މި އަހަރުގެ މެއި މަހު ސިނަމާތަކުގައި ދެއްކި އެކްޓަރު ސަންޖޭ ދަތުގެ ހޮރޯ ކޮމެޑީ ފިލްމު "ދަ ބޫތުނީ" ޒީ5ގައި ސްޓްރީމްކުރަން ނިންމައިފިއެވެ.
މި ފިލްމަކީ ސަންޖޭއާ އެކު ފިލްމީ ތަރިން ކަމަށްވާ މޯނީ ރޯއި އަދި ޒުވާން ބަތަލާ ޕަލަކް ތިވާރީ މުހިއްމު ރޯލް ކުޅެފައިވާ ފިލްމެކެވެ. މީގެއިތުރުން މި ހޮރޯ ކޮމެޑީގެ ހާއްސަ ރޯލްތަކުން ސަނީ ސިންގް އަދި އާސިފް ޚާން ވެސް ވަނީ ބެލުންތެރިންނަށް ފެނިފައެވެ. ސިދާންތު ސަޗްދޭވް ޑައިރެކްޓްކޮށްފައިވާ ސޯހަމް ރޮކްސްޓާ އެންޓަޓެއިންމަންޓް އާއި ތްރީ ޑައިމެންޝަން މޯޝަން ޕިކްޗާސް ގުޅިގެން ގެނެސްދިން ފިލްމެކެވެ.
ފިލްމު "ދަ ބޫތުނީ" އަކީ ޓެލެވިޒަން ބަތަލާ ޝްވެތާ ތިވާރީގެ ދަރިފުޅު ޕަލަކް ފިލްމީ ދާއިރާއަށް ތައާރަފްވުމަށްފަހު ބެލުންތެރިންނަށް ގެނެސްދިން އޭނާގެ ދެވަނަ ފިލްމެވެ. މީގެ އިތުރުން މިއީ ބަތަލާ މޯނީ ރޯއި ހޮރޯ ކޮމެޑީއަކުން ނުފެންނަތާ ގިނަ ދުވަސްތަކަކަށް ބަތަލާގެ ބިރުވެރި ފިލްމެއް ވެސް ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ފަހަރެވެ.

ފިލްމު "ދަ ބޫތުނީ"ގެ ލީޑް ތަރިން ކަމަށްވާ ސަންޖޭ ދަތު، މޯނީ ރޯއި އަދި ޕަލަކް ތިވާރީ--ފޮޓޯ/ބޮލީވުޑްހަންގާމާ
ޓެލެވިޒަން ސީރީސް "ނާގިން"އިން ބޮޑޫ މަޝްހޫރުކަމެއް ހޯދި މޯނީ ފާހަގަ ކުރެވިފައި ވަނީ މުޅިން ވެސް ހޮރޯ ކޮމެޑީ ޖޯންރާގެ ރޯލްތައް ވަރަށް ރަނގަޅަށް ގެނެސްދޭ ބަތަލާއެއްގެ ގޮތުގައެވެ.
ހާއްސަކޮށް ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ލީޑް ރޯލް ކުޅުނު ފިލްމު "ބްރައްމަސްތުރާ"ގައި މޯނީ ފެނުނު ރޯލްއާ އެކު އޭނާއަކީ ބިރުވެރި ކެރެކްޓާތައް އެންމެ ފުރިހަމައަށް ގެނެސްދިނުމުގެ ގާބިލުކަން ހުރި ތަރިއެއް ކަމަށް ބެލުންތެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެއްބަސްވެފައެވެ.
ފިލްމު "ދަ ބޫތުނީ"އަކީ ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ފިލްމަށް ނުލިބި ސިނަމާތަކުން ނެގި ފިލްމެކެވެ. އެހެންވެ އުއްމީދަކީ ޑިޖިޓަލް ޕްލެޓްފޯމްއިން ލިބޭ އާމްދަނީއާ އެކު ފިލްމު އުފައްދަން ކުރި ޚަރަދު ފޫބެއްދޭނެ ވަރަށް ފިލްމަށް ފައިދާވާނެ ކަމަށެވެ.
ދުވަސްތަކަކަށްފަހު ސަންޖޭ ހެއްވާ މަޖާ ރޯލަކުން ފެނުނު މި ހޮރޯ ކޮމެޑީއަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިވި މައިގަނޑު ސަބަބަކީ އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑް 2" އެ ދުވަސްވަރު ރިލީޒްވުމެވެ.