ޔޯގާ ޑޭ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފި

ބައިނަލްއަގްވާމީ ޔޯގާ ދުވަސް، ރާއްޖޭގައި ކުލަގަދަކޮށް މިއަދު ފާހަގަކޮށްފިއެވެ.

ތާޖު މޯލްޑިވްސް ރިސޯޓުގައި 11 ވަނަ ޔޯގާ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައި ވަނީ އިންޑިއާ ހައި ކޮމިޝަންގެ އިސް ނެގުމުގެ މަތިންނެވެ.

މި ހަރަކާތުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދިވެހީން ވެސް ހިމެނެއެވެ.

މި ހަރަކާތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރުއެވެ. އަދި މި ހަރަކާތުގައި އިންޑިއަން ހައި ކޮމިޝަނަރު ބާލަސުބްރަމާނިއަން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅިގެން ބޮޑު ހަމަނުޖެހުމަކަށް ގޮސްފައިވެއެވެ. އެއީ 2022 ވަނަ އަހަރު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުމެކެވެ. ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސްވެރިން ޔޯގާ ހަރަކާތުގައި ގަލޮޅު ދަނޑުގައި ތިއްބައި ބަޔަކު ވަދެ ގަނެ ވަނީ އެ ދުވަހު ހަމަނުޖެހުން ހިންގައިފައެވެ.

އެކަމާ ގުޅިގެން ދެ ޝެއިހަކާއި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާއީލް ވެސް ހައްޔަރުކޮށް ދައުވާ އުފުލިއެވެ. ނަމަވެސް މި ފަހުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފައެވެ.

ޔޯގާ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ މެޑިޓޭޝަން ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް އެންގި ސިޓީއެއް އެ ދުވަސްވަރު އާންމުވިއެވެ. ނަމަވެސް މިނިސްޓްރީންވެސް އަދި ދައުލަތުގެ އެއްވެސް އިދާރާއަކުންވެސް އެހެން އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން އޭރު ބުނެފައިވެއެވެ.

އެ މައްސަލައިގައި އޭރު ޔޫތު މިނިސްޓަރަކަށް ހުންނެވި އަހުމަދު މަހުލޫފް މަޖިލީހަށް ވެސް ހާޒިރުކުރިއެވެ.

ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކެއްކަމުން، ކަނޑައެޅިފައިވާ އުސޫލުތަކުގެތެރެއިން މިފަދަ މައްސަލަތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރަޢުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަކުރަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެތެރޭގައި ހިމަނާފައިވާ ކަމަކަށްވާތީ، އެހެން ހުރިހާ ގައުމުތަކުގެވެސް ކުޅިވަރު މިނިސްޓްރީތަކުން ބައިވެރިވާ އުސޫލުގެ ދަށުން ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

އޭރު އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވެސް އަމާޒުކޮށްފައިވެއެވެ.

comment ކޮމެންޓް