދުނު ގެއިން ދިޔަ މީހާ އެންމެ މެސެޖެއްވެސް ކޮށްނުލައެވެ. އޭނަގެ މަންމަ ޒުބޭރުއަށް އިތުބާރުކުރިއެވެ. އެކަނިމާ އެކަނި ނޫޅެވޭވަރުވީ ހާލުގައި އެހީތެރިވެ ހުރިހާ ޒިންމާއެއް އުފުލީ ޒުބޭރުއެވެ. ރައްކާތެރިކަންވެސް އިހުސާސްވިއެވެ.
އޭނައަށް މިހާރު އެކަމުން އުދަގޫވާންވީ ކީއްވެހެއްޔެވެ؟ރަށުތެރޭގައި ފެތުރިފައިވަނީ ޒުބޭރުގެ ހިތުގައި ސަޔާރާއަށް ޚާއްސަ މަގާމެއް އޮތްވާހަކައެވެ. ފަހަރެއްގައި ޒުލޭޚާފަދަ މީހަކަށް އެދެމީހުން އެކީގައި ތިބެ ނަޒަރު ބަދަލުކޮށްލިޔަސް ލޯބިކަމަށް ގަބޫލުކޮށްފާނެއެވެ. އެމީހުންނަށްވެސް ގަބޫލުކުރެވޭނީ ޒުބޭރުއާއެކު ތަންކޮޅެއް ރީތި މަޑުމައިިތިރި ކުއްޖަކު ހުރުންކަމަށް ވެދާނެއެވެ. ސަޔާރާއަކީ އެފަދަ އަންހެންކުއްޖެކެވެ.
އެކުއްޖާ ދުވަހަކުވެސް ބާރަށް އެއްޗެއް ބުނި ހަނދާނެއްނުވެއެވެ. އެހާ އަޅުވެރިއެވެ. މަޑުމައިތިރި ލޯބި އަންހެންކުއްޖެކެވެ. އޭނަ މުޅިން ތަފާތެވެ. އޭނަގެ ފަރާތުން އެހެން މީހުންނަށް ފެންނާނީ ރުޅިވެރިކަމެވެ. އޭނަ ފެންނަ ކޮންމެ ކަމަކާއި ސުވާލުކުރާނެއެވެ. މައްސަލަ ޖައްސާނެއެވެ. އެހެން މީހުންގެ ފަހަތުގައި އުޅޭކަށް އޭނަގެ މިޒާޖު ތަންނުދެއެވެ. އަދި އެހާ ހިތްހެޔޮކަމާއެކު ވާހަކަދެއްކުމަކީވެސް އޭނަގެ ޝަޚުސް އަރައިރުންވާކަމެކެވެ.
ވީއިރު ޒުބޭރު އޭނައާއި ކައިވެނިކުރީ ކޮން މަގުސަދެއްގައި ހެއްޔެވެ؟
މިރިއަމް އެނދުގައި ހަށިގަނޑު ދަމައިލީ ދިހައެއް ޖަހަން އުޅެނިކޮށެވެ. ހުރިހާ މަސައްކަތުން އެއްކިބާވުމާއެކު ޚިޔާލުތައް ގިނަވިއެވެ. ހަމްޒާއާއި ޒުބޭރުގެ އެކި ހަނދާންތައް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ހަމްޒާވެސް ބޭވަފާތެރިވީއެވެ. އޭނަދެކެ ލޯބިވީކަމަށް ދައުވާކުރި ފިރިހެނާވެސް އެހެންކުއްޖަކާއި ހިތާވެގެން އުޅުނުކަމަށް ވާހަކަ އެބަދެކެވެއެވެ. އޭނައަށް އެންމެ ރަގަޅެވެ. ހަގީގަތަކީ ޝިފްނާގެ ވާހަކަ ގަބޫލުކުރަން އޭނަގެ ހިތް ދެކޮޅުހަދާކަމެވެ. ސަޔާރާ ދެކެ ޒުބޭރު ރުހެންޏާ އޭނައަށް ކީއްހެއްޔެވެ؟ އެދެމީހުން ކައިވެނިކޮށްގެން ތިއްބަސް ބީރައްޓެހިންނެކޭ ތަފާތެއްނެތެވެ. ޒުބޭރު އޮޅިގެން ނޫނީ އޭނަގެ އަތުގައި ބީހިލާފައިވެސް ނުވެއެވެ.
މިރިއަމްއަށް ހީގަނެވުނެވެ. އޭނަ އުއްމީދުކުރީ އެހެން މީހުންފަދައިން އޭނަގެ ހަޔާތަކީވެސް ލޯބީގެ ރީތި ވާހަކައަކަށް ވާނެކަމަށް ހެއްޔެވެ؟ ފަހު ޒަމާނުގައި މިސާލު ޖަހާނެފަދައިންނެވެ. ރޯމިއޯ ޖޫލިއަޓްއާއި ލައިލާ މަޖުނޫން ފަދައިންނެވެ. އެފަދަ ލޯބީގެ ވާހަކަތައްވެސް ނިމިފައިވަނީ ހިތާމައާއި ހިތްދަތިކަމުންނެވެ. އެކަމުން އިބުރަތެއް ހޯދަންވެއްޖެ ނޫންހެއްޔެވެ؟ ދިރިއުޅުމުގެ އެހެން ހަގީގަތްފަދައިން އެއީވެސް ހިތި އެއްޗެކެވެ. ލޯތްބަކީ ހަގީގީ އެއްޗެއް ހެއްޔެވެ؟
"އަހަރެން ހަމަ އެހާ މޮޔައީ؟ ނައީވް ކަން ނޭގޭ..ކޮންމެވެސް މީހަކު އަހަރެން ދެކެ އެހާވަރަށް ލޯބިވާނެކަމަށް ހީކުރުމަކީ ހަމަ މޮޔަކަމެއް......"އޭނަ ވިސްނަމުންގޮސް އެހެން ޖަޒުބާތެއް އުފަންވިއެވެ. ހިތްހަމަނުޖެހުމެވެ. އޭނައަށް އަދިވެސް ލޯތްބަކީ ކޯނޗެއްކަން ނޭގެނީކަމަށް ވެދާނެއެވެ. ކޮންމެގޮތެއްވިޔަސް ޒުބޭރުއަކީ އޭނަގެ ފިރިމީހާއެވެ. އޭނަގެ ހިތުގައި އޮތް އެއްޗަކާއިމެދުވެސް ސުވާލު އުފެދިއްޖެއެވެ. އެހިތުގައި ދުވަހަކުވެސް ލޯތްބެއް ނުވަނީހެއްޔެވެ؟ އޭނައަކީ އެއްވެސް މީހަކު ހިތްއެދޭފަދަގޮތެއް ހުރި ކުއްޖަކަށް ނުވަނީހެއްޔެވެ؟ ބޭނުންނުވަނީއެއް ނޫނެވެ. އޭނަ މިފަހަކަށް އައިސް އެހެން މީހުންގެ ލޮލަށް ނުފެންނަނީ ކަން ނޭގެއެވެ. އޭނަ ބޮލާއެކު ރަޖާ އޮޅައިލީ ދޮރުގެ ހިންމިތަކުން ވަންނަ އައްޔަށްވެސް ފިލުމަށެވެ.
ޒުބޭރު އާއްމުކޮށް ގެއަށް ވަންނާނީ ދަންވާފަހުންނެވެ. ކޯޓު ކޭސްތައް ނިމެނީ ލަހުންކަމަށް ވެދާނެއެވެ. ވަރުބަލިވިޔަސް ދުނިޔޭގައި ހުރި އެންމެ ހަމަޖެހޭ މީހާހެން މޫނުމަތިން ހީވާނެއެވެ. ސަލާމް ގޮވާލުމަށްފަހު ނިދާހެދުން ލައިގެން ތަޅުންމަތީގައި އޮންނަ ތުނި ގޮދަޑި މައްޗަށް ވެއްޓިގަންނާނީ އަތުގައި ހުންނަ ނޯޓްސްތަކާއި އެކީގައެވެ.
މިރިއަމް ހޭލާ އޮތަސް އޭނަ އޮންނާނީ ނިދާކަމަށް ހެދިގެންނެވެ.
ނުނިމޭ...