އިރާގުގެ ބާޒާރަކާއި ރެސްޓޯރެންޓެއްގައި ރޯވެ، މަރުވި މީހުންގެ އަދަދު 60އަށް

އިރާގުގެ އިރުމަތީގައި އޮންނަ އަލު ކޫތު ސިޓީގެ ބާޒާރަކާއި ރެސްޓޯރެންޓެއްގައި ވަރަށް ބޮޑަށް ރޯވެ، ގާތްގަނޑަކަށް 60 މީހަކު މަރުވެއްޖެއެވެ.

ކޫތު ސިޓީ އޮންނަ، ވަސްޖިތު ޕްރޮވިންސްގެ ގަވަރުނަރު މުހައްމަދު އަލް މަޔާހީ ވިދާޅުވީ، ބާޒާރާއި ރެސްޓޯރެންޓުގައި ރޯވިއިރު، ކެއުމަށާއި ވިޔަފާރި ކުރުމަށް އެ އިމާރާތަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބި ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން އެ ފަސް ބުރީގެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރާއި އަލިފާން ނިއްވަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ.

ކޫތު ސިޓީގެ ސިއްހީ އޮފިޝަލަކު ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރެއިން 59 މީހަކު ވަނީ ދެނެގަނެވިފައެވެ.

"އެ މީހުންގެ އައިޑެންޓިޓީ ވަނީ ކަށަވަރު ކުރެވިފައި. ނަމަވެސް އެކަކުގެ ހަށިގަނޑު ވަރަށް ބޮޑަށް އަނދާފައި އޮތުމުން ކާކުކަން ދެނެގަންނަ އުނދަގޫ. އިތުރު މީހުން މަރުވެފައިވޭ. ނަމަވެސް އެ މީހުން ހަށިގަނޑު ވަނީ އަލިފާނުގެ ސަބަބުން ވެއްޓުނު އިމާރާތުގެ ދަށުގައި ތާށިވެފައި،" އޭނާ ވިދާޅުވިއެވެ.

އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ މީހުން ވަނީ ގިނަ އަދަދެއްގެ މީހުން ސަލާމަތްކޮށްފައި ކަމަށްވެސް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ތިން ދުވަސް ވަންދެން ހިތާމަ ފާޅުކުރަން ނިންމާފައިވާއިރު، ހާދިސާ ތަހުގީކުރަންވެސް ވަނީ ފަށާފައެވެ. އަދި ތަހުގީގު ނަތީޖާ 48 ގަޑިއިރު ތެރޭގައި ހާމަކުރާނެ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

comment ކޮމެންޓް