ދުބާއީ ޕޮލިހުގެ ނަމުގައި ވީޑިއޯ ކޯލެއް ކޮށްފިނަމަ ފޯނު ނުނަގާތި، މިއީ ސްކޭމެއް!

މީހަކު ފޯނާ ކުޅެނީ: ދުބާއީ ޕޮލިހުގެ ނަމުގައި ވީޑިއޯ ކޯލުކޮށް ސްކޭމް ކުރަނީ -- ސަން ފޮޓޯ

ދުބާއީ ޕޮލިސް، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަދި އެހެނިހެން އިދާރާތަކުގައި ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ މިފަދަ ފަރާތްތަކުން ބޭރު ނަމްބަރުތަކާއި އީމެއިލްތައް ބޭނުންކޮށްގެން ޒާތީ މައުލޫމާތާއި އެކައުންޓްތަކުގެ މައުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދުބާއީ ޕޮލިހުގެ ނަމުގައި ވީޑިއޯ ކޯލުކޮށް ސްކޭމް ކުރަނީ

އެހެންކަމުން ސަމާލުކަން ދޭންވީ ބައެއް ކަންކަން ފުލުހުން ވަނީ ހިއްސާކޮށްފައެވެ. ފުލުހުން ބުނީ، ދުބާއީ ޕޮލިހުން ވީޑިއޯ ކޯލްކޮށް އެއްވެސް ސެންސިޓިވް މައުލޫމާތެއް ނުވަތަ ފައިސާއެއް ނުހޯދާނެ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކް މައުލޫމާތު މިފަދަ މީހުންނާ ހިއްސާނުކުރުމަށާއި ޝައްކުކުރެވޭ ކޯލެއް އަތުވެއްޖެނަމަ، ވަގުތުން ފޯން ކަނޑައިލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންޓި ސްކޭމް ސެންޓަރުން އެދިފައިވަނީ މި މެސެޖު ގިނަ ބަޔަކާ ހިއްސާކޮށް، އާއިލާއާއި ރައްޓެހިން މި ފަދަ ނުރައްކާތަކުން ރައްކާތެރިކުރުމަށް އެހީވެދިނުމަށެވެ.

ސްކޭމަރުންނާއި ހެކަރުން އައު އުކުޅުތައް އަބަދު ވެސް ބޭނުން ކުރެއެެވެ.

މިފަހުން ޕިޝިން ލިންކުތަކެއް މެދުވެރިކޮށް ޓެލެގްރާމް ހެކު ކުރުމުގެ މައްސަލަތަކެއް ވަނީ އިތުރުވެފައެވެ.

https://sun.mv/208444

މިދިޔަ މަހުގެ ފަހުކޮޅު، ސްކޭމްތަކުގައި ދިވެހީންގެ އަތުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލުނެވެ. އޭގެ ތެރެއިން ފުލުހުންނަށް ރިކަވަ ކުރެވުނީ އެއް ލައްކަ ރުފިޔާއެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަފާތު އުކުޅުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކަށް ޚާއްސަކޮށް، ފުލުހުން އެންޓި ސްކޭމް ސެންޓަރެއް އުފެއްދީ މިދިޔަ މާރިޗު 17ގައެވެ.

comment ކޮމެންޓް