މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.
އެމްއެމްސީގެ ބައި އިލެކްޝަން ކުރިއަށް ދިޔައީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައެވެ. މިއަދު ބޭއްވި އިންތިހާބުގައި 53 މީޑިއާއަކުން ވޯޓުލިއެވެ.
އެގޮތުން މިއަދު ނެގި ވޯޓުގައި އިންތިޚާބުކޮށްފައި ވަނީ މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނާއި، އާންމުން ތަމްސީލުކުރާ މެންބަރެކެވެ.
މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނަށް ހޮވިފައިވަނީ ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމާއި، އަދަދު ނޫހުގެ ލީވާން އަލީ ނާސިރެވެ.
އަމިއްލަ މެންބަރެއްގެ ގޮތުގައި އިންތިޚާބު ވެފައިވަނީ ހައްވާ ވަޖުދާ ގާސިމެވެ.
މުޒައްޔިންއަށް ލިބުނީ 50 މީޑިއާގެ ވޯޓެވެ. ލީވާނަށް ލިބުނީ 48 މީޑިއާގެ ވޯޓެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު މިޑިއާގެ ވޯޓެވެ.
މީޑިއާ ކައުންސިލް ބައި-އިލެކްޝަން ބާއްވާފައި މިވަނީ ކައުންސިލްގެ ތިން މެންބަރުންގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.
މި އިންތިޚާބުގައި މީޑިއާތަކުގެ ދެ މަގާމަށް ތިން ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު، އާންމުންގެ މަގާމަށް ހަ މީހަކު ވަނީ ކުރިމަތިލައިފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސަކަށް ތިލަދުން އޮންލައިންގެ ސީއީއޯ ހުސައިން ސަގީފް އިންތިޚާބުކުރީ ޑިސެމްބަރު 16ގައެވެ.
މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެންބަރުން ތިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ މީޑިއާތަކަށް ނިސްބަތްވާ އަށް ނޫސްވެރިންނާއި އަމިއްލަ ގޮތުން ހޮވާ ހަތް މެންބަރުންނެވެ. އެ ކައުންސިލްގެ މެންބަރެއްގެ ދައުރަކީ ދެ އަހަރެވެ.