ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން އަންހެން ކުދިންނަށް ޚާއްސަކޮށްގެން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން 'ގާލްސް ޓު ކޯޑް މާލެ އެޑިޝަން' ފަށައިފިއެވެ.
ދިރާގުން ބުނީ 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންގޮސް އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިޔުމަށް އަޅައިދެވޭ މުހިންމު ބިންގަލަކަށް ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމު ވަނީ ޏ. ފުވައްމުލައް، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ހއ. ދިއްދޫ އަދި ލ. އަތޮޅަށް ތައާރަފުކޮށްފައެވެ.
އެ ކުންފުނިން ބުނީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ މަހާ ގުޅުވައި އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވައިލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން މި އަހަރުގެ މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިމަހުގެ 15ގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު އަދި އޮރިއެންޓޭޝަނުގައި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ 16 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެން ޒުވާނުން ބައިވެރިވި ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޕްރޮގްރާމުގެ ބައިވެރިން ވާޗުއަލް އަދި ފިޒިކަލް ސެޝަންތައް މެދުވެރިކޮށް ވެބް ޑިވެލޮޕްމަންޓް އަދި ކޯޑިންގެ ތަމްރީނުތައް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އަހަރުގެ ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ މަގުސަދަކީ ބައިވެރިންނަށް ކޯޑް ކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ކެރިއާ ގައިޑެންސް ވޯކްޝޮޕްތައް ތައާރަފްކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން، ސީނިއާ މެނޭޖާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު
ގާލްސް ޓު ކޯޑް އަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ޒުވާނުން ބާރުވެރިކޮށް، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށް، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދޭ ޕްރޮގްރާމެއް، ވިމެން އިން ޓެކް މޯލްޑިވްސްގެ ސެކްރެޓެރީ ޖެނެރަލް، އާމިނަތު ޝިއުފާ
ދިރާގުން ބުނި ގޮތުގައި މިއީ، ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް، ޑިޖިޓަލް އިގްތިސޯދެއް ބިނާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.