މުދައްސަރުގެ އާ ކޮމެޑީ ފިލްމަށް އަޔުޝްމާނާއި ސާރާ

ބޮލީވުޑް ތަރިން ކަމަށްވާ ސާރާ އަލީ ޚާން އަދި އަޔުޝްމާން ކުރާނާ. ދެ ތަރިން އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނޭ--ފޮޓޯ/މިސްމާލިނީ

މިދިޔަ އަހަރު ރިލީޒްކޮށް އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ކޭލް ކޭލް މޭ"ގެ ޑައިރެކްޓަރު މުދައްސަރު އަޒީޒް އަލަށް އުފައްދާ ކޮމެޑީ ފިލްމަށް އަޔުޝްމާން ކުރާނާ އަދި ސާރާ އަލީ ޚާން ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމަކީ ބުޝަން ކުމާރު އަދި ފިލްމު "އިއްތިފާގު"ގެ ގެނެސްދިން ޖޫނޯ ޗޯޕްޅާ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި އަންނަ އޮގަސްޓް މަހުގެތެރޭ މި ފިލްމުގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވާއިރު އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނަށް ފިލްމު ގެނެސްދިނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިންވެސް ކާމިޔާބު ކޮމެޑީފިލްމުތަކެއް ގެނެސްދިން މުދައްސަރު އެންމެފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ފިލްމު "މޭރޭ ހަޒްބަންޑް ކީ ބިވީ"އެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ އަރުޖުން ކަޕޫރު، ބޫމީ ޕެޑްނެކާރު އަދި ރަކުލް ޕްރީތްއެވެ.

ޑައިރެކްޓަރު މުދައްސަރު އަޒީޒް ގެނެސްދިން ކާމިޔާބު ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ"ގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑް ތަރިން--ފޮޓޯ/ދަސްޓޭޓްސްމަން

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މުދައްސަރުގެ އާ ފިލްމުގެ ސްކްރިޕްޓް އަޑު އެހުމަށްފަހު ސާރާއަށް ފިލްމުގެ ވާހަކަ ވަރަށް ބޮޑަށް ކަމުދިޔައެވެ. މީގެ އިތުރުން ޤައުމީ އެވޯޑު ހާސިލުކޮށްފައިވާ އެކްޓަރު އަޔުޝްމާންއާ އެކު ފިލްމެއްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ސާރާ ހުރީ ދޫކޮށްލާގޮތަކަށް ނޫން ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމުން އަޔުޝްމާންގެ ބަތަލާގެ ގޮތުގައި ސާރާ ފެންނާނެއިރު އިތުރު ދެ ބަތަލާއިން ފިލްމަށް ނަގަން ވަނީ ނިންމާފައެވެ. ނަމަވެސް އެއީ ކޮން ތަރިންތަކެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ސާރާ އާއި އަޔުޝްމާން އަލަށް ސްކްރީނުން ފެންނާނެ މި ފިލްމަކީ ބެލުންތެރިން އުއްމީދުކުރާ ކަހަލަ ކޮމެޑީ ޖޯންރާއެއްގެ ފިލްމަކަށްވާނެ ކަމަށާއި މިއީ އަޔުޝްމާންގެ ކޮމެޑީ ސީރީސް އަލުން ސިނަމާއަށް ގެނެސްދޭނެ ފިލްމެއް ކަމަށް މުދައްސަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް