ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވުމުގެ ކަންބޮޑުވުން، ސަބަބު ދެނެގަތުމަށް އެސެސްމަންޓެއް ހަދަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު: ވިދާޅުވީ އަންހެން ދަރިވަރުންނަށްވުރެ ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށް ކަމަށާއި، ސަބަބު ދެނެގަތުމަށް އެސެސްމަންޓެއް ހަދާނެ ކަމަށް -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އޯލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން އަންހެން ދަރިވަރުންނަށް ވުރެ ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށް ކަމަށާއި، އެކަން ދިމާވާން މެދުވެރިވާ ސަބަބު ދެނެގަންނަން އެސެސްމަންޓެއް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝަފީއު ވިދާޅުވި ގޮތުގައި މިހާރު އޭލެވެލް ކިޔަވާ ދަރިވަރުންގެ ތެރޭގައި އޯލެވެލްއިން ފާސްނުވާ 54 ޕަސަންޓު ދަރިވަރުން ހިމެނެއެވެ. މީގެ ތެރެއިން ފިރިހެން ދަރިވަރުން ފާސްވާ ނިސްބަތް 44 ޕަސެންޓުގައި ހުރިއިރު، އަންހެން ދަރިވަރުން ފާސްވާ ނިސްބަތް ހުރީ 56ގައެވެ.

ދަރިވަރުން ފާސްވާ ނިސްބަތަށް ބަލާއިރު، ދެ ޖިންސުގެ ދެމެދުގައި ވަރަށް ބޮޑަށް ފަރަގެއް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސާނަވީ ތައުލީމުގައި އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން ފާސްވާ އިންސައްތައިގައި ފަރަގު ފެންނަން ފަށައިފިނަމަ، މުސްތަގުބަލުގައި ގޮންޖެހުންތައް ހުންނާނެ ކަމަށެވެ.

އެހެން ކަމުން، އަންހެން ދަރިވަރުންގެ ނަތީޖާއާ ފިރިހެން ދަރިވަރުންގެ ނަތީޖާ އެއްހަމަ ކުރުމަށް ޓަކައި އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މަސައްކަތް އަޅުގަނޑުމެން ނުކުރާނަމަ، އޭގެ ނެގެޓިވް އިމްޕެކްޓް ދިވެހިރާއްޖެއަށް ކުރާނެ. ލޭބާ ފޯސްއަށް ކުރާނެ، ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓަށް ކުރާނެ، އަދި އޭގެ ސަބަބުން މުޅި ސޮސައިޓީގެ ފެބްރިކަށް އަސަރުތަކެއް ކުރާނެކަން ހަމަ ޔަގީން" އެޑިއުކޭޝަން މިނިސްޓަރު ޝަފީއު

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ބަޔަކު ފެއިލްވެގެން ނުވާނެއެވެ.

އެހެން ކަމުން ފިރިހެން ކުދީންގެ ނަތީޖާ ދަށްވާ ސަބަބުތައް ދެނެގަތުމުގެ މަސައްކަތް މި އަހަރު ތެރޭ ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"މި އަހަރު ތެރޭ އަޅުގަނޑުމެން އެ ފަދަ ރެޕިޑް އެސެސްމަންޓެއް ހަދާނަން. އެ އެސެސްމަންޓުގެ އަލީގައި އިރާދަ ކުރެއްވިއްޔާ އެކަށީގެންވާ ފިޔަވަޅުތައް އަޅައި، ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާއަކީ ހަމަހަމަ ނަތީޖާތަކެއްގެ ގޮތުގައި ބައްޓަން ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން" އެޑިއުކޭޝަން މިނިސްޓަރު ޝަފީއު

ގައުމީ ފެންވަރުގައި މުޅި ތައުލީމީ ދާއިރާއަށް ބަދަލުތަކެއް ގެންނަ އިރު، ހުރި މައްސަލަތަކުގެ ވާހަކަ ގައުމީ ފެންވަރުގައި ނުދައްކާނަމަ، އެ ކަންކަން ހައްލު ކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭނެކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

ތައުލީމީ ދާއިރާއަކީ މި ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ.

ތައުލީމީ ދާއިރާ ރަނގަޅު ކުރުމަށް 'ތައުލީމަށް އިންގިލާބީ ބަދަލު'ގެ ނަމުގައި 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް ވެސް މިދިޔަ އަހަރު ސަރުކާރުން ފެށިއެވެ.

comment ކޮމެންޓް