އާފަލެއްގެ އަގު ދެގުނައަށް އުފުލި، 9 ރުފިޔާއަށް

މާލޭ ބާޒާރުގައި މިއަދު ވިއްކަން ބަހައްޓާފައި ހުރި އާފަލްތަކެއް: އާފަލެއްގެ އަގު މިހާރު މި ވަނީ ގާތްގަނޑަކަށް ދެ ގުނަ ވެފައި-- ފޭސްބުކް ފޮޓޯ: ބިލާލް އަބްދުއްސައްތާރު

މުޅި ރާއްޖެއަށް ކާބޯތަކެތި ފޯރުކޮށްދޭ މާލޭގެ ބާޒާރުގައި ތަކެތީގެ އަގު އުފެލެމުން ދާއިރު, އާފަލެއްގެ އަގު ނުވަ ރުފިޔާއަށް ވުރެން މައްޗަށް ޖެހިއްޖެއެވެ.

ސިއްހަތަށް ފައިދާ ހުރި މޭވާތަކުގެ ތެރެއިން އެންމެ އާއްމުކޮށް އެންމެ ހެޔޮ އަގެއްގައި ލިބޭ އާފަލެއް ކުރިން ހަތަރު ރުފިޔާއަށް ނުވަތަ ފަސް ރުފިޔާއަށް ގަންނަން ލިބެއެވެ.

ނަމަވެސް މިއަދު މާލޭގެ ބާޒާރުގައި އާފަލެއްގެ އަގު އެންމެ ދަށްކޮށް ވެސް ހުރީ ނުވަ ރުފިޔާއަށެވެ. ބައެއް ފިހާރަތަކުގައި ނުވަ ރުފިޔާ ލާރިކޮޅަކަށް ނުވަތަ 10 ރުފިޔާއަށް ވެސް އެންމެ އާފަލެއް އެބަ ވިއްކައެވެ. އޭގެ ތެރޭގައި އާއްމުކޮށް މި ހުންނަ ރަތާއި ފެހި ކުލައިގެ އެކި ކަހަލަ އާފަލު ހިމެނެއެވެ.

ވިޔަފާރިވެރިންނާ ސުވާލު ކޮށްލުމުން ބުނީ އާފަލުގެ އަގު ބާޒާރުގައި ބޮޑުވާން ފެށީ ގާތްގަނޑަކަށް ތިން ހަފުތާ ކުރިން ކަމަށެވެ. ކުރިން އާފަލު ކޭހެއް އާއްމުކޮށް 580 ރުފިޔާއަށް ނުވަތަ 600 ރުފިޔާއަށް ގަންނަން ލިބޭއިރު މިހާރު އާފަލު ކޭހެއް އާއްމުކޮށް ގަންނަން ލިބެނީ 1200 ރުފިޔާއަށް ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

"ރަށު ފިހާރާގައި ވިއްކަން ނާލު ދައްކާފައި ފޮނުވާއިރު މިހާރު އެންމެ އާފަލަކަށް 12 ރުފިޔާ އެބަ ޖެހޭ. ކޭހެއް 1200 އަށް ލިބޭއިރު މިއީ އަގު ޑަބަލްވުން," އުތުރުގެ ރަށެއްގައި ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.

އާއްމުކޮށް ބާޒާރުގައި ބައެއް ތަކެތީގެ އަގުތައް އުފުލެނީ ލިބުން ދަތިވީމައެވެ. ނަމަވެސް އާފަލުގެ އަގު ދެ ގުނައަށް ބޮޑުވިއިރު ބާޒާރުގައި ގިނަ އަދަދަކަށް އާފަލު ވިއްކަން ބަހައްޓާފައި އެބަހުއްޓެވެ.

ދުނިޔޭގެ ބާޒާރުގައި އެ އެއްޗެއްގެ އަގު ބޮޑުވާނަމަ, މުޅިން އިންޕޯޓަށް ބަރޯސާވެފައި މިވާ ރާއްޖޭގެ ބާޒާރުގައި އެ އެއްޗެއްގެ އަގު ވަރަށް އަވަހަށް އުފުލޭނެއެވެ. ނަމަވެސް މި ވަގުތު ދުނިޔޭގެ ބާޒާރަށް ބަލާއިރު އާފަލުގެ އަގަށާއި ސަޕްލައިއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު އެންމެ ގިނައިން އާޕަލު ހައްދާ ގައުމަކީ ޗައިނާއެވެ. މުޅި ދުނިޔޭގައި އުފައްދާ އާފަލުގެ 57 ޕަސެންޓް އުފައްދަނީ ޗައިނާގައެވެ.

އާފަލަކީ ރާއްޖޭގައި އާއްމުކޮށް ހެދޭ ބާވަތަކަށް ނުވާއިރު ލިބެން ހުރި ތަފާސްހިސާބުތަކުން އެނގޭގޮތުގައި ރާއްޖެއަށް އެންމެ ގިނައިން އާފަލު އެތެރެ ކުރަނީ ސައުތު އެފްރިކާއިންނެވެ. އެ ގައުމުން 2023 ވަނަ އަހަރު ވަނީ ރާއްޖެއަށް 1,967,300 ކިލޯގެ އާފަލު އެތެރެކޮށްފައެވެ. އެ ތަކެތީގެ މާކެޓް އަގަކީ 2.2 މިލިއަން ރުފިޔާއެވެ.

ބާޒާރުގައި ބައެއް ތަކެތީގެ އަގުތައް އުފުލެމުންދާއިރު މުދާ ގަންނަން ފައިސާ ދައްކާ ޑޮލަރުގެ އަގު ބޮޑުވުމަކީ ވެސް ތަކެތީގެ އަގު ބޮޑުވާ މައިގަނޑު އެއް ސަބަބެވެ. ވިޔަފާރިވެރިން ބޭރުން ގަންނަ މުދަލަށް ފައިސާ ދައްކަން ބްލެކް މާކެޓުން މުޅިންހެން ޑޮލަރު ގަންނަން ޖެހޭއިރު މިހާރު ރާއްޖޭގެ ބްލެކް މާކެޓުގައި އެއް ޑޮލަރު ލިބެން ހުރީ 20 ރުފިޔާއަށް ވުރެން މަތިންނެވެ. މިއީ މިފަހުން ޑޮލަރުގެ ރޭޓް އެންމެ މައްޗަށް އަރައިގެން ދިޔަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް