އަބީޝެކްގެ އާ ފިލްމެއް އަންނަ މަހު ޒީ5އިން ގެނެސްދޭނެކަން އިއުލާނުކޮށްފި

ބޮލީވުޑް އެކްޓަރު އަބިޝޭކް ބައްޗަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑް އެކްޓަރު އަބީޝެކް ބައްޗަން އަލަށް މަސައްކަތްފެށި ފިލްމު "ކާލިދާރު ލާޕަތާ" އަންނަ މަހު ޒީ5ގައި ޕްރީމިއާ ކުރާނެކަން އިއުލާނުކޮށް ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފިއެވެ.

އެކަން އިއުލާނުކުރަމުން އަބީޝެކްގެ ރަސްމީ އިންސްޓަގްރާމްގައި ލިޔުނު ޕޯސްޓުގައި ބުނެފައި ވަނީ، ބައެއްފަހަރު ހުވަފެނީ ދުނިޔެއެއްގައި އުޅުމަކީ ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ދިރިއުޅުމުގެ ހަގީގީ ވާހަކަ ފެށެނީ އެހާ ހިސާބުން ކަމަށެވެ. އެއާއެކު އެކްޓަރު ވަނީ ފިލްމު "ކާލިދާރު ލާޕަތާ"ގެ ޕޯސްޓަރެއް ވެސް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

މަދޫމީތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުން އަބިޝޭކްއާ އެކު ދައިވިކީ ބަގޭލާ ނަމަކަށް ކިޔާ ކުޑަ ކުއްޖަކު ވެސް ފެންނާނެއެވެ. މި ފިލްމުގެ ޕްލޮޓް ބިނާކޮށްފައި ވަނީ ދައިވިކްއާ އެކު ދިރިއުޅުމުގެ ހަގީގީ މާނަ ހޯދުމަށް ދެ މީހުން އެކުގައި ކުރާ ދަތުރުގެ މައްޗަށެވެ.

އަބިޝޭކް ބައްޗަން ދާދިފަހުން އިއުލާނުކުރި ފިލްމު "ކާލިދާރު ލާޕަތާ"ގެ ޕޯސްޓަރު --ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކަލް ހޯ ނަ ހޯ"ގެ ޑައިރެކްޓަރު ނިކިލް އަދުވާނީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި އަބީޝެކްއާ އެކު ބަތަލާ ނިމްރަތު ކޯރު ވެސް މުހިއްމު ރޯލްއިން ފެންނާނެއެވެ.

އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ހެއްވާ މަޖާ ފިލްމު "ހައުސް ފުލް 5"އެވެ. އަބީޝެކްގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ ޝާހްރުކް ޚާން މަސައްކަތް ފަށާފައިވާ އެކްޓަރު އާ ފިލްމު "ކިންގް" އަދި "ރާޖާ ޝިވާޖީ"ގެ ނަމުގައި ގެނެސްދޭ ފިލްމެއް ހިމެނެއެވެ.

އަބީޝެކްގެ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު ފިލްމު "ކާލިދާރު ލާޕަތާ" ޒީ5ގައި ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

comment ކޮމެންޓް