މޯދީގެ ދަތުރުފުޅާ ގުޅިގެން އިންޑިއާ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ (މ) މިނިވަން ދުވަހުގެ ކުޅިވަރު ބައްލަވާލައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތުމުގެ ސަބަބުން އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި މޯދީ ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. މޯދީ އާއި ރައީސް ވަނީ މެންދުރުފަހު ރަސްމީކޮށް ބައްދަލުކުރައްވައި، މަތީ ފަންތީގެ ބައްދަލުވުންތަކަށް ފަހު، ދެ ގައުމުގެ ދެމެދުގައި ފަސް މުއާހަދާއަކާއި ތިން އެއްބަސްވުމެއް ބަދަލުކޮށްފައެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ނޫސްވެރިންނަށް ރައީސް ވަނީ ބަސްދީގަތުމެ ދެއްވައިފައެވެ.

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު، މޯދީގެ ދަތުރުފުޅުގެ ސަބަބުން އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ، އަޅުގަނޑަށް ޔަގީން ޕީޕަލް ޓު ޕީޕަލް އެކްސްޗޭންޖް ވެސް ދެ ގައުމުގެ ދެމެދު އިތުރުވާނެކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މޯދީއަށް ތައުރީފުކުރައްވައި ރައީސް ސިފަކުރެއްވީ، އެމަނިކުފާނަކީ އަވަށްޓެރި ގައުމުތަކުގެ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރައްވާ، ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ވިދާޅުވީ ދެ ގައުމުގެ ސަރުކާރުން ގުޅިގެން މަސައްކަތްކޮށްގެން އިތުރު ހަރުފަތަކަށް ދެ ގައުމުގެ ގުޅުން ގެންދެވޭނެ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި އަވައްޓެރި އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް މާކެޓެވެ. މިގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ އެއް ގައުމަކީ އިންޑިއާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޑައިރެކްޓް ފްލައިޓްތައް ދެ ގައުމުގެ ދެމެދު އިތުރުކުރުން ހިމެނޭހެން އެއްބާރުލުން އިތުރުކޮށްގެން ދިވެހިރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތްގޮތާ މެދު މަޝްވަރާކުރެވުނު،" ރައީސް ވިދާޅުވިއެވެ.

އިއްޔެ ދެއްވި ބަޔާނެއްގައި ވެސް ރައީސް ވަނީ އިންޑިއާ ފަތުރުވެރިން އިތުރުކުރުމުގެ މަޝްވަރާތައް މޯދީއާ ކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ގައުމުން ރައްޖެއަށް ކުރާ ސީދާ ދަތުރުތައް އިތުރު ކުރަނެ ކަމަށް ވިދާޅުވިއެވެ.

https://sun.mv/209046

އިންޑިއާއަކީ 2020، 2021، 2022 އަދި 2023ގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް އިންޑިއާއާ ދުރު ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު 2023ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމަށް އައިސް، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.

އެ މައްސަލަ ޖެހުނު ފަހުން މި ސަރުކާރުން ވަނީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށް، ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

comment ކޮމެންޓް