ފިރިހެން ކުދީންގެ ނަތީޖާ ދަށްވާތާ ކިތަންމެ ޒަމާނެއް ވެއްޖެ ކަމަށާއި، އޭގެ އެއް ސަބަބަކީ މަތީ ތައުލީމު ހާސިލް ނުކުރިޔަސް މަތީ މަގާމުތައް ލިބި ހުރިހާ ކަމެއް ފަހިވާ މަންޒަރު މުޖުތަމައުން ފެނުން ކަމަށް ކުރީގެ ޔޫތް މިނިސްޓަރު ރާޝިދާ ޔޫސުފް މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވަނީ ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން، އޯލެވެލްއިން 54 ޕަސަންޓު ދަރިވަރުން ފާސް ނުވާއިރު، މީގެ ތެރެއިން ފިރިހެން ދަރިވަރުން ފާސްވާ ނިސްބަތް ހުރީ 44 ޕަސެންޓުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަންހެން ދަރިވަރުން ފާސްވާ ނިސްބަތް ހުރީ 56 ޕަސަންޓުގައެވެ.
މި ފަރަގަކީ ގޮންޖެހުންތަކަށް މަގުފަހިކުރުވާނެ ކަމެއްކަން މިނިސްޓަރު އިއްޔެ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާ ސަބަބުތައް ދެނެގަތުމަށް ޓަކައި އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު އެސެސްމަންޓެއް ހަދާނެ ކަމަށް ޝަފީއު އިއްޔެ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރާޝިދާ ވިދާޅުވީ ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާތާ ކިތަންމެ ޒަމާނެއް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުދީންނަށް ނަމޫނާ ފިރިހެން ރޯލް މޮޑެލްއެއް ވަރަށް މަދުން ނޫނީ ނުފެނެއެވެ.
ފިރިހެން ދަރިވަރުންގެ ނަތީޖާ ދައްވުމަށް ދިމާވާ މައިގަނޑު ސަބަބުތައް އޭނާ ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، މަތީ ތައުލީމު ހާސިލް ނުކުރިޔަސް މަތީ މަގާމުތައް ލިބޭކަމަށާއި ނުހައްގުން އަވަހަށް މުއްސަނދިވާނެ ގޮތްތައް ފިރިހެން ކުދިންނަށް ފެންނަ ކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.
"ނުކިޔެވިޔަސް ފިރިހެނަކަށްވީތީ ގިނަ މީހުން އިހްތިރާމް ކުރޭ، ފައިސާ ނެތަސް ބޭނުން ހުރިހާ ކަމެއް ގިނަ ފަހަރާ ކުރެވޭ، މަންމައަށް ފައިސާ ލިބޭނަމަ ސައިކަލު ވެސް ގަނެދޭ،" އެ ޕޯސްޓުގައި ވެއެވެ.
މީގެ އިތުރުން، ސިނގިރެޓު ގަންނަން ވެސް ލާރިދޭކަމަށާއި ގޭތެރޭގެ ނުވަތަ އާއިލާގެ ޒިންމާ ފިރިހެނުން ނުނެގިޔަސް މައްސަލައަކަށް ނުވާކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.
"ސަރުކާރުން ނުވަތަ އެކަނިވެރި މަންމަ އެ ކަން ބަލަހައްޓާ" ރާޝިދާ ވިދާޅުވިއެވެ.
ކުރީގެ ޔޫތް މިނިސްޓަރު ރާޝިދާ ޔޫސުފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ މިއީ ގިނަ ފިރިހެން ކުދީންނަށް ފެންނަ މަންޒަރު ކަމަށާއި، އަދި އެ ކުދީންގެ ދިރިއުޅުމުގެ ތަޖުރިބާ ކަމަށެވެ.
އަންހެން ކުދިން ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވަން ގަދަ އަޅައި މަސައްކަތްކުރާއިރު، އެފަދަ އަންހެނުންނާއެކު އަމާން ދިރިއުޅުމެއް އުޅެން ފިރިހެން ކުދިންނަށް ދަސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާޝިދާއަކީ 1993ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް ނުވަ އަހަރު ކެބިނެޓުގައި ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެކެވެ. އޭނާ ވަނީ އެންމެ ފުރަތަމަ ޔޫތް މިނިސްޓަރު ގެ އިތުރުން އަންހެނުންގެ މިނިސްޓަރުކަން ވެސް އަދާކުރައްވާފައެވެ.
ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވުމުގެ ކަންބޮޑުވުން ފެންމަތިވެފައި ވާއިރު، ރާއްޖޭގެ ޒުވާނުންގެ ތެރޭގައި މަސައްކަތެއް ނުކުރާ ފިރިހެނުންގެ އަދަދު މަތިކަމަށް ވެސް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޒުވާން އާބާދީގެ 19 އިންސައްތަ މީހުން އެއްވެސް މަސައްކަތެއް ނުކުރެއެވެ.
އޭގެ ތެރޭގައި ހިމެނެނީ 4،744 އަންހެނުންނާއި 5،672 ފިރިހެނުންނެވެ.