ހުޅުމާލޭގައި އިމާރާތްކުރާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެނެކްސް އިމާރާތް، މިމަހު ފަހުކޮޅު ހުޅުވަން ތައްޔާރުވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
މިއީ ކޯޓުތައް ހިންގަން އަޅާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އަޅާ އިމާރާތެކެވެ.
ޑީޖޭއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މި އިމާރާތް ހުޅުވަނީ، ހުޅުމާލޭގައި ހުންނަ ޓްރީޓްޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކަމަށެވެ. މި އިމާރާތުގެ ސަބަބުން ޑީޖޭއޭގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ މަސައްކަތަށް ގިނަ ފަސޭހަތަކެއް ލިބޭނެކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓަށް ވެސް ޖާގައިގެ ދަތިކަން ދިމާވެ، އަޑުއެހުންތައް ބާއްވަން ދަތިތަކާ ދިމާވެއެވެ.
މި އަހަރު ރައީސް ދެއްވި ރިޔާސީ ބަޔާނުގައިވަނީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިޔުންކަމުގައި ފާހަގަކުރައްވާފައެވެ. އެހެންވެ، ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މި އަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ލަފާކުރީ، ޑީޖޭއޭގެ ވަގުތީ އިމާރާތުގެ މަސައްކަތް އެޕްރިލް މަހާ ހަމައަށް ނިމޭނެކަމަށެވެ.