ޖޫރިމަނާ ނުދައްކާ އޮތުމުން، އަހަރެއް ކުރިން މަރުވި މީހެއްގެ މައްސަލަ ތާވަލުކޮށްފި

ކްރިމިނަލް ކޯޓަށް މީހަކު ވަންނަނީ: ކްރިމިނަލް ކޯޓުން ވަނީ މަރުވެފައިވާ މީހެއްގެ މައްޗަށް އަދަބު ކަނޑައެޅުމަށް އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އަހަރެއްހާ ދުވަސް ކުރިން މަރުވެފައިވާ މީހެއްގެ މައްސަލައެއް އޮންލައިންކޮށް ހިންގަން ކްރިމިނަލް ކޯޓުން މިއަދު ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ވަނީ، ތ. ތިމަރަފުށްޓަށް ނިސްބަތްވާ، އުމުރުން 31 އަހަރުގެ މުއާވިޔަތު މޫސާ، ވައްކަމުގެ މައްސަލައެއްގައި އޭޕްރިލް 12، 2022 ގައި 42،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ހަ މަސް ދުވަހުގެ ތެރޭ މީރާ އަށް ދައްކަން ހުކުމްކުރި ކަމަށެވެ. ނަމަވެސް، އެ ފައިސާ ނުދައްކާ އޮތުމުން އޭނާގެ މައްޗަށް އަދަބު ތަންފީޒުކުރުމަށް އެދި ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދިއުމަށްވަނީ ތާވަލުކޮށްފައެވެ.

އޭނާގެ މައްޗަށް އަދަބެއްގެ ގޮތުގައި އޭރު ކަނޑައެޅީ 42،000 ރުފިޔާގެ ޖޫރިމަނާ ފައިސާ ދެއްކުމުގެ އިތުރުން، 783 ގަޑިއިރު މުޖުތަމައަށް ޚިދުމަތްކުރުމަށެވެ. އެއީ އެއް މަހާއި ދެ ދުވަހާއި 12 ގަޑިއިރުގެ މުއްދަތެކެވެ.

ކޯޓުން އެ އަޑުއެހުން ތާވަލުކުރި ނަމަވެސް މިދިޔަ އޮގަސްޓް މަހު މުއާވިޔަތު ވަނީ ތައިލޭންޑުގައި މަރުވެފައެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ސަން"އަށް ވިދާޅުވީ، އެ އޮފީހުން މީހަކު މަރުވެއްޖެ ކަމަށް ބަލާނީ ޑީއެންއާރުން އެ މީހަކު މަރުވިކަން ކަށަވަރުކޮށްދިނުމުން ކަމަށެވެ. އޭނާ ވިދާޅުވީ، މުއާވިޔަތުގެ ފަރާތުން ޖޫރިމަނާގެ ފައިސާ ނުލިބޭ މައްސަލަ މީރާއިން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނައީ މިދިޔަ މަހު ކަމަށެވެ.

"އެ ޖޫރިމަނާ ފައިސާ ނުދައްކާތީ މީރާއިން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްފައި އޮތީ ޖޫން މަހުގެ ތެރޭގައި، ދެން އެއީ ހަމަ އޮޓޮމެޓިކް ޕްރޮސެސް އެއް، ފައިސާ ނުދައްކާ މީހުންގެ އަދަބު މުރާޖާކުރަން އަޅުގަނޑުމެން ހުށަހަޅާނެ، އެގޮތަށް ހުށަހަޅާފަ އޮތް މައްސަލައެއް އެއީ،" ޝަފީއު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ސާފުކުރަމުން މި ދަނީ އޭނާ މަރުވެއްޖެތޯ ނުވަތަ ނޫންތޯ."

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހަސަން ރަޝީދު ވިދާޅުވީ މި މައްސަލައިގެ އަޑުއެހުން މިއަދު ކެންސަލްކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް