ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އެޗްޑީސީން ފަސޭހަ މޮޅެއް ހޯދިއިރު، ސިފައިން އަތުން ޕޮލިސް ކުލަބު އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ސޯޝަލް ސެންޓަރުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު ޕޮލިސް ކާމިޔާބުކޮށްފައިވަނީ ފަސް ސެޓު ކުޅެގެންނެވެ. ސިފައިންގެ މައްޗަށް ޕޮލިހުން ކުރިހޯދީ 3-2 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 19-25، 25-19، 25-21، 17-25 އަދި 08-15 އިންނެވެ.
މެޗުގައި ސިފައިންގެ ތަޖުރިބާކާރު ކުޅުންތެރިން ހިތްވަރު ދެއްކި ނަމަވެސް ޕޮލިސް ކުލަބުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ފެނުނީ ތަފާތު ރޫހެކެވެ.
ދެވަނަ މެޗު ދަޑިމަގުން ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސިޓީން ގެންގޮސްފައިވަނީ 25-20، 25-12 އަދި 25-19 އިންނެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި ދަޑިމަގާއި އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން
މީގެ އިތުރުން އެޗްޑީސީން ކުޅުނު މެޗު ކާމިޔާބުކުރީ ހުރާ ކޮމިއުނިޓީ ކްލަބާ ވާދަކޮށްގެންނެވެ. މި މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-22، 23-25، 26-28 އަދި 22-25 އިންނެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ރޭންކިން މެޗެކެވެ. މި މެޗުގައި ވާދަކުރާނީ ޕޮލިސް ކްލަބާ ސްޕޯޓްސް ކްލަބް ސިޓީ އެވެ.
މެޗުން މޮޅުވާ ޓީމަކަށް ގައުމީ ވޮލީބޯލް ލީގުން ފުރުސަތު ލިބިގެންދާނެއެވެ.