ދިވެހި ރޯ މަސް ގަނެ، ބޭރު ގައުމަކުން އެއިން މަސްދަޅު ހެދީމާ ދިވެހީން ވާންވީ އުފާތަ؟

ފެލިވަރު މަސްދަޅާއި ޗައިނާގެ ކުންފުންޏަކުން އުފެއްދި މަސްދަޅު ފެންނަ ގްރެފިކްސްއެއް -- ސަން ގްރެފިކްސް

އަޙްމަދަކީ އޭނާ ދިރިއުޅޭ ކުޑަ ރަށުގައި ޕާން ފިހާ މީހެކެވެ. އޭނާގެ ބޭކަރީގައި ފިހާ ޕާން ޚާއްސަވަނީ، އެ ޕާން ފިހަން ހަދާ ފުށްގަނޑަކީ މީގެ އެތައް އަހަރެއް ކުރިން ވެސް ބޭނުންކުރަމުން އަންނަ، އާއިލީ ރެސިޕީއަކަށް ވާތީއެވެ. އެހެންވެ، އަޙްމަދު ވިއްކާ ޕާނަކީ އެ ރަށުގެ އެންމެންގެ މެދުގައި ވެސް މަގުބޫލު ޕާނެކެވެ. އެކަމަކު ހަމައެކަނި ރަށުގައި ޕާން ވިއްކައިގެން ވެސް، ރަނގަޅު ނަފާއެއް ހޯދަން ދައްޗެވެ. އޭނާގެ ބެލުމުގެ ދަށުން ހިންގާ ތިން ބޭކަރީއިން ޕާން ޕެކޭޖުކޮށްގެންނާއި، އެއިން ސޭންޑްވިޗު ހަދައިގެން ވިއްކި ނަމަވެސް އެހެން ރަށްރަށުން މާކެޓެއް ހޯދައި، ފިހާރައެއްގައި ވިއްކަން ބަހައްޓާނަމަ ފިހާރައަށް ދޭންޖެހޭ ފައިދާގެ ޕަސެންޓު ގެއްލުންވާހާ ބޮޑެވެ. އެހެންވެ މާކެޓު ފުޅާކުރަން އޮތީ ދަތިވެފައެވެ.

މިހެން އުޅެނިކޮށް ވެރިރަށުން ވިޔަފާރިވެރިއަކު އޭނާގެ ބޭކަރީގައި ހަދާ ޕާން ގަންނަން ހުށަހެޅިއެވެ. އޭނާ އެ ކަން ކުރަން ހުށަހެޅީ އެ ވިޔަފާރިވެރިޔާގެ ވިޔަފާރިން އެ ޕާން ބޭނުންކޮށް ސޭންޑްވިޗު ހަދައި، ޑިމާންޑު ބޮޑު ވެރިރަށުގައި ވިއްކާށެވެ. އަހުމަދަށް އެކަން އެނގެއެވެ. އެކަމަކު ވެސް އޭނާއަށް މުހިންމީ އާދައިގެ ޕާނެއް ނަމަވެސް ވިކި ފައިސާއެއް ވިޔަފާރިއަށް ވެއްދުމެވެ. އާއިލާގެ ޚަރަދުތައް ފޫބައްދަންޖެހޭތީއެވެ.

އެެހެންވެ، 10 ފޮތި ޕާނުގެ، ޕާނެއް 10 ރުފިޔާގެ ރޭޓުން އަޙްމަދަށް ގަވައިދުން ފައިސާ ލިބެން ފެށުމުން ހިތްހަމަޖެހިގެން ހުއްޓައި، ވެރި ރަށަށް އައުމުން ފެނުނީ އެހެން މަންޒަރެކެވެ. ވިޔަފާރިވެރިޔާ، އަޙްމަދުގެ ބޭކަރީން 10 ރުފިޔާއަށް ގަތް ޕާނުން، ފަސް ސޭންޑްވިޗު ހަދައެވެ. ކޮންމެ ސޭންޑްވިޗެއް މި ވިއްކަނީ ދެ ގުނަ ފައިދާގައި 30 ރުފިޔާއަށެވެ. އަޙްމަދު އަތުން އާދައިގެ ޕާނެއް އަގުހެޔޮކޮށް ގަނެ، އެއިން ހަމަ އޭނާގެ ބޭކަރީގައި ވެސް ހަދާ ކަހަލަ ސޭންޑްވިޗެއް ހަަދައިގެން އެ ވިއްކަނީ ބޮޑު އަގުގައި ފައިދާގައެވެ. އަހުމަދަށް ވިސްނުނީ، އޭނާގެ ބޭކަރީގައި ހަދާ ސޭންޑްވިޗު ވިއްކާނެ މާކެޓެއް ނުހޯދި އުޅެނިކޮށް އެހެން މީހަކަށް އޭނާގެ ޕާން ހެޔޮ އަގުގައި ވިއްކައިގެން އެ ގެއްލުވައިލެވެނީ ބޮޑު ފައިދާއެއް ކަމެވެ.

ރާއްޖެއަށް ވެސް ހަމަ ދިމާވެގެން މި އުޅެނީ ދާދި އެއްކަހަލަ ގޮތެކެވެ. ކުއްލިއަކަށް އަޑުއިވުނީ ދިވެހިރާއްޖެއިން ބާނާ ކަނޑުމަސް، ޗައިނާއަށް ގެންގޮސް، ޗައިނާ ކުންފުންޏަކުން ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ބެޗު ނެރުނު ޚަބަރެވެ. ދަޅުމަސް އުފައްދައިފައިވަނީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑް ކުންފުނިންނެވެ.

ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑް ކުންފުނިން އުފެއްދި މަސްދަޅު ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަށް އަރުވަނީ --

މިއީ 2008ވަނަ އަހަރު ޗައިނާގައި އުފެއްދި، މޫދުވިނައާއި ބޯވައާއި ބޯވަދިލަ މަހުން އުފެއްދުންތައް ތައްޔާރުކޮށް، ވިއްކުމަށް މަޝްހޫރުވެފައިވާ ކުންފުންޏެއް ކަމަށްވާ ޗިންޖެންގް ފުޑްސްގެ ސަބްސިޑަރީއެކެވެ. ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސްއަކީ އެމެރިކާއާއި ކޮރެއާއަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހުއްދަ ލިބިފައިވާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވެއެވެ.

އެކަމަކު މިފަދަ އުފެއްދުމެއް ވުޖޫދުވުމަކީ އިގްތިޞާދީ ދުރުރާސްތާގެ ނަޒަރަކުން ވިސްނާއިރު ދިވެހީން އުފާކުރަންވީ ކަމެއް ހެއްޔެެވެ؟

ސަރުކާރަށް އުފަލެއް، ކާމިޔާބެއް

ރާއްޖެއިން ހެޔޮ އަގުގައި ރޯމަސް ގަނެ، ޗައިނާގެ މި ކުންފުނިން އަގުބޮޑުކޮށް ވިއްކާނެ މަސްދަޅެއްގެ ސާމްޕަލް ނެރުމާއެކު އެކަމާ އެންމެ ބޮޑަށް އުފާކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. މިނިސްޓަރަށް ފެނިވަޑައިގަތީ މިއީ ޗައިނާއާއެކު ރާއްޖޭން ހަދާފައިވާ މިނިވަން ވިޔަފާރީ (އެފްޓީއޭ)ގެ ކާމިޔާބެއް ގޮތުގައެވެ. ސަރުކާރުން ބުނާ ގޮތުގައި، އެފްޓީއޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް، މި ހާލަތުގައި ނަމަ ގަނޑުކުރި ރޯމަސްް ޗައިނާއަށް އެތެރެ ކުރުމުގައި އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހެއެވެ.

އެހެންވެ މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ތަފާތު ދާއިރާތަކަށް ފުޅާކޮށް، އައު މާކެޓްތައް ހޯދައި، ދެމެހެއްޓެނިވި، މަތީ ފެންވަރުގެ މަހުގެ އުފެއްދުންތައް ދުނިޔޭގެ ފެންވަރުގައި މަޝްހޫރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިގްތިޞާދާ ބެހޭ ވަޒީރު މުޙައްމަދު ސައީދަށް ވެސް ފެނުނީ މިއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ. ނަމަވެސް މީގެ ސަބަބުން ހަގީގީ މަންފާ ވާނީ ކޮން ބަޔަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

މިފްކޯގެ ސީއީއޯގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި، އިގްތިޞާދީ ދާއިރާގެ ތަޖުރިބާކާރު، އާތިފް ޝަކޫރު "ސަން"އަށް ވާހަކަދައްކަވަމުން، ރާއްޖެއަށް ފައިދާކުރާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ލިސްޓުކުރެއްވިއެވެ. އެ ކަންކަމަކީ:

  1. ޗައިނާއަކީ ޕްރޮޑަކްޝަން ނުވަތަ މެނުފެކްޗަރިންއަށް ދުނިޔޭގައި އެންމެ އަގުހެޔޮ ގައުމަށްވުން.
  2. ރާއްޖޭގައި އުފެއްދުމެއް އުފައްދަން ކުރަންޖެހޭ ޚަރަދު އިންތިހާއަށް މަތިވުން
  3. އެފްޓީއޭއިން ދިވެހީންނަށް ޑިއުޓީ ފްރީވުން
  4. ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ކަނޑުމަސް ބާނާ ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނުން

"އެހެންނަމަވެސް، ޗައިނާއަކީ އެއް ބިލިއަނަށްވުރެ ގިނަ މީހުންގެ ޑިމާންޑް އޮތް މާކެޓެއްކަން ފާހަގަކުރުން މުހިންމު. އަދި އެ މާކެޓުގެ އެންމެ 0.01 ޕަސެންޓުން ވެސް، ދިވެހިރާއްޖޭގެ މުޅި އެކްސްޕޯޓްގެ އުފެއްދުންތެރިކަން އިމްޕޯޓްކޮށް ބޭނުންކުރެވިދާނެ. މީގައި ހުރި ގޮންޖެހުމަކީ ރަނގަޅު މާކެޓް ނިޗްއަށް އަމާޒުކޮށް މާކެޓްކުރުން. އަދި ޝައްކެއްނެތް ގޮތުގައި، ކުރު މުއްދަތެއްގެ ތެރޭގައި އެކަން ކުރުމުގެ ވިޔަފާރިވެރި ހުނަރު އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި،" އާތިފް ވިދާޅުވިއެވެ.

އަސްލު މި ވަނީ ކިހިނެއް؟

ބިޒްނަސް، ނުވަތަ ވިޔަފާރީގެ ހަމަތަކުން ބަލައިނަމަ، އުފެއްދުމެއް އުފަންކުރުވުމުގައި އޮންނަނީ ތިން މަރުހަލާއެކެވެ. އެ ތިން މަރުހަލާއަކީ:

  1. ޕްރައިމަރީ ޕްރޮޑަކްޝަން: މިއީ އެންމެ ފުރަތަމަ މަރުހަލާއެވެ. މި މަރުހަލާއަކީ އުފެއްދުން އުފައްދަން ބޭނުންވާ ތަކެތި ނުވަތަ ރޯ މެޓީރިއަލް ހޯދާ މަރުހަލާއެވެ. މަސްވެރިކަމުގައިނަމަ މަސްވެރިން މަސް ބާނާ މަރުހަލާއެވެ. މި މަރުހަލާގައި އޮންނަ އުފެއްދުން ނުވަތަ ޕްރޮޑަކްޓުގެ އަގު ދަށްވާނެއެވެ.
  2. ސެކަންޑްރީ ޕްރޮޑަކްޝަން: މިއީ އޭރު ހޯދި ރޯ މެޓީރިއަލް ނިމިފައިހުރި، ވިއްކަން ތައްޔާރުވެފައިވާ ފުރިހަމަ އުފެއްދުމަކަށް ނުވަތަ ވިއްކަން ތައްޔާރުވަމުން އަންނަ އުފެއްދުމަކަށް ބަދަލުކުރާ މަރުހަލާއެވެ. މިސާލަކަށް ބޭނި މަހުން ކަށި ފިލުވައި، ބޮލާއި، އެ ނޫން ވެސް ބައިބައި ވަކިކޮށް މަސް ސާފުކޮށް ދަޅުގައި ބަންދުކުރަން ތައްޔާރުކުރުމުގެ މަރުހަލާއެވެ. މި މަރުހަލާގައި އުފެއްދުމުގެ އަގު ކުރިއަށްވުރެ އުފުލެއެވެ. އެއީ އެންމެ ފުރަތަމަ ހުރި ވަރަށްވުރެ އިތުރަށް އެ އުފެއްދުން ފުރިހަމަކުރެވިފައިވާތީއެވެ.
  3. ޓާޝަރީ ނުވަތަ ފަހު މަރުހަލާ: މިއީ އުފެއްދުން ބާޒާރަށް ނެރި ވިއްކާ މަރުހަލާއެވެ. ނުވަތަ ޕްރީމިއަމް މަސްދަޅުގެ މާކެޓުކޮށް ވިއްކާ މަރުހަލާއެވެެ. މިއީ އުފެއްދުމުގެ އަގު އެންމެ ބޮޑު މަރުހަލާއެވެ. ޓާޝަރީ މަރުހަލާގައި އުފެއްދުމުގެ އަގުބޮޑު ވަނީ ރޯ މެޓީިރިއަލް ޕްރޮސެސްކުރުމާއި، ބްރޭންޑުކުރުމާއި، އެ ނޫން ކަންކަމުގެ ސަބަބުން 'ވެލިއު އެޑް' ވާތީއެވެ.

އުފެއްދުމެއް އުފަންވުމުގެ މަރުހަލާތައް -- ސަން ގްރެފިކްސް

އެހެންކަމަށްވާ ނަމަ، ޗައިނާއިން ނުވަތަ އެހެން ވިޔަފާރިއަކުން ވެސް ރާއްޖެއިން ގަނޑުކުރި ރޯމަސް، ރޯ މެޓީރިއަލުގެ ގޮތުގައި ވިއްކިއަސް، އެ ގަންނަ ވިޔަފާރިއަކުން އެ މަހުން މަސްދަޅު ހަދައި ވިއްކައިގެން ހޯދާ ފައިސާ، ރާއްޖެއަށް އެ މުއާމަލާތުން ލިބޭ ފައިސާއަށްވުރެ އިތުރުވާނެއެވެ.

މިކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ރާއްޖެއިން ބާރު އަޅަން ޖެހޭނީ ރާއްޖޭގައި، ރާއްޖޭން ބާނާ މަސް ޕްރޮސެސްކޮށް ވެލިއު އެޑްކުރުމަށް ކަމަށެވެ.

"އެހެން ބަޔަކަށް ރާއްޖެއިން ރޯމަސް އެކްސްޕޯޓުކޮށްދީ، އެ މީހުން ވެލިއުއެޑްކުރަން ދޫކުރާނަމަ ރާއްޖެ ދެމި އޮންނާނީ ފަގީރު ގައުމެއްގެ ގޮތުގައި،" އުމަރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލު (ލޫކަސް) ބުނެދިނީ އެހެން ވާހަކައެކެވެ. އޭނާ ފޭސްބުކުގައި ހިއްސާކުރި ޕޯސްޓެއްގައިވާ ގޮތުން، ފެލިވަރުގައި ބަންދުކޮށް، ލޭބަލްކޮށް އިނގިރޭސިވިލާތަށް އެކްސްޕޯޓުކޮށްފައިވާ މަސްދަޅު ވެސް އެހެން ޕެކޭޖިންއެއްގައި އެހެން ބްރޭންޑެއްގެ ދަށުން މާ އަގުބޮޑުކޮށް އެބަ ވިއްކައެވެ. ފެލިވަރު މަހުން ތައްޔާރުކޮށްފައިވާ ވެއިޓްރޯޒް ބްރޭންޑުގެ ފެން މަސްދަޅެއް 250 ރުފިޔާއަށެވެ. އެކަމަކު ފެލިވަރު މަސް ފިހާރައިން 15 ރުފިޔާއަށެވެ.

"ފެލިވަރު މަސް ފިހާރައިން 15 ރުފިޔާއަށް ލިބޭ "ކަނޑުމަސް ފެނުގައި، މަސްދަޅެއް" ވެއިޓްރޯޒް ލޭބަލާއެކު 240 ރުފިޔާއަށް ވީ ކިހިނެއް؟ ބަންދުކުރީ އެއް ފެކްޓްރީއަކުން. އެއީ ރާއްޖެއިން ބޭރުވި ޑޮލަރު،" އޭނާ ފޭސްބުކުގައި ލިޔެފައިވެއެވެ.

ދިވެހި މަސް ބޭނުންކޮށްގެން ތައްޔާރުކުރާ ވެއިޓްރޯޒް މަސްދަޅު --

މިއީ ފެލިވަރުން މަސް ބަންދުކޮށް، އިނގިރޭސިވިލާތަށް ބޭރުކޮށް، އެ މީހުން ޕެކޭޖިން ބަދަލުކުރުމުން ރާއްޖެއިން ޑޮލަރު ދީފައި އަލުން ގަނެ ކަންމަތީ ފިހާރައަށް ވިއްކަން ލުމެވެ. ފައިދާއަކީ ކޮބައިހެއްޔެވެ؟

އެއާއެކު އުމަރު ގޮވައިލެއްވީ އިންޑޮނޭޝިއާއިން، ގުދުރަތީ އެކި މިނެރަލްތައް އެކުލެވޭ ހިލައެއްކަމަށްވާ އޮރޭ އެކްސްޕޯޓުކުރުން މަނާކުރުމާއި އޭގެ ސަބަބުން އެ ގައުމަށް ލިބެމުން އަންނަ ފައިދާ ދިރާސާކޮށް އެކަމުން ދަސްކުރުމަށެވެ.

އިންޑޮނޭޝިއާގެ މައިންކުރާ ސަރަހައްދުތައް --

އިންޑޮނޭޝިއާއިން ކުރީ ކޮން ކަމެއް؟

އިންޑޮނޭޝިއާއިން 2014ވަނަ އަހަރުން ފެށިގެން ވަކި ބާވަތްތަކެއްގެ ރޯ މެޓީރިއަލް އެކްސްޕޯޓުކުރުން މަނާކުރިއެވެ. މިގޮތުން 2014 ގައި ނިކަލް މަޢުދަނު ބޭރުކުރުން މަނާކުރުމާއި، ފަހުން، ބޮކްސައިޓް، ކޮޕާ، ޓިން އަދި އެހެނިހެން މުދާ ބޭރުކުރުން މަނާކުރިއެވެ. މިކަން މިގޮތަށް ކުރީ އިޤްތިޞާދީ ބަދަލުތައް ގެނައުމަށާއި ޤައުމުގެ އެތެރޭގެ ފައިދާ އިތުރުކުރުމަށެވެ. މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ވެލިއު އެޑްކުރުމާއި، ވަޒީފާ އުފެއްދުން: ރޯ މެޓީރިއަލް ބޭރުކުރުން މަނާކޮށް އިންޑޮނޭޝިއާއިން ވިސްނީ އެތެރޭގެ ޞިނާޢަތްތައް ތަރައްޤީކޮށް، ނިކަލް އަދި ބޮކްސައިޓް ފަދަ ރޯ މެޓީރިއަލް ޕްރޮސެސްކޮށްގެން އަގުހުރި އުފެއްދުންތައް (މިސާލަކަށް ބެޓެރީ، އެލުމިނިއަމް) އުފެއްދުމެވެ. މިކަމުގެ ސަބަބުން ބޭރުކުރާ މުދަލުގެ އަގު އިތުރުވެ - ނިކަލް ބޭރުކުރުމުން ލިބުނު އާމްދަނީ 2014 ގައި 1.1 ބިލިއަން ޑޮލަރުން 2021 ގައި 20.9 ބިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ - އަދި ވަޒީފާގެ ފުރުޞަތުތައް ވެސް އިތުރުވެއެވެ.
  • އިޤްތިޞާދީ އަމިއްލަ ފުދުންތެރިކަން: މި ސިޔާސަތުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް އެ ގައުމުގައި މުދާ ޕްރޮސެސްކުރާ ފެސިލިޓީތައް ޤާއިމުކުރުމަށް ހިތްވަރު ލިބެއެވެ. މިކަމުގެ ސަބަބުން ޞިނާޢީ ވާދަވެރިކަން އިތުރުވެ، އިޤްތިޞާދީ ގޮތުން މާބޮޑު ފައިދާއެއް ނުކުރާ ޕްރޮސެސްނުކޮށް ބޭރުކުރާ މުދަލުގެ މައްޗަށް ބަރޯސާވުން ކުޑަވެއެވެ.
  • ސްޓްރެޓެޖިކް ވަސީލަތްތަކުގެ ބޭނުންހިފުން: އިންޑޮނޭޝިއާއިން ބޭނުންވީ އެ ޤައުމުގައި ގިނައިން ހުރި މަޢުދަނުތައް (އިންޑޮނޭޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ނިކަލް ހުރި ގައުމު، އަދި ހަވަނައަށް އެންމެ ގިނައިން ބޮކްސައިޓް ހުރި ގައުމު) ބޭނުންކޮށްގެން ކަރަންޓު އުޅަނދުފަހަރު އުފެއްދުން ފަދަ ސްޓްރެޓެޖިކް ޞިނާޢަތްތައް ކުރިއެރުވާށެވެ.
  • ވިޔަފާރީގެ ދަރަނި ކުޑަކުރުން: ރޯ މެޓީރިއަލް ގައުމުގައި ޕްރޮސެސްކުރުމުގެ ސަބަބުން، އަގުބޮޑު މުދާ ބޭރުކޮށްގެން ވިޔަފާރީގެ ދަރަނި ކުޑަކުރެވެއެވެ. މިގޮތުން ގިނަ ޚަރަދުތައް ސަލާމަތްކުރެވެއެވެ. މިސާލަކަށް ބަޔޯޑީސަލް ޕްރޮގްރާމްތަކުގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއް ސަލާމަތްކުރެވިފައިވެއެވެ.

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ މަސައްކަތްތަކެއް -- ފޮޓޯ/ މިފްކޯ

ރޯމަހަށް ވެލިއު އެޑްކޮށްގެން އެކްސްޕޯޓު ކުރެވޭނަމަ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 24ވަނަ ދުވަހުގެ ރޭ، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. ނަމަވެސް މިފަހަރު މިއީ އެ ވިސްނުމާ މުޅިން އެއްގޮތް ކަމަކަށް ނުވިއެވެ.

ސަރުކާރުތަކުން އަމިއްލަ ކުންފުނިތަކަށް މަސްވެރިކަން ކުރިއަރުވަން ބިންތައް ދީފައި އެބަހުއްޓެވެ. މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިން އެކްސްޕޯޓު އިތުރުކޮށް އާމްދަނީއަށް ހެޔޮ އަސަރުކުރޭތޯއެވެ. އެކަމަކު އަދިވެސް މަސްވެރިކަން ވެފައި މި އޮތީ ސަރުކާރުތަކަށް ދިރުވަން ދަތިވެފައި އޮތް، ފަތުރުވެރިކަމުން ލިބޭ އާމްދަނީން ޚަރަދުކޮށްގެން ހިންގާ ފައިދާނުވާ ސިނާއަތަކަށެވެ. މި ކަން ބަދަލުކުރުމަށް ރާއްޖޭގައި، މަހަށް ވެލިއު އެޑްކޮށް އެކްސްޕޯޓުކުރެވޭނެ މަގުތައް ފަހިކުރަންޖެހެއެވެ.

މަތީ ފެންވަރުގެ ދިވެހި އުފެއްދުންތައް އުފައްދަން ރާއްޖޭގައި އިންވެސްޓުކުރާނެ އިންވެސްޓަރުން ހޯދަން ޖެހެއެވެ. ޚާރިޖީ ގުޅުންތައް ބަދަހިކޮށް އިގްތިޞާދީ މަޝްވަރާގެ ތެރެއިން ދިވެހި މަހުގެ އުފެއްދުންތައް ވިއްކޭނެ ފަހި މާކެޓުތައް ހޯދަން ޖެހެއެވެ. އަމިއްލަ ގައުމަށް ފައިދާވާނެ މަގުތައް ހޯދަން ޖެހެއެވެ. އެހެންނޫނީ މިއީ އަނެއްކާ ވެސް ދިގު މުއްދަތުގައި ދިވެހީންނަށް ލިބިދާނެ ގެއްލުމަކަށް ވުން ގާތެވެ.

comment ކޮމެންޓް