ހޮލީވުޑްގެ ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓްރެސްއަކީ މަޝްހޫރު ބަތަލާ ސްކާލެޓް ޖޯހެންސަންއަށް ވެއްޖެއެވެ.
މީގެ މަހެއް ކުރީން އެންމެ އާމްދަނީ ބޮޑު އެކްޓްރެސްގެ މަގާމު އޮތީ "ލީގަލީ ބްލޮންޑް" އެކްޓްރެސް ރީސް ވިދަސްޕޫންގެ އަތުގައެވެ. އެއަށް ފަހު މާ ގިނަ ދުވަސްތަކެއްނުވެ، އަނެއްކާ މި އޮތީ އެންމެ ބޮޑު އާމްދަނީ ލިބޭ އެކްޓްރެސްގެ މަގާމު އަނެއްކާ ސްކާލެޓް ހޯދާފައެވެ.
އެންމެ އާމްދަނީ ބޮޑު އެކްޓްރެސްއަށް ސްކާލެޓް ވެފައިވަނީ އޭނާ ލީޑުން ފެންނަ "ޖުރެސިކް ވޯލްޑް : ރީބާތު" ސިނަމާގައި އެޅުވުމާ އެކުގައެވެ. މި ފިލްމު ވަގުތުން ބޮޑު ހިޓަކަށްވެ، ބޮކްސް އޮފީހުގެ ރިކޯޑުތައް މުގުރަމުން އެބަދެއެވެ. ނަތީޖާއެއްގެ ގޮތުން އެއިން ބޮޑު ފައިދާއެއް ސްކާލެޓްއަށް ލިބެއެވެ.
އެންމެ ބޮޑު އާމްދަނީ ލިބިފައިވާ ތަރީގެ އިތުރުން ސްކާލެޓްއަކީ މިހާރު މުޅި އިންޑަސްޓްރީގައި ވެސް ހުރި އެންމެ ބޮޑު ފައިދާއެއް ހޯދާފައިވާ ތަރިއެވެ. އެގޮތުން، އޭނާ ފެނިފައިވާ ފިލްމުތަކުގެ އާމްދަނީ ޖުމްލަ 14.8 ބިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރޭގައި މާވެލްގެ "އެވެންޖާސް" ފިލްމުތަކުގެ އިތުރުން "ޖަންގަލްބުކް" އާއި "ސިންގް" ފަދަ ފިލްމުތައް ހިމެނެއެވެ.
ކުރީން އެ ލިސްޓުގެ އެއްވަނައިގައި ހިމެނެނީ "އަޔަން މޭން"ގެ ރޯލުން ފެނިގެން ގޮސްފައިވާ ރޮބާޓް ޑައުނީ ޖޫނިއާއެވެ. އަދި، ލިސްޓުގެ ދެވަނައިގައި މީގެ ކުރީން ސެމިއުއެލް އެލް ޖެކްސަން ހިމެނޭއިރު ހަތަރުވަނައިގައި އޮތީ ޒޯއީ ސެލްޑާނާއެވެ.
ސްކާލެޓް އެންމެ އާމްދަނީ ބޮޑު ތަރިއަށް ވެފައިވާއިރު އޭނާގެ އާމްދަނީއާ ގުޅޭ ފަހުގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފޯބްސްއިން ލަފާކުރާގޮތުގައި އޭނާގެ މާލިއްޔަތަކީ 165 މިލިއަން ޑޮލަރެވެ. އާންމުގޮތެއްގައި ޕްރޮޖެކްޓަކަށް ސްކާލެޓް 10 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ނަގައެވެ.