ކޭންގެ މޮޅު ކުޅުމާ އެކު ބަޔާން ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ބަޔާން މިޔުނިކް ވެއްޖެއެވެ.

ބަޔާންއިން މި ޖާގަ ކަށަވަރުކުރީ ގްރޫޕް ސީގައި ބޮކާ ޖޫނިއާސްއާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ. މައޭމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް، ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ބަޔާންއިން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފޯވަޑް ހެރީ ކޭންއެވެ.

ބޮކާއިން ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މިގުއެލް މެރެންޓިއެލްއެވެ. ބަޔާން މޮޅުވި ލަނޑު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްފައިވަނީ މައިކަލް އޮލީސޭއެވެ.

މި ކާމިޔާބީއާ އެކު ބަޔާން މިހާރު އޮތީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ހަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ބޮކާ ޖޫނިއާސް އޮތީ އެންމެ ޕޮއިންޓަކާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. އެހެންކަމުން ބަޔާންއަށް މިހާރުވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.

ފަހު މެޗުގައި ބެންފީކާއާ ބައްދަލުކުރާ މެޗުން އެއް ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނަ މަގާމު ވެސް ކަށަވަރުކުރެވޭނެއެވެ. ބޮކާއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި މުޅިން ނުގެއްލެއެވެ. އެއީ، ފަހު މެޗުގައި އޯކްލަންޑް ސިޓީ އަތުން ހަތް ލަނޑުގެ ތަފާތުން މޮޅުވެ، ބަޔާން އަތުން ބެންފީކާ ބަލިވެއްޖެ ނަމަ އެ ޓީމު ވެސް ދެވަނަ ބުރަށް ދާނެއެވެ.

މި ގްރޫޕްގައި ބެންފީކާއާއި އޯކްލަންޑް ސިޓީ ބައްދަލުކުރި މެޗު 6-0 އިން ކާމިޔާބުކޮށްފައިވަނީ ބެންފީކާއިންނެވެ. މެޗުގައި އެންޖެލް ޑި މާރިއާ ދެ ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު ލިއާންޑްރޯ ބެރެއިނޯ ވެސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ވެންޖެލިސް ޕަވީޑިސް އަދި ރެނާޓޯ ސަންޗޭޒެވެ.

މި ކާމިޔާބީއާ އެކު ބެންފީކާ މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި، އޯކްލަންޑް ސިޓީ މިވަނީ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފައެވެ.

comment ކޮމެންޓް