ވިއެޓްނާމް ބޯޓެއް ބަންޑުން ޖަހާލައި 35 މަރު، ހަތަރު މީހުން އަދިވެސް ނުފެނޭ

ބަންޑުންޖަހާލި ވިއެޓްނާމް ބޯޓު ކައިރީގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ -- ފޮޓޯ/އޭއެފްޕީ

ފަތުރުވެރިންގެ މެދުގައި މަޤްބޫލް މަންޒިލެއް ކަމަށްވާ ވިއެޓްނާމްގެ ހާލޯންގް ބޭއަށް ބޯޓެއް ބަންޑުން ޖަހާލި ހާދިސާގައި 35 މީހުން މަރުވެފައިވާއިރު، ހަތަރު މީހަކު އަދިވެސް ނުފެންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އެ ބޯޓު ބަންޑުން ޖަހާލާފައި ވަނީ 53 މީހުން ގޮވައިގެން ދަތުރުކުރަނިކޮށް، މޫސުން ވަރަށް ބޮޑަށް ގޯސްވެގެންނެވެ.

އެ ހާދިސާ ހިނގީ ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް ތޫފާން، ވިފާ ވިއެޓްނާމާ ކައިރިވަމުން ދިޔަ ވަގުތު އެ ސަރަހައްދުގެ ވައި ބާރުވެ ބޯކޮށް ވާރޭ ވެހި ގުގުރާ ވިދަމުން ދިޔަ ވަގުތެއްގައެވެ.

ބޯޓުގައި ތިބި ހުރިހާ ފަތުރުވެރިންނަކީ ވެސް ވިއެޓްނާމް މީހުން ކަމަށާއި އޭގެ ތެރޭގައި ވިއްސަށްވިރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށް ވެސް ވިއެޓްނާމްގެ ރަސްމީ ނިއުސް އެޖެންސީން ބުނެއެވެ.

މީހުން ހޯދުމަށް ކުރާ މަސައްކަތުން ހޮނިހިރު ދުވަހުގެ ނިޔަލަށް 11 މީހުން ވަނީ ސަލާމަތްކޮށްފައެވެ.

ހަނޯއީއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ހާލޯންގް ބޭއަށް އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރެއެވެ. އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުން ގޮވައިގެން ބޯޓުތަކުގައި ކުރާ ދަތުރުތަކަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް ކަމެކެވެ.

ވިފާ ތޫފާނަކީ ދެކުނު ޗައިނާ ކަނޑުގައި މި އަހަރު އުފެދުނު މިފަދަ ތިންވަނަ ތޫފާނެވެ. އަންނަ ހަފުތާގެ ކުރީކޮޅު އެ ތޫފާން ވިއެޓްނާމްގެ އުތުރު އައްސޭރިފަށާ ހަމައަށް ފޯރާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރު އެރި ތޫފާން ޔާގީގެ ސަބަބުން ވެސް ހާ ލޯންގް ފަޅުގެ އައްސޭރިފަށުގެ ކުއަންގް ނިން ޕްރޮވިންސްގެ ބޯޓްލޮކް ސަރަހައްދުތަކުގައި 30 އުޅަނދެއް އަޑިއަށް ގޮސްފައިވެއެވެ.

comment ކޮމެންޓް