ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގަތަރަށް ވަފުދެއް ފޮނުވުމަށް އިސްރާއީލުން ނިންމައިފިއެވެ.
އިސްރާއީލުން އެގޮތަށް ނިންމި ނަމަވެސް އެއްބަސްވުމަށް ހަމާސް އިން ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްބަސް ނުވާ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ހަމާސް އިން ގަތަރުގެ ހުށަހެޅުމަށް ގެންނަން މަސައްކަތްކުރާ ބަދަލުތައް ރޭ އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދީފައި ވާއިރު، އެއީ އިސްރާއީލުން ބަލައިގަންނަ ބަދަލުތަކެއް ނޫން." ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ނަމަވެސް އިސްރާއީލުން އެއްބަސްވި ރަހީނުން އަނބުރާ ގެނައުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، އާދެވިދާނެ އެއްބަސްވުމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަފުދު ގަތަރަށް ފުރާނެ ކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ނަތަންޔާހޫ ވަނީ ހަމާސްއިން ހަތިޔާރު ނައްތާލަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އިސްރާއީލުން އެގޮތަށް ނިންމީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތް ކަމަށް ހަމާސް އިން ބުނެފައިވަނިކޮށެވެ.
މިއީ ޓްރަމްޕާއެކު މަޝްވަރާ ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ޒިޔާރަތްކުރުމުގެ ކުރިން ނިންމި ނިންމުމެކެވެ. ނަތަންޔާހޫ އެމެރިކާއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.
ގާތްގަނޑަކަށް 21 މަސް ދުވަސްވެފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް އަންނަނީ އިސްރާއީލަށް ވަރަށް ބޮޑަށް ޕްރެޝާ ކުރައްވަމުންނެވެ.
ހަނގުރާމަ 60 ދުވަހަށް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށާއި، އެހެންވެ، ހަމާސްއިން ވެސް އެކަމަށް އެއްބަސްވުމަށް މި ހަފުތާ ކުރީކޮޅު ޓްރަމްޕް ވަނީ އެދިވަޑައިގެންފައެވެ.
އެ އެއްބަސްވުމުގައި ޓްރަމްޕް ގެރެންޓީ ދީފައިވަނީ 60 ދުވަހަށް ހަމަލާތައް ހުއްޓާލައި، އިސްރާއީލުގެ އަސީރުން މަރުހަލާތަކަކަށް ބަހާލައިގެން ދޫކޮށްލުމާއި އިންސާނީ އެހީ އިތުރުކުރުމަށެވެ.
ގަތަރާއި މިސްރު އަދި އެމެރިކާ މެދުވެރިގެން އެއްބަސްވުމެއްގެ ދަށުން ޖެނުއަރީ މަހު ވެސް ދެ މަސް ދުވަހުގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލިއެވެ. ނަމަވެސް ހަމާސްއިން އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ މާޗް މަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާތައް ދޭން ފަށާފައެވެ.
އޭގެފަހުން މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.