މަޑުލު ވަހީދުގެ ހަނދާނުގައި އުފަންރަށުގައި ތައުބީނުގެ ޖަލްސާއެއް ބާއްވައިފި

މަޑުލު ވަހީދުގެ ހަނދާންތައް އާކުރައްވައި، އުފަން ރަށް ހޯރަފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން ---- ފޮޓޯ/ ހޯރަފުށީ ކައުންސިލް

މަޑުލު މުޙައްމަދު ވަހީދުގެ ހަނދާނުގައި އުފަން ރަށް ހއ. ހޯރަފުށީގައި ތައުބީނުގެ ޖަލްސާއެއް ރޭ ބާއްވައިފިއެވެ.

ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު ވަހީދު އަވަހާރަވީ އޭޕްރީލް 14 ގައެވެ.

އެ ޖަލްސާގައި ވަހީދުގެ ފަނޑުވުމެއް ނެތް ހަނދާންތަކާއި ޚިދުމަތްތަކުގެ މައްޗަށް ވީޑިއޯ ރިޕޯޓެއް ވަނީ ދައްކާފައެވެ. އެއަށް ފަހު، އެކި ބޭފުޅުން ވަނީ މަޑުލު ވަހީދުގެ ހަނދާންތައް އާކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އޭގެ ތެރޭގައި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމާއި މަޑުލު ވަހީދުގެ އާއިލާ ބޭފުޅުންނާއި މުޙައްމަދު ސަލީމާއި އާދަމް އަބްދުއްރަޙުމާނާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ހިމެނެއެވެ.

މަޑުލު ވަހީދުގެ ހަނދާންތައް އާކުރައްވައި، އުފަން ރަށް ހޯރަފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން ---- ފޮޓޯ/ ހޯރަފުށި ކައުންސިލް

މީގެ ތެރެއިން، އަޝްރަފްގެ ވާހަކަފުޅުގައިވަނީ ވަޙީދުގެ ކުރު ވާހަކަތަކުންނާއި އޭނާގެ ދިރިއުޅުއްވުމުން ނަންގަވައިދެއްވި ގިނަ ފިލާވަޅުތަކެއް ހިއްސާކުރައްވާފައެވެ.

އަޝްރަފް ވިދާޅުވީ، ވަހީދުގެ ކޮންމެ ވާހަކައެއްގެ ކޮންމެ ހާދިސާއަކުން ވެސް އިޖުތިމާއީ ފެށީގެ ނިމިދިޔަ ހަޔާތުގެ ސަފުހާތައް ބިއްލޫރިގަނޑެއްހެން ދައްކުވައިދޭ ކަމަށެވެ. އަދި، ވާހަކަތަކުގައި ބޭނުންކޮށްފައިވާ ޝަހުސިއްޔަތުތަކުން ވެސް އެތައް މެސެޖެއް ދެއްވާފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

https://sun.mv/209355

އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ، މަޑުލު ވަހީދަކީ މުހިންމު ދައުރެއް އަދާކުރެއްވި ލިޔުންތެރިއެއް ކަމަށެވެ. އެގޮތުން، ވަހީދުގެ ވާހަކަތައް ގުޅިފައިވަނީ ގައުމުގެ ތަރައްގީއާއި މުޖުތަމައުގެ ވިންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޑުލު ވަހީދުގެ ހަނދާންތައް އާކުރައްވައި އުފަންރަށް، ހޯރަފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން ---- ފޮޓޯ/ ހޯރަފުށީ ކައުންސިލް

އެ ވާހަކަތަކުގައި ވަހީދުގެ ސިފަކުރުންތައް ގުޅިފައިވަނީ އިޖުތިމާއީ އަދާލަތާއި މުޖުތަމައުގެ ސުލްހަމަސަލަސްކަމާ ކަމަށާއި އެ ވާހަކަތަކުން އަގުހުރި ފިލާވަޅުތަކެއް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. މަޑުލު ވަހީދުގެ ތައުބީނުގެ ޖަލްސާ އުފަން ރަށުގައި ބޭއްވުނީ، އެ ރަށު މީހުންގެ ހިތުގައި ވަހީދަށް ދެވިފައިވާ މަގާމާއި ގަދަރުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"[ތަައުބީނުގެ ޖަލްސާ ބާއްވަނީ] ހޯރަފުށި ނުހަނު ފަޚުރުވެރިވާ ލިޔުންތެރިކަމުގައި އެންމެ ވިދާ އެއް ނަންފުޅުކަމުގައިވާ ކުރު ވާހަކަލިޔުމުގައި އެފަދަ ދެވަނައެއްނުވާ ޝަރަފުވެރިޔާގެ ޚިދުމަތުގެ ހަނދުމަ އާކުރުމުގެ މަގުސަދުގައި. ގައުމިއްޔަތަށް މަރުހޫމު ވަހީދު އަގުހުރި މަސައްކަތްތައް އަދުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމުގެ މަތިވެރި ނިޔަތުގައި،" އޭނާ ވިދާޅުވިއެވެ.

މަޑުލު ވަހީދުގެ ހަނދާން އާކުރައްވައި، އުފަންރަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ހޯރަފުށީ ކައުންސިލް

މަޑުލު ވަހީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ވަހީދު އަވަހާރަވީއިރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 46 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފައެވެ. ވަހީދަކީ ލިޔުންތެރިކަމުގައި ދެމިހުންނެވި ބޭފުޅެކެވެ.

ރީތި ގިނަ ވާހަކަތަކާއި، މަޒުމޫނުތަކާއި، ނަސޭހަތާއި ތަފާތު ލިޔުންތައް ދޫކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2019ވަނަ އަހަރު ލިބިވަޑައިގެންނެވި ވަހީދަށް އާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރު ލިބިވަޑައިގެންނެވިއެވެ. އެއީ، 1997ވަނަ އަހަރު ކުރުވާހަކަ ލިޔުމުގެ ރޮނގުންނާއި، 1985ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ނޫސްވެރިކަމުގައި ވަހީދު ކުރައްވައިފައިވާ އަގުހުރި މަސައްކަތްޕުޅަށް 2018ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންނެވިއެވެ.

comment ކޮމެންޓް