ލޯކަލް ޓޫރިޒަމަށް މަޝްހޫރު ކ. މާފުށީގައި އަސް ދުއްވުމުގެ ވިޔަފާރިން މަގުބޫލުކަމެއް ލިބި ބޮޑު ފައިދާއެއް ހޯދަން ފަށައިފިއެވެ.
މި ވަގުތު މާފުށީގައި "ހޯސް ރައިޑިން މޯލްޑިވްސް"ގެ ނަމުގައި އަހުގެ ފޮޓޯ ޝޫޓުތައް ޖެއްސުމުގެ މަސައްކަތްކުރާ ފުރުގާން މުހައްމަދު ކިޔައިދިން ގޮތުގައި ކުރިން ހުޅުމާލޭގައި މަދުން ނަމަވެސް އޭނާ އަސް ދުއްވައި އުޅުނެވެ. ނަމަވެސް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބިމުގެ އުސޫލަށް ގެނައި ބައެއް ބަދަލުތަކާ އެކު އޭނާ ގެންގުޅޭ ކަޅު ކުލައިގެ އަހާއި މުށި ކުލައިގެ އަސް ހިފައިގެން މާފުއްޓަށް ބަދަލުވީއެވެ. އެ ދެ އަހަކީ ވެސް އަންހެން ދެ އަހެވެ.
"ސަން"އާ ވާހަކަދައްކަމުން ފުރުގާން ބުނީ، ރަސްމީ ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް އަދި ނުފަށާ ކަމަށެވެ.
މި ވަގުތު އަސްތައް ނެރެނީ ބުކިންތަކަށް އެކަންޏެވެ. އެގޮތުން، ކޮންމެ ޝޫޓަކަށް 100 އެމެރިކާ ޑޮލަރު ނުވަތަ 1،500 ރުފިޔާ ނަގައެވެ. ރީލްތަކާއި ވީޑިއޯތައް އިންސްޓަގްރާމަށާއި ފޭސްބުކަށް ވެސް ދޫކޮށްލައެވެ. މި ވަގުތު އޭނާގެ ހުރީ މިކަން އިތުރަށް ފުޅާކޮށް އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުން ކަމަށް ބުންޏެވެ.
"އަސް ރިންގާ އެއްޗެހި މި ކޮޅުގައި ރެޑީކުރަމުން ދަނީ، ދެން އަނެއްހެން ޓޫރިސްޓުންނަށް ދެން ރިސޯޓުތަކަށް އަންނަ ގެސްޓުން ބުކިން ހެދީމާ ނެރެގެން ދުއްވަން [އަސް ދޫކުރަނީ]،" ފުރުގާން ބުންޏެވެ.

ފަތުރުވެރިއަކު އަސްތަކާ އެކު: މާފުށީގައި ދެ އަސް ގެންގުޅޭ -- ފޮޓޯ/ މާފުށި ހޯސް ރައިޑިން: އިންސްޓަގްރާމް
ފުރުގާން ބުނީ، އަސް ރިންގު ތައްޔާރުކޮށް ނިމުމުން، އެ ތަނަށް ޓިކެޓު ކަނޑައިގެން އާންމުންނަށާއި ފަތުރުވެރިންނަށް ވަދެވޭ ގޮތަށް ހެދުމުގެ ވިސްނުމެއް އެބަހުރި ކަމަށެވެ. އެޓްރެކްޝަނެއްގެ ގޮތުގައި އަސްތައް އާންމުންނަށާއި ފަތުރުވެރިންނަށް ދައްކާލުމެވެ.
"ކުރިން މި ކޮޅަށް ގެނެސްފައި ދިވެހިން 100 ރުފިޔާއަށް ބަލާލަން ބޭނުންވާ އަރާލަން ބޭނުންވާ މީހުންނަށް ކުޑަކުޑަ ފީއަކަށް، ދެން އަންނާނެތާ ފުރަތަމަ ގެންނައިރު ކުދިން ބަލާލަން ބޭނުންވާނެ. ދެން އޭގެ ޕްރޮމޯޝަން ޓައިމް ނިންމާލާފައި މިހާރު އަނެއްހެން ނުނެރެން އަހެއް، މިހާރު ނެރެނީ ހަމަ ބުކިންތަކަށް،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ، ކުޑައިރުއްސުރެ އޭނާއަށް ކަމުދަނީ އަސް ކަމަށާއި މި މަސައްކަތް ބޮޑަށް ކުރަނީ ހޮބީއެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
އަހުގެ އަގުގެ ތަފުސީލެއް ނުދިން ނަމަވެސް އަސްތައް ބެލެހެއްޓުމަށް 50،000 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާ ކަމަށް އޭނާ ކިޔައިދިނެވެ. އެއީ އަސްތައް ބަލަހައްޓާ މީހުންނަށާއި، ޓްރެއިނަރުގެ އިތުރުން އަސްތަކުގެ ކާބޯތަކެއްޗަށް ކުރާ ޚަރަދުތަކެވެ.
ފުރުގާން ބުނީ، ހީކުރިވަރަށް ވުރެ ފަތުރުވެރިންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑު ކަމަށާއި މިގޮތުން ވެސް ތަރުހީބު ބޮޑީ ބޮޑެތި ޚަރަދުތައް ކޮށްފައި އަންނަ ފަތުރުވެރިންގެ މެދުގައި ކަމަށެވެ.
"ދެން އެކަމަކު ގެނައި ފަހުން ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ތިބޭ ގެސްޓުންނަށް އެ މީހުން އޯލްރެޑީ މިހާރު ވެސް މިސާލަކަށް ރޫމަކަށް 2،000 ނޫނީ 1،500 ޑޮލާސް ޕޭކޮށްގެން ނައިޓަކަށް އެ މީހުން އައިސްފައި ތިބެނީ. އެ މީހުންނަށް ފޮޓޯޝޫޓަކަށް 100 ޑޮލާސް ވެސް ނުވާނެ ދޯ އެއްޗަކަށް،"
އޭނާ ބުނީ ބުކިން ލިބޭ ދުވަސް ދުވަހު ހައެއްކަ ބުކިން ލިބޭ ކަމަށާއި، ނަމަވެސް ބުކިން ނުލިބޭ ދުވަސްތައް ވެސް ދާ ކަމަށެވެ. އެހެންވިޔަސް ލިބޭ އާމްދަނީ ރަނގަޅުކަމަށް އޭނާ ބުންޏެވެ. އެހެންވިޔަސް މީގެން ލިބޭ އާމްދަނީ ހާމަކުރަން އޭނާ އަދި ބޭނުމެއް ނުވެއެވެ.
އެހެންކަމުން މި ވިޔަފާރިން ކޮންމެ ޝޫޓަކަށް 100 ޑޮލަރު ނަގާއިރު ދުވާލަކު ހަ ބުކިން ނަގާ ކަމަށް ވަންޏާ ދުވާލެއްގެ މައްޗަށް 600 ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ. އެއީ، 15 ދުވަހަށް ބެލި ނަމަވެސް ލައްކައަކަށްވުރެ ގިނަ ރުފިޔާއެވެ.
"އެކަމަކު ބޮޑަށް އެޕްރޯޗު އަހަރެމެންނަށް މި އަންނަނީ ރިސޯޓުތަކުން، މާފުށީ މިއީ ބަޖެޓު ޓޫރިސްޓުން އަންނަ ތަނެއް ވީމާ މި ކޮޅުގައި ބަޖެޓު މީހުންނަށް ވުރެ ބޮޑަށް އަނެއްހެން ހަމަ އެކްސްޕެންސްކޮށްލަން އަންނަ ޓޫރިސްޓުން[ގެ މެދުގައި މަގުބޫލުކަން ބޮޑީ]،"