ޖޯން އާއި މަނޫޝީގެ ފިލްމު ސިނަމާގެ ބަދަލުގައި ޑިޖިޓަލް ޕްލެޓްފޯމަކަށް

ބަތަލާ މަނޫޝީ އަދި ޖޯން ފިލްމު "ތެހެރާން"ގެ ޝޫޓިން ތެރޭގައި --ފޮޓޯ /ބޮލީވުޑްހަންގާމާ

ބޮލީވުޑް އެކްޓަރު ޖޯން އަބްރަހަމް އަދި ފިލްމީ ތަރި މަނޫޝީ ޗިލާ ލީޑް ރޯލް ކުޅޭ ފިލްމު "ތެހެރާން" ސިނަމާގައި ރިލީޒްކުރުމުގެ ބަދަލުގައި ޑިޖިޓަލް ޕްލެޓްފޯމެއްގައި ޕްރީމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އެކްޝަން ތުރިލާ އަކީ ފަހަކަށް އައިސް ކާމިޔާބު ފިލްމުތަކެއް ގެނެސްދެމުން އަންނަ ޕްރޮޑަކްޝަން ކުންފުނި މެޑޮކް ފިލްމްސްއިން ޕްރޮޑިއުސަރު ދިނޭޝް ވިޖަން ގެނެސްދޭ ފިލްމެކެވެ. މިއީ މި ފިލްމު ކުންފުންޏަށް ޖޯން ސޮއިކޮށްފައިވާ ފުރަތަމަ ފިލްމު ވެސް މެއެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ވަރުގަދަ އެކްޝަން ތުރިލާއަކީ އަރޫން ގޯޕަލަން ޑައިރެކްޓްކުރާ ފިލްމެކެވެ. ބައެއް ފިލްމީ ޚަބަރުތައް ބުނާގޮތުން ޖޯން އާއި މަނޫޝީ ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރާ "ތެހެރާން" ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. ނަމަވެސް އެއީ ކޮން ޕްލެޓްފޯމެއްކަން އަދި ހާމައެއް ނުކުރެއެވެ.

ޖޯން އިންޑިއާގެ ޑިޕްލޮމެޓް ޖޭޕީ ސިންގްއާ އެކު -- ފޮޓޯ/ބޮލީވުޑްހަންގާމާ

ސިނަމާގެ ބަދަލުގައި ޑިޖިޓަލް ޕްލެޓްފޯމަކަށް ފިލްމު "ތެހެރާން"ގެ ޕްރީމިއާ ދޫކޮށްލައިފިނަމަ މި ފިލްމުވާނީ ޑިޖިޓަލީ ޕްރީމިއާކުރާނެ ޖޯންގެ ފުރަތަމަ ފިލްމަށެވެ. މީގެކުރިން ޖޯން ބުނެފައި ވަނީ ވެބް ކޮންޓެންޓްތަކަށް އެކްޓަރުގެ އެއްވެސް ޝައުގުވެރިކަމެއް އަދި ނެތް ކަމަށެވެ.

އެހެންކަމުން މި ފިލްމު ޑިޖިޓަލް ޕްލެޓްފޯމެއްގައި ޕްރީމިއާކޮށް ފިލްމަށް ލިބޭ ކާމިޔާބީގެ މައްޗަށް ބަލައި މުސްތަގްބަލުގައި ވެބް ކޮންޓެންޓްތަކުން ޖޯން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ތެހެރާން" ސިނަމާގައި ރިލީޒް ނުކޮށް އޯޓީޓީ ޕްލެޓްފޯމެއްގައި ޕްރީމިއާކުރަން ނިންމީ މި ފިލްމަކީ ޖިއޯޕޮލިޓިކަލް ތުރިލާއަކަށް ވުމުން ކަމަށް އިންޑަސްޓްރީގެ ފަރާތުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

ހަމައެއާއެކު ފިލްމުގެ ގިނަ ޑައިލޮގްތައް ގެނެސްދީފައި ވަނީ ފަރްސީ އަދި އިނގިރޭސި ބަހުން ކަމަށްވާތީ މިއީ ހިންދީ ބަހަށް ފެތޭ ފިލްމަކަށް ނުވުމަކީ ވެސް ޑިޖިޓަލް ޕްލެޓްފޯމަކަށް ފިލްމު ދޫކޮށްލާ ސަބަބެއް ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

comment ކޮމެންޓް