މާލޭ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން ރޭ ފަތިހު އަންހެނަކު ވެއްޓުމުގައި އިތުރު އެހެން މީހެއްގެ ބައިވެރިވުމެއް ނެތްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ހެނދުނު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލަ ރޭގެ ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
އެ ހާދިސާއާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، އަންހެން މީހާ ވެއްޓުމުގެ ހާދިސާގައި އިތުރު އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަން ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ވެއްޓުނު އަންހެން މީހާއަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ އެ އަންހެން މީހާއަށް އިމަޖެންސީ ރޫމް (އީއާރް)ގައި ފަރުވާދެމުންދާ ކަމަށެވެ.
އޭނާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެ އަނިޔާވެފައި ވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އަންހެން މީހާގެ ހާލަތާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއްނުކުރެއެވެ.
މިއީ މި ފަހުން އަންހެނަކު އިމާރާތަކުން ވެއްޓުނު ދެވަނަ ހާދިސާއެވެ. ދާދިފަހުން ވަނީ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައެވެ. މިހާތަނަށް ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި އެއީ މަސްތުވާތަކެތި ބޭނުންކޮށްގެން ޒުވާނުންތަކެއް އުޅުމުގެ ތެރެއިން ހިނގި ކަމެކެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ.
ޔުމްނު ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް، އެ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައި ބުނެފިއެވެ.