ރައީސްގެ ރުހުމާއެކު ނަޝީދު ބައިނަލްއަގުވާމީ އިސް މަގާމަކަށް؟

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު: ރައީސްގެ ރުހުމާއެކު ނަޝީދު ބައިނަލްއަގުވާމީ ވަޒީފާއަކަށް ވަނީ ނަން ހުށަހަޅުއްވައިފައި-- ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރުހުމާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދު, ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ އިސް މަގާމަކަށް ނަން ހުށަހަޅުއްވާފައިވާކަން އެނގިއްޖެއެވެ.

އެކިއެކި މަސްދަރުތަކުން "ސަން"އަށް ކަށަވަރުކޮށްދިން ގޮތުގައި ރައީސް ނަޝީދުގެ ނަން ސަރުކާރުން އެންޑޯސް ކޮށްފައިވަނީ, ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ މައި އިދާރާގެ އިދާރީ އެންމެ އިސް އެއް މަގާމަށެވެ.

މި ސަރުކާރުގެ އިސްވެރިއަކު ވަނީ އެކަން އެގޮތަށް ހިނގާފައިވާ ކަމާއި ސަރުކާރުން އެ ކަމަށް ރުހުން ދީ, ލިޔެކިޔުން ވެސް ރަސްމީކޮށް ފޮނުވާފައިވާކަން ކަށަވަރު ކޮށްދެއްވައިފައެވެ. ހަމަ އެ މައުލޫމާތު އެމްޑީޕީގެ އިސް ބޭފުޅަކު ވެސް ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވައިފައެވެ.

https://www.sun.mv/207684

އެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަނީ, އދ. ގެ ސެކްރެޓަރީ ޖެނެރަލް, ޔޫއެންޑީޕީގެ އެގްޒެކެޓިވް ބޯޑާ މަޝްވަރާ ކުރެއްވުމަށް ފަހުގައި, ޖެނެރަލް އެސެމްބްލީގެ ތާއީދާ އެކުއެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއާއި، ލީޑާޝިޕް އަދި އޮޕަރޭޝަނަލް މެނޭޖްމަންޓްގެ ތަޖުރިބާއާއި ހުނަރު ހުރުމުގެ އިތުރުން, އދ.ގެ ނިޒާމުގެ ހަރުދަނާ ވިސްނުން ހުރުން ހިމެނެއެވެ.

މި ކަމާ ގުޅޭގޮތުން ނަޝީދާއި ސަރުކާރުގެ ރަސްމީ ބަހެއް ހޯދާލުމަށް އެތައް ދުވަހެއްގެ މަތިން މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ދެއްވައިފައެއް ނުވެއެވެ. އެކަން ކަށަވަރުނުކޮށްދޭތާ ދޮގު ވެސް ކުރައްވާފައެއް ނުވެއެވެ.

ރައީސް ނަޝީދު އެންމެ ފަހުން ހުންނެވީ, ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓަރީ ޖެނެރަލްގެ މަގާމުގައެވެ. އެ މަގާމަށް ޑިސެންބަރު 12، 2023 ގައި ވަޑައިގެންނެވީ, އުމުރު ދުވަހުހެން އުޅުއްވި ސިޔާސީ މަސައްކަތާ ވަގުތީ ގޮތުން ދުރަށްޖެހިވަޑައިގަންނަވާކަން އިއުލާން ކުރެއްވުމަށް ފަހުގައެވެ. ދެ އަހަރެއްހާ ދުވަހު އެ މަގާމު ފުރުއްވަން ގިނައިން ދިރިއުޅުއްވީ އެ ޖަމިއްޔާގެ މައި އޮފީސް ހުންނަ ގާނާގައެވެ.

ނަޝީދު މި ފަހުން އަނެއްކާ ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އެއަށް ފަހު އެމްޑީޕީން ވަކިވެ, އެ މަނިކުފާން އުފެއްދެވި ޕާޓީ ޑިމޮކްރެޓްސް އުވާލަން ނިންމައި, އެ ޓީމާއެކު މިދިޔަ ހޯމަ ދުވަހު ވަނީ އެނބުރި އެމްޑީޕީއަށް ވަޑައިގެންފައެވެ.

އެއަށް ފަހު އެ މަނިކުފާން ވިދާޅުވީ އެނބުރި ގެއަށް ވަޑައިގެންނެވުމުން އުފާ ކުރައްވާ ކަމަށާއި އެމްޑީޕީއާއި ދިވެހި ގައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ވެސް ކުރައްވާނެ ކަމަށެވެ. އަދި، ސަރުކާރަށް ފާޑު ވިދާޅުވެ އެ ރޭ ވެސް ވާހަކަ ދެއްކެވިއެވެ.

comment ކޮމެންޓް