މިދިޔަ އަހަރުތެރޭ އަމަލީ މަސައްކަތް ނިންމައި ހުޅުވި، އަމީނީ މަގުގެ އެކި ސަރަހައްދުތަކާއި މާލޭގެ މަގުތަކުގައި އަޑިގުޑަންތައް ގިނަވެ އާންމުން ނުރައްކަލަށް ހުށަހެޅުމުގެ ބިރު ބޮޑުވެއްޖެއެވެ.
އަމީނީމަގަށް ބަލާއިރު، ފުޑް ކޯޓު ކުރިމަތީން މަގުގެ ތާރުތައް އުފުލިފައިވާއިރު، އިސްކަންދަރު ކޮށި ކައިރީ ތާރުތައް ހަލާކުވެ އުފުލިފައި އެބަހުއްޓެވެ. އޭގެއިތުރަށް ބިލަބޮންގު ސުކޫލު ކުރިމަތީގައި ވެސް ގާ އަތުރައި ހަދާފައިވާ މަގުން ބައެއް ވަނީ އުފުލިފައެވެ.
މިފަހުން ތާރު ހަލާކުވުމުގެ ސަބަބުން އިސްކަންދަރު ކޮށި ކައިރީ މަގުއަލުން ހަދައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
ގިނަ ބަޔަކު ކޮންމެ ދުވަހަކު ބޭނުންކުރާ މާލޭގެ މަގުތައް, މިފަދައިން ހުރުމަކީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަން މަގުފަހިވާނެ ކަމެކެވެ. އަދި، އެތައް ބަޔަކަށް މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ.

ބިލަބޮންގް ސުކޫލު ކުރިމަތީ މަގު އުފުލިފައި ---- ސަން ފޮޓޯ
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލާއި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މާލޭގައި މަގުހެދުމުގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި އެންމެ ފަހުން ކުރިއަށްގެންދިޔައީ އަމީނީ މަގު ހެދުމުގެ މަޝްރޫއެވެ. އެ މަޝްރޫއަކީ 39 މިލިއަން ރުފިޔާއަށް މާލޭސިޓީ ކައުންސިލާ ހަވާލު ކުރި މަޝްރޫއެކެވެ.
ނަމަވެސް، ފަހުން ވަނީ މި މަޝްރޫއުގެ މަަސައްކަތް ސަރުކާރު ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައެވެ. އެއީ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

ފުޑް ކޯޓު ސަރަހައްދުން ތާރުގެ ބައެއް އުފުލިފައި: މިފަދަ ތަންތަނުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަން މަގުފަހިވޭ---- ސަން ފޮޓޯ
ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ. އެއީ 10 މަސް ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.
މި މަސައްކަތް ދިގުދެމިގެން ދިއުމުގެ ސަބަބުން އޭރު ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، މާލޭގެ ހުރިހާ މަގުތަކެއް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭވަރު ވާނީ މި އަހަރު މެދުތެރޭކަމަށެވެ. އަމާޒަކީ ހަތަރު އަހަރު ތެރޭ މި މަސައްކަތް ނިންމުންކަމަށް ވެސް އޭރު މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގެ މަގުތައް ހަލާކުވުމުގެ ކަންބޮޑުވުން ބޮޑުވެފައި ވާއިރު، މާލޭގައި އެކްސިޑެންޓުތައް ވެސް ގިނައެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެކްސިޑެންޓުތަކުގެ މައްސަލައަކީ އެ އިދާރާއަށް ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލައެވެ.
އެގޮތުން މިއަހަރު މިހާތަނަށް 1542 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.