މެރީޑިއަން އާއި ކަނުހުރާ ބައްދަލުކުރާ ސެމީފައިނަލް މިއަދު

ޓެކާސް ދިރާގު ރިސޯޓު ކަޕުގެ ޅަވިޔަނި ޒޯނުގެ ސެމީ ފައިނަލުގައި މުބާރާތް ބާއްވާ މެރީޑިއަން އާއި ސިކްސް ސެންސަސް ކަނުހުރާ މިއަދު ކުޅޭނެއެވެ.

ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދާ ޅަވިޔަނި ޒޯނުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރާނީ ކޮކޫން މޯލްޑިވްސް އެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ތާވަލުގެ އެއްވަނަ ހޯދާފައެވެ.

ކޮކޫން އާއެކު ބައްދަލުކުރާނީ މިއަދު ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ.

ސެމީ ފައިނަލުގައި ބައްދަލުކުރާނީ ދެވަނަ މަގާމުގައި ހަތަރު ޕޮއިންޓާއެކު އޮތް މެރީޑިއަން އާއި ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތް ސިކްސް ސެންސަސް ލާމެވެ. ދެން މި ޒޯނުގައި ހިމެނޭ އެޓްމޮސްފިއާ ކަނިފުށި ވަނީ ތިން ޕޮއިންޓު ހޯދި ނަމަވެސް ފައިދާ ލަނޑުގެ ތަފާތުން ފަހަތުގައި އޮތުމުން މުބާރާތާ އަލްވަދާއު ކިޔާފައެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން މެރީޑިއަންގެ މެނޭޖަރ އަލީ އަސްޖައު ވިދާޅުވީ ސެމީ ފައިނަލް މެޗަކީ ވެސް ފައިނަލް މެޗެއް ކަމަށާއި ޓާގެޓަކީ އަމިއްލަ ހޯމުގައި ތަށި ބެހެއްޓުމަށް ކަމަށެވެ.

ކަނުހުރާ ޓީމުގެ ފަރާތުން ވާހަކަދައްކަމުން ޓީމުގެ އޮފިޝަލް އިބްރާހީމް މިޔާޒު ވިދާޅުވީ ސެމީގައި ކުރިން ފެނުނު ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށެވެ. އަދި ޓީމު ވޯކު ވަރަށް ރަނގަޅު ކަމަށާއި ފިނިޝިން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށެވެ.

ސެމީ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 16:45 އެވެ. އަދި މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުއެވެ

comment ކޮމެންޓް